Roadha Mihaaru

މޯޑުގެ އެންމެ ފަހު ވަގުތުތައް މަރޭއާ އެކު

ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) އާއި ކުޅިވަރު ހިންގުންތެރިޔާ އަހުމަދު މަރުޒޫގް (މަރޭ) އަކީ ޒަމާނުއްސުރެ ގާތް ދެ އެކުވެރިންނެވެ. ވަރަށް ގިނައިން އެކުގައި ކޮފީ ބޯން ދެ އެވެ. ޓްވިޓަރުގައި ދެ މީހުން ދެމީހުންނަށް ސަމާސާ ޕޯސްޓްކުރެ އެވެ. ކަމެއް ދިމާވެއްޖެ ނަމަ އެކެއް އަނެކަކަށް އެހީތެރިވެ އެވެ.

މޯޑުގެ އެންމެ ފަހު ވަގުތުތައް މަރޭއާ އެކު
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

13 ފެބުރުއަރީ 2025

ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) އާއި ކުޅިވަރު ހިންގުންތެރިޔާ އަހުމަދު މަރުޒޫގް (މަރޭ) އަކީ ޒަމާނުއްސުރެ ގާތް ދެ އެކުވެރިންނެވެ. ވަރަށް ގިނައިން އެކުގައި ކޮފީ ބޯން ދެ އެވެ. ޓްވިޓަރުގައި ދެ މީހުން ދެމީހުންނަށް ސަމާސާ ޕޯސްޓްކުރެ އެވެ. ކަމެއް ދިމާވެއްޖެ ނަމަ އެކެއް އަނެކަކަށް އެހީތެރިވެ އެވެ.

އިއްޔެ ހެނދުނު 10:15 ހާއިރު މަރޭ އަށް މޯޑުގެ ފޯނު ކޯލެއް އަ އެވެ. އެދުނީ މަރޭގެ އަންހެނުން އާއިޝަތު އަފްރާ (އަނާ) ގެ ސެލޫނުން ބޯކޮށަން އެޕޮއިންޓެއް ހޯދައިދޭށެވެ. މޯޑު ބޭނުންވެފައި ހުރީ ބޯކޮށައި ނަލަވެލައިގެން އޭނާގެ ވީޑިއޯއެއް ވެސް ނަގާށެވެ. އަމިއްލަ ބޭނުމަކު އެވެ. އެހެންވެ ބޯކޮށަން ދިއުމުގެ ކުރިން މަރޭއާ އެކު 'ޑިފެކްޓޯ' ފިހާރަށް ގޮސް ނޫކުލައިގެ ޓީޝާޓެއް ވެސް ގަތެވެ.

ބޯކޮށައި ނިންމައި މެންދުރު 1 ޖަހާކަށް ހާއިރު މޯޑު އަނެއްކާ ވެސް މަރޭ އަށް ފޯނުކުރި އެވެ. އެދުނީ ކޮފީއެއް ބޯލަން ސިމްފަނީ ރެސްޓޯރަންޓަށް ދިއުމަށެވެ. މޯޑާއި މަރޭ، ބައެއް އެކުވެރިންނާ އެކު ވަރަށް ގިނައިން ކޮފީ ބޯން ސިންފަންޏަށް އަރަ އެވެ.

މަރޭ (ކ) އާއި މޯޑު: ވަރަށް ގާތް ދެ އެކުވެރިން.

މަރޭ (ކ) އާއި މޯޑު: ވަރަށް ގާތް ދެ އެކުވެރިން.

އިއްޔެ ކޮފީގެ މައިގަނޑު މައުލޫއަކީ މޯޑުގެ އާ ހެއާސްޓައިލަށެވެ. އަރިމަތިން ވަރަށް ރީއްޗަށް ތުނިކޮށް ނަގާފައިވާ ކަޓާ އެކު، މޯޑު ފެންނަނީ ކުރިއަށް ވުރެ ވެސް ޒުވާންކޮށް، ތާޒާކޮށެވެ. އެހެންވެ މަރޭ ހަނދާނަކަށާ އެއްކޮށް މޯޑުގެ ދެ ތިން ފޮޓޯ ނެގި އެވެ. ކަން ދިމާކުރި ގޮތުން އެ ފޮޓޯ ވެގެންދިޔައީ މި ދުނިޔޭގައި މޯޑުގެ އެންމެ ފަހުގެ ހަނދާނަށެވެ.

އޭގެ ސާޅީސް ފަސް ވަރަކަށް މިނެޓު ފަހުން މޯޑު ދުނިޔެ ދޫކުރީ އެވެ.

"ހަޔާތަކީ ވަރަށް ނާޒުކު އެއްޗެކެވެ،" މަރޭ އަށް ބުނެވުނީ އެހެންނެވެ.

ކޮފީ ނިންމާފައި މޯޑު ގެޔާ ދިމާލަށް މިސްރާބު ޖެހީ މެންދުރު ދޭއް ޖަހަން އުޅެނިކޮށެވެ. މަރޭ ދިޔައީ ދަރިފުޅު ސްކޫލަށް ލާށެވެ. ކުޑަކުޑަ އިރުކޮޅެއް ތެރޭ މަރޭ އަށް ގުޅާފައި މޯޑު އެދުނީ ވަރަށް ސަކަރާތްވެއްޖެ ކަމަށާއި ވަރަށް އަވަހަށް ގޭގެ ފަސް ވަނަ ބުރިއަށް އައިސްދިނުމަށެވެ.

"އެ ހިސާބުން އެނގިއްޖެ ކަމެއް ގޯސްވީކަން،" މަރޭ ބުންޏެވެ.

"އެ ނޫނީ ދުވަހަކު ވެސް ނުބުނާނެ މައްޗަށް އަރަން. ލިފްޓެއް ވެސް ނުހުންތީއާ އެކު،"

މަރޭ އަށް އެ ގެއާ ހަމަޔަށް ނުދެވެނީސް ލިބުނީ މޯޑު ސޯފާއަށް ވެއްޓިފައި އޮތް ޚަބަރެވެ. އޭނާ ވެސް ގޮސް، މޯޑުގެ އަންހެނުންނާ ވެގެން ސީޕީއާރު ވެސް ދިނެވެ. އެކަމަކު އޭރު އޭނާގެ އަތްފައި ވަނީ ފިނިފަ އެވެ. "ހަމަހިމޭންކަންމަތީ ލޯ މަރާލައިގެން"ނެވެ.

މޯޑުގެ މަރަކީ، އޭނާގެ އާއިލާ އާއި އެކުވެރިންނަށް ލިބުނު ފުން ހިތާމައެއް އެކަންޏެއް ނޫނެވެ. އޭނާ އެ ދިޔައީ އެތައް ދިވެހީންނަށް ރޮއްވާލައިފަ އެވެ. އެއީ ދިވެހި މިއުޒިކުގެ ފަހުރެކެވެ. ދިވެހި ފަންނުވެރިކަމަށް އެތައް ހިދުމަތްތަކެއް ކޮށްދީފައިވާ މިއުޒީޝަނެކެވެ.

މަރޭ މިއަދު އެދެނީ އޭނާގެ އެކުވެރިޔާ އަށް އެންމެ ފަހުގެ ވަދާއު ކިޔަން، އެންމެން ވެސް އައިސްދިނުމަށެވެ. މޯޑުގެ މޫނުދެއްކުން އޮންނާނީ މިއަދު މެންދުރުފަހު 1 އިން 3 އަށް އިސްލާމީ މަރުކަޒުގަ އެވެ. ކަށުނަމާދު އޮންނާނީ އަސުރު ނަމާދަށް ފަހު އެވެ. ވަޅުވާލީ އާސަހަރާ މިސްކިތުގަ އެވެ.