Roadha Mihaaru

ސިހުރުގެ މައްސަލަ ބޮޑުވެ، ކުޅުދުއްފުށީގައި ބޮޑު އޮޕަރޭޝަނެއް

ހދ. ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ ބޮޑުވެ، ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

ސިހުރުގެ މައްސަލަ ބޮޑުވެ ކުޅުދުއްފުށީގައި އޮޕަރޭޝަނެއް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

20 ފެބުރުއަރީ 2025

ހދ. ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ ބޮޑުވެ، ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮޕިޝަލަކު "މިހާރު" އަށް ވިދާޅުވީ ސިހުރު މައްސަލާގައި އެ ރަށުގެ 10 ގެއެއް ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. އެކަމަކު އޮޕަރޭޝަން ކުރިއަށް ގެންދާތީ، އިތުރު ތަފްސީލެއް ނުދެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ރަށުގައި ސިހުރު ހެދުމާ ގުޅޭ ވަރަށް ގިނަ މައްސަލަތައް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.

އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި ސިހުރުގެ މައްސަލަ ރަށުގައި ބޮޑުވެ، ގިނަ ގެތަކުގައި މިހާރު ހުންނަނީ ކެމެރާ ވެސް ހަރުކޮށްފަ އެވެ. އެ ރަށުގެ ބައެއް ގެތަކަށް ސިހުރު ހަދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި މިފަހުން ދައުރުވެފައިވެ އެވެ.

ސިހުރު ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް އެކި ރަށްރަށުން ގެތައް ފާސްކޮށް، ބައެއް މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ. ދާދިފަހުން ސިހުރުގެ މައްސަލައެއްގައި ތ. ވިލުފުއްޓާއި ރ. އަލިފުއްޓާއި ރ. މީދޫގެ ގެތަކަކަށް ފުލުހުން ވަދެ، ފާސްކުރި އެވެ.