Roadha Mihaaru
މާލޭގައި ނާސްތާ ދޭން ހަވާލުކުރީ ބުރުޒާއި ލަ ސޫކަށް

މާލޭގައި ނާސްތާ ދޭން ހަވާލުކުރީ ބުރުޒާއި ލަ ސޫކަށް

15 ޖެނުއަރީ 2019

މާލޭގެ ތިން ސްކޫލެއްގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ހަވާލުކުރީ ބުރުޒު ކޭޓަރިން އާއި ލަ ސޫކަށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ތިން ސްކޫލެއްގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ހަވާލުކުރީ ބުރުޒު ކޭޓަރިން އާއި ލަ ސޫކަށެވެ.

ދިރާސީ އާ އަހަރާ އެކު މާލޭގެ އިތުރުން ރަށްރަށުގެ 25 ސްކޫލެއްގައި ނާސްތާ ދޭނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހު އިއުލާނުކުރި އެވެ. ނަމަވެސް ނާސްތާ ހަވާލުކުރި ފަރާތްތަކުގެ މައުލޫމާތު އެ މިނިސްޓްރީން އަދި ހާމައެއްނުކުރެ އެވެ.

މާލޭގައި ނާސްތާ ދޭން ހަމަޖައްސާފައިވާ މަޖީދިއްޔާ އަދި އިސްކަންދަރުގައި އެކަން ކުރަނީ، މީގެ ދެ އަހަރު ކުރިން ކެއުންބުއިމުގެ ހިދުމަތް ދޭން ފެށި ލަ ސޫކު ކެފޭއިންނެވެ. ނަމަވެސް އެތަނުން އެކަން ކުރަން ހުށަހެޅި އަގެއް ނުބުނެ އެވެ.

އިސްކަންދަރުގައި ހެނދުނުގެ ދަންފަޅީގައި 1140 ދަރިވަރުން ކިޔަވަމުން އަންނައިރު މަޖީދިއްޔާގައި އެ އަދަދު އުޅެނީ 720 ގަ އެވެ. ނަމަވެސް ސަރުކާރުގެ ހަރަދުގައި ނާސްތާ ދެމުން އަންނަނީ އެކަމަށް އެދޭ ދަރިވަރުންނަށެވެ.

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ ނާސްތާއަށް ބުރުޒުން ތައްޔާރުކޮށްފައިވާ ޕެކް -- ފޮޓޯ؛ ނިޝާން އަލީ/ މިހާރު

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ ނާސްތާއަށް ބުރުޒުން ތައްޔާރުކޮށްފައިވާ ޕެކް -- ފޮޓޯ؛ ނިޝާން އަލީ/ މިހާރު

ލަ ސޫކުގެ ވެރިޔާ އަހުމަދު ޝާމިން ވިދާޅުވީ ނާސްތާ ތައްޔާރުކުރަން ލިބެނީ ވަރަށް ކުޑަ ވަގުތުކޮޅެއް ނަމަވެސް އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.

"ސެޓަޕެއް ހަދާފައި ވަރަށް ތައްޔާރުވެގެން އެކަން މި ކުރަނީ މެދުނުކެނޑި ކުރިއަށް ގެންދެވޭ ގޮތަށް. ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ބަލައިގެން. ވަރަށް ބޮޑު ޗެލެންޖެއް މިއީ،" ޝާމިން ވިދާޅުވި އެވެ.

އަމީނިއްޔާގައި ނާސްތާ ދޭން ހަވާލުކުރި ބުރުޒު ކޭޓަރިންގެ ފުޑް އެންޑް ބޭވަރޭޖަސްގެ ޑިރެކްޓަރު މުހައްމަދު ޝުޖާއު ވިދާޅުވީ އެ ސްކޫލްގެ ހެނދުނު ދަންފަޅީގައި ކިޔަވާ 1050 ދަރިވަރަކަށް އަމާޒުކޮށް ނާސްތާ ދެމުން އަންނަ ކަމަށެވެ.

ބުރުޒުން ހުށައެޅީ ކޮންމެ ކުއްޖަކަށް 15ރ. އަށް ވުރެ މަތީގެ އަގެކެވެ. އެކަމަކު ސީދާ އަގެއް އެތަނުން ހާމައެއް ނުކުރެ އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ނާސްތާގެ ޕެކިންނާއި ދަރިވަރުންނަށް ދޭން ޖެހޭ ކިރުގެ އަގުބޮޑު ކަމަށެވެ.

މަޖީދިއްޔާ ސްކޫލުގައި ނާސްތާ ދިނުމުގެ ޕްރޮގްރާމް ފަށަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: މަޖީދިއްޔާ ސްކޫލު

މަޖީދިއްޔާ ސްކޫލުގައި ނާސްތާ ދިނުމުގެ ޕްރޮގްރާމް ފަށަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: މަޖީދިއްޔާ ސްކޫލު

މިހާރު ނާސްތާ ތައްޔާރުކުރަނީ ކުރީ ދުވަހު އެކަމަށް އެދި ހުށައަޅާ ކުދިންގެ ނިސްބަތަށެވެ. އެހެންކަމުން އެއްވެސް ސްކޫލެއްގެ ހެނދުނު ދަންފަޅީގެ ހުރިހާ ކުދިންނަށް ނާސްތާ ދޭނެ ކަމަކަށެއް ނުފެނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނިގޮތުގައި، ދަރިވަރުންނަށް ނާސްތާ ގެންދާއިރު އެކަން ކުރަން ޖެހޭނީ ފުޑްގްރޭޑް ކަރުދާސް ކޮތަޅުގައި ބަންދުކޮށް އެ ކޮތަޅުގައި ހިމެނޭ ނާސްތާ އެނގޭނެހެން ލޭބަލް ވެސް ކޮށްގެންނެވެ. އަދި ރޮއްޓާއި ޕާން ހިމެނޭ ނާސްތާއެއް ނަމަ، ބަންދުކުރަން ޖެހެނީ ކިޗަން ޕޭޕަރުންނެވެ.

ނާސްތާ ދިނުމަށް އެޑިއުކޭޝަނުން މީގެ ކުރިން އިއުލާނުކުރި ސްކޫލުތަކަށް ވަނީ ބައެއް ބަދަލުތައް އައިސްފަ އެވެ. އެއީ އެ ރަށްރަށުގައި ނާސްތާ ދޭނެ ބަޔަކު ނެތުމުންނެވެ. ފަހުން ނާސްތާ ދޭން ފެށި ސްކޫލުތަކުގެ ތެރޭގައި ހިމެނެނީ؛ ހއ. އުތީމުގައި ހުންނަ ގާޒީ ބަންޑާރައިން ސްކޫލު، ނ. ޅޮހި ސްކޫލާއި ރ. އަތޮޅު ތައުލީމީ މަރުކަޒު، ބ. ދަރަވަންދޫގައި ހުންނަ އަތޮޅު މަދަރުސާ، ޅ. ހިންނަވަރުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒު، އއ. އުކުޅަހު ސްކޫލު، ވ. ކެޔޮދޫ ސްކޫލު، މ. މަޑުއްވަރީ ސްކޫލު، ފ. ދަރަންބޫދޫ ސްކޫލު، ދ. މާއެނބޫދޫ ސްކޫލު، ތ. ކިނބިދޫ ސްކޫލު އަދި ލ. އިސްދޫ ސްކޫލެވެ.

ސްކޫލުގައި ނާސްތާ ދިނުމަށް މިއަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އަދި މިހާރު ކުރިއަށް ގެންދާ އަޖުމަބެލުމުގެ ޕްރޮގްރާމަށް ފަހު ދެ ވަނަ ޓާމުގެ މުއްދަތުގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް އެކަން ފުޅާކުރަން ވެސް ވަނީ ނިންމައިފަ އެވެ.