Roadha Mihaaru

ޖޭއެސްސީގެ ރައީސްކަން ކުރައްވަން ޖެހޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް: މުއިއްޒު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ކުރެއްވުން އެންމެ ރަނގަޅީ އެ ކޮމިޝަނަށް ސުޕްރީމް ކޯޓުން އައްޔަންކުރާ ފަނޑިޔާރު ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ ރައީސް ހޮވަން މުއިއްޒުގެ ހިޔާލެއް
ނާޒިމް ހަސަން
ނާޒިމް ހަސަން

26 ނޮވެމްބަރ 2025

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ކުރެއްވުން އެންމެ ރަނގަޅީ އެ ކޮމިޝަނަށް ސުޕްރީމް ކޯޓުން އައްޔަންކުރާ ފަނޑިޔާރު ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މައްޗަންގޯޅީގެ ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވި ބައްދަލުވުމުގައި ހިޔާލުފާޅުކުރައްވަމުން މުއިއްޒު ވިދާޅުވީ ގާނޫނުތަކަށް އިސްލާހު ގެންނައިރު، ޖޭއެސްސީ އިސްލާހު ކުރަން ހުށަނާޅާތީ ސުވާލު އުފެދޭ ކަމަށެވެ.

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ޖޭއެސްސީގެ ރައީސް ކަމަށް ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރެއް އިންނަވާތީ ސުވާލު އުފެދޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ލިޔެފައި ނެތަސް ޖޭއެސްސީގެ ރައީސްކަން ކުރައްވަން ވާނީ ސުޕްރީމް ކޯޓުން ވަޑައިގަންނަވާ ބޭފުޅެއް. ދެން ނައިބު ރައީސްކަން ކުރައްވަންވާނީ ދެން ހުންނަވާ ފަނޑިޔާރު. އެކަމަކު މި ފެންނަނީ ޕީއެންސީ މެންބަރަކު، އެމްޑީޕީން ވެސް ކަންތައް ކުރީ މިގޮތަށް. ވަކި ޕީއެންސީއަކުން ނޫން،" މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުން، ޖޭއެސްސީގެ ރައީސްކަން ކުރައްވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް ޕްރެޓިކްސްއެއް ގޮތަށް އަމަލުކުރަން ފަށަން ރައީސް ވިސްނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާއަށް ބަޖެޓުން ގްރާންޓެއް ދޭން ނިންމައި ކްރިމިނަލް ކޯޓުގެ ވަގުތީ އިމާރާތުގެ މަސައްކަތް ނިންމުމަކީ ޝުކުރުވެރިވާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ދާއިރާއާ ގުޅޭ ކަންބޮޑުވުންތައް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މުއިއްޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު މަދުކުރަން ކުއްލިއަކަށް މެންބަރަކު ހުށަހަޅައި، އެ ބިލް ރައީސް ތަސްދީގުނުކުރުމުން އަލުން މަޖިލީހުން ގޮތެއް ނުނިންމާ ބާއްވާފައިވަނީ ނުފޫޒު ފޯރުވަން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ ސަރުކާރު ނިސްބަތްވާ ޕާޓީގެ މެންބަރަކު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ކަމަށް ވިދާޅުވި އެވެ.

އޭގެފަހުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއް ވަކިކޮށްފައިވަނީ، މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި އަދުލުވެރި ގޮތަކަށް، އިހުސާންތެރި ގޮތަކަށް އެ ބޭފުޅުންނަށް ދޭން ޖެހޭ ފުރުސަތުތައް ދީގެންނެއް ނޫނެވެ.

މުއިއްޒު ވަނީ ސިޔާސީ މުވައްޒަފުން ސަރުކާރުގައި ގިނަކަން ވެސް ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ މަގާމުތަކަށް މީހުން ނަގަނީ ކޮންމެހެން މަގާމުތަކަށް މީހުން ބޭނުންވެގެން ނޫން ކަމަށާއި ރައީސްގެ ޒާތީ މަސްލަހަތެއް ހިމާޔަތް ކުރަން ކަމަށެވެ. ކުންފުނިތަކުގެ ވަޒީފާތަކާއި ބޭރުގެ މިޝަންތަކުގެ ވަޒީފާތައް ވެސް އޮތީ ހަމަ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މިފަހުން އަމިއްލަ ކުންފުނިތަކަށް ބިޑަކާނުލައި ހަވާލުކުރި މަޝްރޫއުތަކާ ގުޅިގެން ވެސް މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ އެކަން ކުރަން ޖެހޭނީ ހާމަކަން ބޮޑު ގޮތެއްގައި، އެއީ އެއްވެސް ކޮރަޕްޝަނެއް ނުހިމެނޭ ކަމެއްކަން ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަށް ކަމަށެވެ.

"މިހާރަށް ވުރެ ތަންކޮޅެއް ބޮޑަށް ހާމަކަން ބޮޑު ކުރައްވާ ރައްޔިތުންނަށް ގަބޫލުފުޅުކުރެއްވޭ ގޮތަށް އެ ބިޑްތައް ހަވާލު ކުރައްވާށޭ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ސިވިލް ސާވިސްގެ އެކި މިނިސްޓްރީތަކުގެ ހިދުމަތްތަކާ މެދު ރައްޔިތުން ހިތްހަމަނުޖެހޭކަން ފާހަގަކުރައްވައި، އެކަން ރައީސް ބައްލަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ފުލުހުންގެ އިތުބާރު ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތްތައް ވެސް ރައީސް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އޭގެއިތުރުން މުހިންމު ބޮޑެތި ބަދަލުތައް ގެންނައިރު، ހަމައެކަނި މަޖިލީހަށް ހުށަހަޅާ ފަސް ފޮޅުވަތުގެ ބިލެއްގެ އިތުރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އިލްމީ ކަރުދާސްތައް ހަދައިގެން ކަންކަން ކުރުމަށް ވެސް މުއިއްޒު އެދިވަޑައިގެންނެވި އެވެ. އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އަތޮޅު ކައުންސިލް އުވާލަން ނިންމި ނިންމުމެވެ.

މުއިއްޒުގެ މި ވާހަކަތަކާ ގުޅިގެން ރައީސް ވަކި ޖަވާބެއް އެ ބައްދަލުވުމުގައި ނުދެއްވަ އެވެ.