Roadha Mihaaru

ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ރޯދަ އިނާޔަތް ދޭން ލޭބާ ރިލޭޝަންސް އިން އެދިއްޖެ

ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރޯދަ އިނާޔަތް ދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން މިއަދު އެދިއްޖެ އެވެ.

ގާނޫނުގައި ބުނާ ގޮތަށް ރޯދަ އިނާޔަތް ދޭން އެދިއްޖެ
އައިޝަތު މިހްނާ ނާސިހް
އައިޝަތު މިހްނާ ނާސިހް

18 ފެބުރުއަރީ 2025

ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރޯދަ އިނާޔަތް ދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން މިއަދު އެދިއްޖެ އެވެ.

އެ އިދާރާ އިން ކުރި އިއުލާނެއްގައި ފާހަގަކުރި ގޮތުގައި، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި، ރޯދަ މަސް ފެށުމުގެ ކުރިން 3,000ރ. ދޭންޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައި ވެ އެވެ.

ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ރޯދަ އިނާޔަތް ދޭން އިލްތިމާސްކޮށް، އެލްއާރުއޭގެ އިއުލާނުގައި ބުނީ، ވަގުތީ ވަޒީފާގައި ތިބި މުވައްޒަފުންނާއި ވަގުތީ މުއްދަތު [ޕްރޮބޭޝަން] އަދި ގާނޫނުން ލިބިދޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށް ވެސް އިނާޔަތް ހައްގު ވާނެ ކަމަށެވެ.

އެލްއާރުއޭ އިން ބުނިގޮތުގައި، ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް، ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ނުދީގެން މިދިޔަ އަހަރުތަކުގައި ވެސް ގިނަ އަދަދެއްގެ މައްސަލަ އެ އިދާރާ އަށް އެކި ފަރާތްތަކުން ވަނީ ހުށަހަޅައިފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗު 1 އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ރޯދަމަހުގެ އިނާޔަތާ ބެހޭ މާއްދާގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި، ރޯދަ މަސް ފެށުމުގެ ކުރިން 3,000ރ. ދިނުން ލާޒިމުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާ މީހުން ވެސް ހިމަނަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެއް ވަޒީފާ އަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަމަހުގެ އިނާޔަތް ދޭނީ އަސާސީ ވަަޒީފާ އަދާކުރާ އޮފީހުން އެކަންޏެވެ. ރޯދަމަސް ފެށޭއިރު، ޕޭ ލީވް އާއި ނޯޕޭ ލީވްގައި ތިބި މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ