Roadha Mihaaru

ރައީސްގެ ތަސައްވުރާ އެކު، ޝަރުއީ ދާއިރާގެ ނިކަމެތިކަމަށް ހައްލެއް ގެނެވޭނެ: ޖޭއެސްސީގެ ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެކު، ޝަރުއީ ދާއިރާ އަށް ކުރިމަތިވެފައިވާ ނިކަމެތިކަން ނިންމުމަކަށް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހުސައިން ރިޒާ ރޭ ވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާގެ ނިކަމެތިކަމަށް ހައްލެއް ގެނެވޭނެ: ރިޒާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެކު، ޝަރުއީ ދާއިރާ އަށް ކުރިމަތިވެފައިވާ ނިކަމެތިކަން ނިންމުމަކަށް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހުސައިން ރިޒާ ރޭ ވިދާޅުވެއްޖެ އެވެ.

ގަޟާއީ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ވިދާޅުވީ، އޭނާ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް މުއިޒާ އެކު ބޭއްވި ބައްދަލުވުމުގައި، ޝަރުއީ ދާއިރާ އަށް މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުންތައް ހިއްސާ ކުރެއްވި ކަމަށާއި އެ ތިން ކަމަށް ވެސް އުއްމީދީ ޖަވާބެއް ލިބިވަޑައިގެންނެވި ކަމަށެވެ.

ޝަރުއީ ދާއިރާއަކީ ދައުލަތުގެ އެއް ބާރު ކަމަށްވީ ނަމަވެސް، އިދާރީ ގޮތުން އެއްވެސް ބާރެއް ނެތް ދާއިރާއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ކަމަށް އެދެވިގެންވާ ހައްލުތަކެއް ގެނެސް ދެއްވާނެ ކަމުގެ އުއްމީދު ރައީސްގެ ފަރާތްޕުޅު ލިބިވަޑައިގެންފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.

ޝަރުއީ ކޯޓުތަކަށް މި ވަގުތުން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. ކޯޓުތަކަށް ހާއްސަ ކޯޓު ކޮމްޕްލެކްސްއެއް އަޅާ ވާހަކަ 2011 ވަނަ އަހަރުން ފެށިގެން ދައްކަމުންދާ ކަަމަށާއި ނަމަވެސް އެކަމަށް އެއްވެސް އަމަލީ ސިފައެއް މިހާތަނަށް ވެސް ނެތް ކަމަށް ރިޒާ ވިދާޅުވި އެވެ. އެކަމަކު، ކޯޓު ކޮމްޕެލްކްސް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭ ފަށާނެ ކަން ރައީސް މުއިއްޒު ވަނީ ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވައިފަ އެވެ.

ގަޟާއީ އަހަރު ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ރިޒާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ގަޟާއީ އަހަރު ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ރިޒާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގައި މާފުށީ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ރިޒާ ވިދާޅުވީ، ކުރީގައި މުވައްޒަފުން ހޯދަން އިއުލާން ކުރުމާ އެކު، އެތައް މީހުންނެއް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް މިހާރު ދެތިން ފަހަރު އިއުލާން ކޮށްގެން ވެސް މުވައްޒަފުން ނުލިބޭ ކަމަށެވެ.

އޭގެ ސަބަބަކީ ރިޒާ ވިދާޅުވި ގޮތުގައި މުސާރަ ކުޑަވުމާއި ވަޒީފާގެ ކުރިއެރުން ޝަރުއީ ދާއިރާގައި ނުލިބޭތީ އެވެ. އެހެންވެ، މުވައްޒަފުން ގިނަ ދުވަހު ވަޒީފާގައި ދެމިނުތިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަން ވެސް ހައްލުކޮށްދެއްވާނެ ކަން ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަން ރިޒާ ފާހަގަކުރެއްވި އެވެ.

ރިޒާ ވިދާޅުވީ ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރުމަށް ފަހު، ވަކިވެގެންދާއިރު ބާހިޔާވަހިކަމުގެ ޔަގީންކަމެއް ލިބުމަކީ ފަނޑިޔާރުންނާއި މުވައްޒަފުން ވެސް އެދޭ ކަމެއް ކަމަށާއި އެކަން ވެސް ރައީސް މުއިއްޒަށް ދަންނަވާފައިވާ ކަމަށެވެ. އުސޫލުގެ ތެރެއިން އެކަމަށް ވެސް ގޮތެއް ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.

"މަނިކުފާނުގެ ތަސައްވުރީ ވިސްނުންފުޅާއި ރިޔާސީ ވައުދުފުޅުގެ ތެރެއިން ޝަރުއީ ދާއިރާ އަށް ކުރިމަތިވެފައިވާ ނިކަމެތިކަމަށް ނިމުމެއް ގެނެސްދެއްވުމަށް ތިޔަ ކުރައްވާ އިހުލާސްތެރި ބުރަ މަސައްކަތުގައި ދެމިހުންނެވުމަށް މުޅި ޝަރުއީ ދާއިރާ އޭގެ ހާލުގެ ދުލުން ގޮވާލާ،" ރިޒާ ވިދާޅުވި އެވެ.