Roadha Mihaaru

ސާވާއަށް މައްސަލަ ދިމާވެ، ކްރިމިނަލް ކޯޓުގެ އޮންލައިން ޝަރީއަތްތައް ހުއްޓިއްޖެ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) ގެ ސާވާއަށް މައްސަލަ ދިމާވެ، ކްރިމިނަލް ކޯޓުގެ އޮންލައިން ޝަރީއަތްތައް ހުއްޓިއްޖެ އެވެ.

ސާވާ މައްސަލަ ޖެހި،އޮންލައިން ޝަރީއަތްތައް ހުއްޓުމަކަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

17 ފެބުރުއަރީ 2025

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) ގެ ސާވާއަށް މައްސަލަ ދިމާވެ، ކްރިމިނަލް ކޯޓުގެ އޮންލައިން ޝަރީއަތްތައް ހުއްޓިއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން، އޮންލައިންކޮށް ހިންގާ ހުރިހާ ޝަރީއަތްތަކެއް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހުއްޓިފައިވާ ކަމަށެވެ.

ޖާގައިގެ ދަތިކަމާ ހެދި ދަށު ކޯޓުގެ 80 ޕަސެންޓް މައްސަލަތައް މިހާރު ވެސް ހިންގަނީ އޮންލައިންކޮށެވެ. އޭގެ ތެރޭގައި ބަންދުގައި ތިބޭ މީހުންނާއި ރަށްރަށުގައި ހެކިވެރިން ތިބޭ މައްސަލަތައް ހިމެނެ އެވެ. ނަމަވެސް، ސާވާގެ މައްސަލައާ ހެދި އިންޓަނެޓާއި ނެޓްވޯކާއި ފޯނުލައިން ކެނޑިފައިވާތީ އެ މަސައްކަތަށް ވަނީ ބުރޫ އަރައިފަ އެވެ.

އެހެންވެ، އެ ކޯޓުގައި މިއަދު ކުރިއަށް ގެންދަނީ މީހުން ހާޒިރުކޮށްގެން ގެންދާ ޝަރީއަތްތައް އެކަންޏެވެ. އަދި ބަންދާ މެދު ގޮތެއް ނިންމަން ވެސް ގިނަ އަޑުއެހުންތައް އާންމުކޮށް ބާއްވަނީ އޮންލައިންކޮށް ކަމަށް ވިޔަސް، މިއަދު ބަންދު މަޖިލިސް ވެސް ކުރިއަށް ގެންދާނީ މީހުން ކޯޓަށް ހާޒިރު ކޮށްގެން ކަމަށް ކޯޓުން ބުންޏެވެ.

ކޮވިޑަށް ފަހު ގިނަ ކޯޓުތަކެއްގެ އަޑުއެހުންތައް ވަނީ އޮންލައިންކޮށް ބާއްވަން ފަށައިފަ އެވެ.

ނަމަވެސް ބައެއް މައްސަލަތަކުގެ އަޑުއެހުންތައް މީހުން ހާޒިރުކޮށްގެން ކުރިއަށް ގެންދަން ޖެހެ އެވެ. ނަމަވެސް ކްރިމިނަލް ކޯޓު މިހާރު ހިންގާ އެސްޓީއޯގެ ކުރީގެ އިމާރާތް ބާވެ، އެ އިމާރާތުގެ ބައެއް ބޭނުންކުރުން ހުއްޓާލަން ޖެހުމުން އެ ކޯޓަށް ޖާގައިގެ ދަތިކަން ވަނީ ދިމާވެފަ އެވެ.

އެކަން ހައްލުކުރަން ހުޅުމާލޭގައި ކުރިން ހިންގި ކޮވިޑް ފެސިލިޓީއަށް އެ ކޯޓުގެ މަސައްކަތްތައް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.