Roadha Mihaaru

ޕޮލްކޯ އަށް އަނެއްކާވެސް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ، ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެ އިރުގަނޑެއް ކުރިން ވަދެއްޖެ އެވެ. މީގެ ކުރިން ވެސް ހަމަ އެއް މައްސަލަތަކެއްގެ ތަހުގީގަށް އޭސީސީން ޕޮލްކޯ އަށް ވަދެފައި ވެ އެވެ.

ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ، ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެ އިރުގަނޑެއް ކުރިން ވަދެއްޖެ އެވެ. މީގެ ކުރިން ވެސް ހަމަ އެއް މައްސަލަތަކެއްގެ ތަހުގީގަށް އޭސީސީން ޕޮލްކޯ އަށް ވަދެފައި ވެ އެވެ.

މައުލޫމާތު އެނގޭ ކަމާ ގުޅޭ އިސް އޮފިޝަލަކު ވިދާޅުވީ، އިސްކަންދަރު ކޮށީގައި ހުންނަ ޕޮލްކޯގެ އޮފީހަށް އޭސީސީގެ ޓީމުން މިއަދު މެންދުރުފަހު ވަދެ، އެ ކޮމިޝަންގެ ތަހުގީގަށް ބޭނުންވާ ލިޔުންތައް މިހާރު ދަނީ ގެންދަމުންނެވެ.

"މިހާރު ވެސް އެ ޓީމު އެބައުޅޭ ޕޮލްކޯގައި،" އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ޕޮލްކޯ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަނީ ފުލުހުންނަށް ފްލެޓް އެޅުމުގައި ހިންގާފައިވާ ބައެއް ކަންތައްތަކާ ގުޅިގެންނެވެ. އެ ކޮރަޕްޝަންގައި ފުލުހުންގެ ބައެއް އިސް ވެރިންގެ ޝާމިލުވުން ބޮޑުކަން ފާހަގަކުރެވޭ ކަމަށް އެ މައްސަލަތައް ބަލާ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ވެސް މި ހަފުތާގައި ވަނީ ބުނެފަ އެވެ. އެހެންވެ އެ މައްސަލަ ބަލާއިރު، އެ ބޭފުޅުން މަގާމުތަކުގައި ތިބެވިދާނެ ކަމާ މެދު އެ ކޮމިޓީގެ މެމްބަރުން މިހާރު ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.

އެ ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ޒިންމާދާރު މަގާމުތައް ކަމަށްވާ އެސިސްޓެންޓް ކޮމިޝަނަރުންނާއި ޑެޕިއުޓީ ކޮމިޝަނަރުންނަށް ތިއްބެވި ބޭފުޅުން ވެސް ފޮލްކޯއިން ހިންގި ކޮރަޕްޝަންގައި ބައިވެރިވެފައިވާކަން އޮޑިޓް ރިޕޯޓުން ފާހަގަކުރެވޭ ކަމަށެވެ.

"އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގެ ޗާޓު އެކެއްގައި މުހިއްމު 16 އިވެންޓެއް އެބަ އޮވޭ. އޭގެ މަރުހަލާތަކުގައި އެބޭފުޅުން [ފުލުހުންގެ އިސްވެރިން] އެބަތިބި ބައިވެރިވެފައި. އަޅުގަނޑަށް ގަބޫލުކުރެވެނީ އެ މައްސަލައިގެ ކަންކަން ކުރިއަށްދާ އިރު އެ ބޭފުޅުން އެ މަގާމުތަކުގައި ތިބެގެން ކުރިއަށް ދާނީތޯ ނުވަތަ ނޫންތޯ އެބަޖެހޭ ނިންމަން،" މިދިޔަ އާދިއްތަ ދުވަހުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެވެ.

ފުލުހުންގެ ފްލެޓްތަކާ ގުޅޭ ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކުގެ މަޝްރޫއުގެ އެގްރީމެންޓް ތިން ފަހަރެއްގެ މަތިން ބަދަލުކޮށް، މަސައްކަތުގެ އަގަށް 122 މިލިއަން ރުފިޔާ އިތުރުކޮށް މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު 54 މަހަށް ދިގު ދަންމާފައިވެ އެވެ. އެ ޕްރޮޖެކްޓް އެންމެ ފުރަތަމަ ހަވާލުކުރީ 580 މިލިއަން ރުފިޔާ އަށް ދެ އަހަރު ތެރޭ ނިންމަން، ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު މަސައްކަތް ނިމުނު އިރު އެ ޕްރޮޖެކްޓަށް އެއް ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ މާލިއްޔަތު ކޮމިޓީގައި ފުލުހުންނާ ހަވާލާ ދެއްވައި ވިދާޅުވީ، ފުލުހުންގެ މެނޭޖްމަންޓާ ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ޓީމުން ބައްދަލުކުރި ކަމަށާއި އެކަމަކު ޕޮލްކޯގެ ސާވާއެއްގެ މައްސަލަ ޖެހިފައި ހުރުމުން ލިޔެކިޔުންތައް މިހާރު ފެންނަން ނެތް ކަމަށެވެ.

"އޮޑިޓުގެ ސްކޯޕުގައި އަޅުގަނޑުމެން ހިމެނިން މަޝްރޫއުގެ ބިޑް ކުރުމުގެ ކަންކަން ހިނގާފައި އޮތީ ކިހިނެއްތޯ؟ އެހެން ނަމަވެސް މަޝްރޫއު ފެށިފައި އޮތީ 2013 ގައި. ދެން ޕޮލްކޯއާ މެނޭޖްމަންޓާ ބައްދަލު ކުރުމުން އެ ބޭފުޅުން ވިދާޅުވީ ލިޔުންތަކެއް އެ ބޭފުޅުން އަތުގައި މިހާރު ނެތް ކަމަށް. ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން،" ނިޔާޒީ ވިދާޅުވި އެވެ.