Roadha Mihaaru

ރިންޒީ އަމީނިއްޔާ އަށް، ނާޒްލީން ކަލާފާނުގެ ޕްރިންސިޕަލަކަށް

ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު އަމީނިއްޔާ ސްކޫލަށް އަދި އަމީނިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި މިހާތަނަށް ހުންނެވި ނާޒްލީން ވާފިރު ކަލާފާނު ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ރިންޒީ އަމީނިއްޔާއަށް، ނާޒްލީން ކަލާފާނަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

19 ފެބުރުއަރީ 2025

ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު އަމީނިއްޔާ ސްކޫލަށް އަދި އަމީނިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި މިހާތަނަށް ހުންނެވި ނާޒްލީން ވާފިރު ކަލާފާނު ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެ މިނިސްޓްރީން އަންނަނީ ސްކޫލުތަކުގެ ވެރިންނަށް ވެސް ބައެއް ބަދަލުތައް ގެންނަމުންނެވެ. އޭގެ ތެރެއިން، މި ދޮޅު އަހަރުގެ ތެރޭގައި މާލޭގެ ފަސް ސްކޫލެއްގެ ޕްރިންސިޕަލުން ބަދަލުކޮށްފައިވެ އެވެ.

އެންމެ ފަހުން ބަދަލު ގެނައީ ހިރިޔާ ސްކޫލާއި އަމީނިއްޔާ އަދި ކަލާފާނު ސްކޫލަށެވެ.

ސްކޫލު ހިންގުމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ރިންޒީ ހިރިޔާގެ ޕްރިންސިޕަލްގެ މަގާމާ ހަވާލުވެވަޑައިގަތީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްކަމާއި ސުޕަވައިޒަރު އަދި ޓީޗަރުކަން ކުރައްވައިފަ އެވެ.

ތައުލީމީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ ރިންޒީ ހިރިޔާގައި މަސައްކަތްކުރައްވާނެ އެންމެ ފަހު ދުވަހަކީ މިއަދެވެ. މާދަމާ އަމީނިއްޔާ ސްކޫލާ އޭނާ ގުޅިވަޑައިގަންނަވާނެ އެވެ. އެކަމަކު، އެ ސްކޫލަށް އަދި ޕްރިންސިޕަލެއް އައްޔަން ނުކުރެ އެވެ.

އަމީނިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް ހަވާލުވެވަޑައިގެންނެވުމާ ހަމައަށް ނާޒްލީން ހުންނެވީ ކަލާފާނުގެ ޕްރިންސިޕަލަށެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލަށް 10 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު މާދަމާ ކަލާފާނު ސްކޫލަށް މަސައްކަތްކުރައްވަން ނުކުންނަވާނެ އެވެ.

ނާޒްލީންގެ ތައުލީމީ ހިދުމަތުގެ 35 އަހަރުގެ ތެރެއިން ގިނަ ދުވަސް ހޭދަކުރައްވާފައިވަނީ ވެސް ކަލާފާނުގަ އެވެ. އޭގެ ތެރެއިން، އޭނާ ވަނީ 2009 އިން ފެށިގެން 2015 އާ ހަމައަށް އެ ސްކޫލުގެ ޕްރިންސިޕަލްކަން ކުރައްވައިފަ އެވެ. އޭގެ ކުރިން ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމާއި ސުޕަވައިޒަރުކަން އަދި ޓީޗަރުކަން ކުރެއްވި އެވެ.

ކަލާފާނު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު ހުސްވީ، އެ ޒިންމާތައް ފުރުއްވަމުން ގެންދެވި ރަހުމާ އަބްދުއްރަހުމާން މިދިޔަ މަހު ރިޓަޔާ ކުރެއްވުމުންނެވެ.