Roadha Mihaaru

އާ ޑިޒައިންތަކަކަށް ހަ ރަށެއްގައި މިސްކިތްތައް އަޅަނީ

ރާއްޖޭގެ ތާރީހާއި ސަގާފަތާއި މާހައުލާ ގުޅޭ ގޮތަށް ޑިޒައިން ކޮށްފައިވާ މިސްކިތްތަކެއް ހަ ރަށެއްގައި އިމާރާތް ކުރަން ސަރުކާރުން މި އަހަރު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އާ ޑިޒައިންތަކަކަށް ހަ ރަށެއްގައި މިސްކިތްތައް އަޅަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

20 ފެބުރުއަރީ 2025

ރާއްޖޭގެ ތާރީހާއި ސަގާފަތާއި މާހައުލާ ގުޅޭ ގޮތަށް ޑިޒައިން ކޮށްފައިވާ މިސްކިތްތަކެއް ހަ ރަށެއްގައި އިމާރާތް ކުރަން ސަރުކާރުން މި އަހަރު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރިޔަން ޕްރައިވެޓް ލިމިޓެޑުން ޑޒައިން ކޮށްފައިވާ އެ މިސްކިތްތައް އިމާރާތް ކުރަނީ އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ހއ. ބާރަށާއި އއ. ރަސްދު އާއި އދ. ފެންފުއްޓާއި ފ. ފީއައްޔާއި ތ. ވޭމަންޑޫ އަދި ގދ. މަޑަވެލީގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ މިސްކިތްތަކުގެ މަސައްކަތް ކުރިއަށް އޮތް ރޯދަމަހުގެ ފަހުން ފަށައި މި އަހަރު ނިންމާނެ ކަމަށެވެ. އެ ތަންތަނުގައި ސޯލާ އާއި އޭސީ ހަރުކޮށް، ނެވިލޯން ވެސް އަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރަށެއްގައި އެޅުމަށް މިނިސްޓްރީން އާންމުކުރި މިސްކިތެއްގެ ކުރެހުމެއް: މި މިސްކިތުގައި 700 މީހުންނަށް ނަމާދު ކުރެވޭނެ.--

ރަށެއްގައި އެޅުމަށް މިނިސްޓްރީން އާންމުކުރި މިސްކިތެއްގެ ކުރެހުމެއް: މި މިސްކިތުގައި 700 މީހުންނަށް ނަމާދު ކުރެވޭނެ.--

އެ މިސްކިތްތަށް ޑިޒައިން ކޮށްފައި ވަނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައި ދިނުމަށް ކްލާސް ރޫމް ވެސް ހިމެނޭ ގޮތަށެވެ.

ރަށެއްގައި އެޅުމަށް މިނިސްޓްރީން އާންމުކުރި މިސްކިތެއްގެ ޑިޒައިނެއް: މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް.--

ރަށެއްގައި އެޅުމަށް މިނިސްޓްރީން އާންމުކުރި މިސްކިތެއްގެ ޑިޒައިނެއް: މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް.--

އަލަށް އިމާރާތް ކުރަނީ 300، 500 އަދި 700 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތްތަކެކެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، އެންމެން ވެގެން މިސްކިތްތައް އިމާރާތް ކުރަން ކުރިއަށް އޮތް ރޯދަމަހު ފުރުސަތު ހުޅުވައިލަށް ހިތަށް އަރާ ކަމަށެވެ.

"މިސާލަކަށް އާ ޑިޒައިންގެ 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަރަދުވާނީ ބީއޯކިއުގައިވާ ގޮތުން 6 މިލިއަން ރުފިޔާ. މި އަދަދު 6،000 މީހުން ވެގެން ނަމަ އެއީ މީހަކަށް 1،000ރ. ކިހާ ގިނަ ސަވާބު ލިބޭނެ ކަމެއް މިއީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެއްގެ ކުރެހުމެއް.

މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެއްގެ ކުރެހުމެއް.

އަމިއްލަ ޖަމިއްޔާއަކުން އެކަމަށް އިސް ނަގައި ކެމްޕޭނެއް ކުރިއަށް ގެންދާ ނަމަ، މިނިސްޓްރީން އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. ނުވަތަ ތަނަވަސް މީހުން ގުޅިގެން މިސްކިތް އަޅަން ބޭނުން ނަމަ އެކަމަށް ވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އަލަށް އިމާރާތްކުރަން ފަށާ ހަ މިސްކިތާ އެކު، 35 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ.

"އަދި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި 12 މަޝްރޫއެއް އެބަ ކުރިއަށް ދޭ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، 42 ރަށެއްގައި މިސްކިތްތަށް އަޅަން ޖެހެ އެވެ.