Roadha Mihaaru

ޝައުރީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ކޮމިޓީން ނިންމައިފި

މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިން 10 ޕަސެންޓު ކުޑަކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވިޔަސް، އެއީ މިވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނަށް ލަފާ އަރުވަން މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ. އެ ގޮތަށް ފާސްކުރީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެންބަރުންގެ އިއްތިފާގުންނެވެ.

އިދާރާތަކުގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

18 ފެބުރުއަރީ 2025

މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިން 10 ޕަސެންޓު ކުޑަކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވިޔަސް، އެއީ މިވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނަށް ލަފާ އަރުވަން މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ. އެ ގޮތަށް ފާސްކުރީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގައި އަސާސީ މުސާރަ 12،000 އަށް ވުރެ މަތިން ލިބޭ ނަމަ 10 ޕަސެންޓު އުނި ކުރުމަށާއި މަޖިލީހަށް ފެންނަ ނަމަ ޝަރުއީ ދާއިރާ އާއި މަޖިލިހުގެ މެންބަރުންގެ މުސާރައިން ވެސް 10 ޕަސެންޓް ކުޑަ ކުރަން ބޭނުންފުޅުވާތީ މަޖިލިހުގެ ލަފައަކަށް ރައީސް މުއިއްޒު އެދިވަޑައިގަތީ އެވެ.

އެކަމަކު، މާލިއްޔަތު ކޮމިޓީ އަށް އެ މައްސަލަ ހުށަހެޅުއްވި ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ، ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ކުރެވެން އޮތީ އެކަމާ ގުޅޭ ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ތިން ބާރުގެ އިސްބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންގެ މުސާރަ އިން 10 ޕަސެންޓް ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރުމަށް ވެސް ނިންމަަވައިފަ އެވެ.

އެ ނިންމެވުމަށް ފަހު، އެ މަނިކުފާނު ވެސް ވަނީ އަމިިއްލަފުޅު މުސާރަ އިން 50 ޕަސެންޓް ނުނެންގެވުމަށް ނިންމަވައިފަ އެވެ. އެއާ އެކު، ރައީސަށް ދެން ލިބިވަޑައިގަންނަވާނީ 50،000ރ. ގެ މުސާރައެކެވެ. ހަރަދު ކުޑަ ކުރުމުގެ ގޮތުން ޕީސީބީ އިން ވަނީ ކުންފުނިތަކުގެ ވެރިންގެ މުސާރަ ވެސް ލިމިޓު ކޮށްފަ އެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ގިނަވެގެން ދެވޭނީ 90،000ރ. ކަމަށް ކަނޑައަޅާފައިވެ އެވެ.

"ގުޅުން ހުރި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ކަމުންނާއި އެއް ގިންތިއެއްގެ މަގާމުތަކުގެ މުސާރައަ އާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމިޓީގެ ޒިންމާއަކަށްވާ އިރު ގާނޫނުތަކަށް ބަދަލު ނުގެނެސް މުސާރަ ކުޑަކުރުމަކީ އިންސާފުވެރި އަދި އަދުލުވެރި ގޮތެއް ނޫން ކަމަށް ކޮމިޓީއަށް ފެންނާތީ..،" ރައީސް މުއިއްޒުގެ ހުށަހެޅުއްވުމާ އެއްގޮތަށް މުސާރަ ކުޑަކުރެވެން ނެތް ކަމަށް ބަޔާން ކުރައްވައި މަމްދޫހު ހުށަހެޅުއްވި ހުށަހެޅުއްވުމުގައި ވެ އެވެ.

މާލިއްޔަތު ކޮމިޓީ. އެކޮމިޓީން ވަނީ ރައީސް ކަނޑައަޅާފައިވާ މުސާރަ ކުޑަކުރެވެން މިވަގުތު ނުފެންނަ ކަމަށް ނިންމާފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މާލިއްޔަތު ކޮމިޓީ. އެކޮމިޓީން ވަނީ ރައީސް ކަނޑައަޅާފައިވާ މުސާރަ ކުޑަކުރެވެން މިވަގުތު ނުފެންނަ ކަމަށް ނިންމާފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މަމްދޫހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓު ކުޑަކުރަން ނުފެންނަ ކަމަށް ރައީސަށް ލަފާ އަރުވަން ހުށަހަޅުއްވާ ކަމަށެވެ. އެހެންވެ، ގާނޫނުތަކަށް ބަދަލު ގެނައުމަށް ފަހު، މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަލުން ހުށަހެޅުމަށް ވެސް ރައީސަށް ލަފާ އަރުވަން ކޮމިޓީން ނިންމި އެވެ.

މަމްދޫހު ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ފަދަ އިދާރާތައް އެއްކޮށްލައިގެން މިހާރަށް ވުރެ ހަރުދަނާކަމާ އެކު، އިދާރާތައް ހިންގައި ހަރަދުތައް ކުޑަކުރެވޭނެ ކަމަށެވެ. އަދި އެފަދަ ގޮތަކަށް އެއްކޮށްލައިގެން ހިންގޭނެ އިދާރާތައް ދެނެގަނެ، އެކަމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުން އަވަސް ކުރުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.

އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ.