Roadha Mihaaru

ލަވަކިޔުންތެރިޔާ މެޒޯ މޯޑް ނިޔާވެއްޖެ

ދިވެހިންގެ ތެރޭގައި މަގްބޫލު، އަމިއްލަ ރާގުގެ ގިނަ ލަވަތަކެއް ކިޔާފައިވާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ދެންމެ ނިޔާވެއްޖެ އެވެ.

ލަވަކިޔުންތެރިޔާ މެޒޯ މޯޑް ނިޔާވެއްޖެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

12 ފެބުރުއަރީ 2025

ދިވެހިންގެ ތެރޭގައި މަގްބޫލު، އަމިއްލަ ރާގުގެ ގިނަ ލަވަތަކެއް ކިޔާފައިވާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ދެންމެ ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 59 އަހަރުގައި މެޒޯ މޯޑް ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެެވެ. އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ އޮތީ ނިޔާވެފައިވާ ކަމަށް އެނގިފައި ވެ އެވެ.

މެޒޯ މޯޑު ނިޔާވުމާ ގުޅިގެން މިއުޒިކީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު އަންނަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ. މިއީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ އަށް ހިތާމަވެރި ދުވަހެއް ކަމަށް އެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ބުންޏެވެ.

މެޒޯ މޯޑަކީ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ބައްޕަ ވެސް މެ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި "މެޒޯ" ބޭންޑާ އެކު ނުކުތުމުގެ ކުރިން ކްލަބް ކޯބްރާސް އާއި ކްރީމް އޮފް އެސިޑް އަދި އޭރުގެ މަޝްހޫރު ކްއިކް ސޭންޑާއި ޓްވެންޓިއަތު ސެންޗުރީ ބީސީ އަށް މެޒޯ މޯޑް މިއުޒިކް ކުޅުނެވެ.

އޭނާ މިއުޒިކީ ދާއިރާ އަށް ނުކުތީ 1977 ގައި ކްލަބް ކޯބްރާސްއިންނެވެ.

ރިސޯޓު މިއުޒިކުގައި ވެސް މަޝްހޫރު މެޒޯ މޯޑަކީ ދިވެހިން ފަހުރުވެރިވާ ފެންވަރުގެ މިއުޒިކާއި ލަވަތަކާ އެކު ދިވެހި މިއުޒިކީ އުދަރެހުގައި ފިސާރި ލެޖެންޑަކަށް ބަދަލުވެފައިވާ ފަންނާނެކެވެ. މިހާތަނަށް ހަތަރު އަލްބަމަކާ އެކު 40 އަށް ވުރެ ގިނަ އަމިއްލަ ރާގު އާންމުންނާ ހަމަ އަށް ގެނެސްދީފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، މެޒޯ މޯޑަށް 2010 ގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވަނީ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، މެޒޯ މޯޑަށް 2010 ގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވަނީ.

އޭނާގެ އެންމެ ހިޓު ލަވަތަކުގެ ތެރޭގައި "ކަމަނަ ގޯތީ އާދަނުތާ" އާއި "ޖިސްމު" އާއި "ރޯނުއެދުރު" އާއި "އެޅި މިކަނޑުމަތި" އާއި "އަކިރި ދެމޭ" އާއި "އުޑުން ތަރިތައް" އަދި "ވިސްނާ ވިސްނާ" ގެ އިތުރުން "ދާނޭހޭ ތިހަނދާން ފިލާ" ފަދަ ލަވަތައް ހިމެނެ އެވެ. އަދި އޭނާގެ މަޝްހޫރު ލަވަ އަލްބަމްތަކުގެ ތެރޭގައި "ގުގުރި" އާއި "މާލި" އާއި "ޓެންތު" އަދި "ލިސްނާ" ހިމެނެ އެވެ. ޖުމުލަ 40 ލަވަ ހިމެނޭ އެ ހަތަރު އަލްބަމްގައި މުޅިން ވެސް ހިމަނާފައި ވަނީ އަމިއްލަ ރާގެވެ.

މެޒޯ މޯޑުގެ 48 އަހަރުގެ ދިގު މިއުޒިކީ ކެރިއަރުގައި އޭނާ އަށް ވަނީ އެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް 2010 ގައި ލިބިފަ އެވެ.