Roadha Mihaaru
ފަނޑިޔާރުންނަށް އިންޒާރެއް ނުދެން: އަބްދުއްރަހީމް

ފަނޑިޔާރުންނަށް އިންޒާރެއް ނުދެން، ބޭއަދަބީ ބަހެއް ނުބުނަން: އަބްދުއްރަހީމް

30 ނޮވެމްބަރ 2019

ފަނޑިޔާރުންނަށް އިންޒާރުދީ އެ ބޭފުޅުންނަށް ބޭއަދަބީ ބަހަކުން މުހާތަބުކޮށްފައި ނުވާނެ ކަމަށް ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފަނޑިޔާރުންނަށް އިންޒާރުދީ އެ ބޭފުޅުންނަށް ބޭއަދަބީ ބަހަކުން މުހާތަބުކޮށްފައި ނުވާނެ ކަމަށް ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކުރި ހުކުމާ ގުޅިގެން ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދޭން އެދި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި މިރޭ އަބްދުއްރަހީމް ފުލުސް އޮފީހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.

ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ ފަނޑިޔާރުންނަށް އިންޒާރުދީ ހުތުރު ބަސްތައް ބޭނުން ކުރައްވަނީ އެމްޑީޕީގެ ބޭފުޅުން ކަމަށެވެ. ޕީޕީއެމް/ޕީއެންސީގައި ތިއްބެވީ ކޯޓުތަކަށް ވަރަށް އިހްތިރާމް ކުރާ ބަޔަކު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ކޯޓުތަކުން ނިންމާ ނިންމުން އުސޫލުގެ ތެރެއިން ނިންމައިފި ނަމަ، އެއަށް ތަބާވާނެ. ޔާމީންގެ މައްސަލައިގައި އުސޫލުން ބޭރުން ކަން ކުރީމަ އަޅުގަނޑުމެން ފާޑު ކިޔަނީ. އެއްގޮތަކަށް ވެސް ފަނޑިޔާރުންނަށް އިންޒާރު ދީފައެއް ނޯންނާނެ އަޅުގަނޑުމެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ފުލުސް އޮފީހަށް ހާޒިރުވާން އެންގި މައްސަލައިގައި އެހެން ނޫސްވެރިއަކު ކުރި ސުވާލާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ އެކަމާ ގުޅިގެން އިތުރު އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ނިންމައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމަށާއި އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވަނީ ހުކުމްކޮށްފަ އެވެ.

އަބްދުއްރަހީމްގެ ރާގު މިއަދު ތަފާތުވިޔަސް، އެ ހުކުމް ކުރުމާ އެކު، ކޯޓު ބޭރުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުން ކުރައްވައިފަ އެވެ. އަދި އެ ބޭފުޅުންގެ ވެރިކަމެއްގައި ފަސް ފަނޑިޔާރުން ޖަލަށްލާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީންގެ މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަދި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ފަނޑިޔާރުން ސުލޫކާ ޚިލާފްވި ކަމަށް ބުނެ ޔާމީންގެ މައްސަލަ ބެލުމުން އޭނާ ތަނާޒުލްވާން ޖެހޭނެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ކުރިން ވެސް ވަނީ އެކަމަށް ގޮވާލައިފަ އެވެ. އަދި އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ސަމާލު ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ކުރިން ގެނަ އެވެ.