Roadha Mihaaru

ހަރަދުން ސަލާމަތް ކުރަން ބުނި 7.7 ބިލިއަން ސަޕްލިމެންޓު ކުރާނެ: އަމީރު

ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތާ ގުޅިގެން، ހަރަދުތައް ކުޑަކުރަން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ހިމެނި އެއްވެސް ފިޔަވަޅެއް ތަންފީޒު ކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށާއި އެއްވެސް ޕްލޭނެއް ނެތި ހަރަދުތައް ވެސް އިތުރުވެފައިވާ ކަމަށް އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

"ހަރަދު ފޫބައްދަން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ"

ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތާ ގުޅިގެން، ހަރަދުތައް ކުޑަކުރަން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ހިމެނި އެއްވެސް ފިޔަވަޅެއް ތަންފީޒު ކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށާއި އެއްވެސް ޕްލޭނެއް ނެތި ހަރަދުތައް ވެސް އިތުރުވެފައިވާ ކަމަށް އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމުގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވި ގޮތުގައި، ސަބްސިޑީ އާއި އާސަންދަ އާއި ޕެންޝަން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުން ފަދަ ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް ބަޖެޓުގައި ހިމަނައި، ސަރުކާރުން އިއުލާނުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އަހަރުގެ ދެވަނަ މަސް ނިމުމުގެ ކުރިން، ސަރުކާރުގެ ރާގު މުޅިން ބަދަލުވެ، ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ބަދަލުގައި، އެ ކަންކަމުގެ ހަރަދުތައް އަދިވެސް އިތުރުވާ ގޮތަށް، ރައްޔިތުންނަށް ވައުދުތައް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަޖެޓުގައި އެބައޮތް 7.7 ބިލިއަން ރުފިޔާ ހަރަދުތައް ކުޑަކޮށްގެން ސަލާމަތްވާނެ ކަމަށް ލަފާކޮށްފައި. ނަމަވެސް މި ފެންނަނީ ޖެނުއަރީ މަސް ނިމިގެންދާއިރު ހަރަދު ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ވެސް ނެތް. މި 7.7 ބިލިއަން ރުފިޔާ ސޭވް ކުރެވޭނެ އެއްވެސް ގޮތެއް ނެތް،" އަމީރު ތުހުމަތު ކުރެއްވި އެވެ.

މި މިސްރާބުގައި ކުރިއަށް ދާ ނަމަ، އޭނާ ލަފާކުރެއްވި ގޮތުގައި، އެ އަދަދު ފޫބެއްދުމަށްޓަކައި މި އަހަރު 7.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އަމީރު ވަނީ މާލީ އެކި ހިސާބުތައް ހިއްސާ ކުރައްވައި، ސަރުކާރުން ދެއްކި، އަދި ދައްކަމުންދާ ވާހަކަތަކާ އަމަލު ދިމާނުވާ ކަމަށް ތަކުރާރުކޮށް ތުހުމަތު ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން ފެށި ތަރައްގީގެ މަޝްރޫއުއެއް އަދި ނެތަސް، ކޮންމެ ރަށަކަށް ތަފާތު އެކި ވައުދުތައް ދަނީ ވަމުންނެވެ.

އެކަމަކު، އެ އިން އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދާނެ އެއްވެސް ޕްލޭނެއް އަދި މިސްރާބެއް ވެސް މި ސަރުކާރުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަރައްގީގެ މަޝްރޫއުއެއް ހިންގޭނީ ބަޖެޓު ރަނގަޅަށް މެނޭޖުކުރެވިގެން،" މިހާރަށް ވުރެ ޒިންމާދާރުކޮށް މާލީ ކަންކަން ކުރިއަށް ގެންދަން ސަރުކާރަށް އިލްތިމާސް ކުރައްވަމުން އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދަރަނި ނެގުން ވެސް މި ސަރުކާރުގައި އިތުރުވެފައިވާ އިރު، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު، ދައުލަތުގެ ދަރަނި 200 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.