Roadha Mihaaru

މަނާބޭހުގެ މައްސަލައިގައި ސިނާ އަށް ތިން މަހުގެ ސަސްޕެންޝަނެއް

ދުނިޔޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޖެނިކް ސިނާ މަނާބޭހަކަށް ޕޮޒިޓިވް މައްސަލައިގައި، އޭނާ ތިން މަހަށް ސަސްޕެންޑްކުރަން ވޯލްޑް އެންޓި ޑޯޕިން އޭޖެންސީ (ވާޑާ) އިން ނިންމައިފި އެވެ.

މަނާބޭހުގެ މައްސަލައިގައި ސިނާ އަށް ލުއި އަދަބެއް

ދުނިޔޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޖެނިކް ސިނާ މަނާބޭހަކަށް ޕޮޒިޓިވް މައްސަލައިގައި، އޭނާ ތިން މަހަށް ސަސްޕެންޑްކުރަން ވޯލްޑް އެންޓި ޑޯޕިން އޭޖެންސީ (ވާޑާ) އިން ނިންމައިފި އެވެ.

ސިނާގެ ސަސްޕެންޝަން މޭ މަހުގެ 4 ވަނަ ދުވަހު ހަމަވާނެ އެވެ. މާނައަކީ އެ މަހު ފަށާ މި އަހަރުގެ ދެ ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަންގައި އޭނާ އަށް ކުޅުމުގެ ފުރުސަތު ލިބުމެވެ. ހަމަ އެ މަހު އޮންނަ ރޯމް އޯޕަންގައި ވެސް އޭނާ އަށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވޭނެ އެވެ.

ސިނާ ބުނެފައިވަނީ އޭނާ ގަސްދުގައި، އެއްވެސް ފައިދާއެއް ހޯދުމުގެ ނިޔަތުގައި މަނާބޭހެއް ބޭނުންކޮށްފައިނުވާ ކަމަށެވެ. އޭނާގެ ޕޮޒިޓިވްވީ ކްލޮސްޓެބޮލް އަށެވެ. ސިނާ ބުނީ އެއީ އޭނާގެ ގައިގެ ފާރުގަނޑެއް ސާފުކުރަން ފިޒިއޯތެރަޕިސްޓް ޖެހި ސްޕްރޭއަކުން ހަށިގަނޑަށް ވަން މާއްދާއެއް ކަމަށެވެ.

އެކަމަށް ރިއާޔަތްކޮށް މިނިވަން ޕެނަލަކުން ސިނާ ސަސްޕެންޑްނުކުރަން ވެސް ނިންމި އެވެ. އެކަމަކު ވާޑާ އިން އޭރު ބޭނުންވީ އޭނާ ދެ އަހަރަށް ސަސްޕެންޑްކުރާށެވެ. އަދި އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އަށް ވެސް ހުށަހަޅަން ނިންމި އެވެ.

އެކަމަކު ވާޑާ އިން ފަހުން ވަނީ ސިނާގެ ބަސް ގަބޫލުކޮށް، އޭނާ މަނާބޭސް ބޭނުންކުރީ އެއްވެސް ފައިދާއެއް ހޯދުމުގެ ނިޔަތުގައި ނޫން ކަމަށް ބަލައިގެންފަ އެވެ. އަދި ސިނާ ވެސް ވަނީ ގަސްދުގައި ކުރި ކަމެއް ނޫން ވިޔަސް، އެކަން ދިމާވީ އޭނާގެ މައްސަލައަކުން ކަމަށް އެއްބަސްވެފަ އެވެ. އެހެންވެ ވާޑާ އިން އޭނާ އަށް ލުއި އަދަބެއް ދިނީ އެވެ.