Roadha Mihaaru

ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފި

މާލޭގެ ރަސްފަންނު ،މަރާމާތު ކުރުމުގެ މަސައްކަތާ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލުވެ، އަންނަ ހޮނިހިރު ދުވަހު މަސައްކަތް ފަށަން ނިންމައިފި އެވެ.

ރަސްފަންނު މަރާމާތުކުރަން މިނިސްޓްރީން ފަށަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

20 ފެބުރުއަރީ 2025

މާލޭގެ ރަސްފަންނު ،މަރާމާތު ކުރުމުގެ މަސައްކަތާ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލުވެ، އަންނަ ހޮނިހިރު ދުވަހު މަސައްކަތް ފަށަން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންވެ، އެ މުއްދަތުގެ ތެރޭގައި ރަސްފަންނު ސަރަހައްދު ބަންދުވާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ރަސްފަންނު މަރާމާތު ކުރާނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން، ކުންފުނިތަކުގެ އެހީގައި ކަމަށެވެ. އަދި މަރާމާތު ކުރަންޖެހޭ ހުރިހާ ތަނެއް މަރާމާތު ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު "މިހާރު" އަށް ވިދާޅުވީ ރަސްފަންނު ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާތީވެ، އެ ތަން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެ މިނިސްޓްރީން ފެށީ މާލެ ސިޓީ ކައުންސިލާ ވާހަކަ ދެއްކެވި އެ ކައުންސިލުން ވެސް އެއްބަސްވެގެން ކަމަށެވެ.

"އެއީ ކައުންސިިލްގެ ރުހުމާ އެކު އަޅުގަނޑުމެން ނިންމި ނިންމުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރަސްފަންނާއި ސަލްޓަންޕާކްގެ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން، މާލޭ ސިޓީ ކައުންސިލުން އޭރު ބުނެފައިވަނީ ސަލްޓަންޕާކާއެކު ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.

ކައުންސިލުން ބުނީ ރަސްފަންނުގެ ވެލިގަނޑު ރަނގަޅު ކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފައިވާ ކަމަށެވެ. އަދި އެތަނުގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވާ ކޮންޓްރެކްޓަރު އަންނަ ހަފްތާގައި މަސައްކަތް ފަށާނެކަން ވެސް އަންގާފައިވާ ކަމަށް، ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ.

ރައީސް އާއިލާއާއެކު މިދިޔަ ހަފުތާގެ ބަންދުގައި ރަސްފަންނަށް ވަޑައިގަތުމަށް ފަހު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނިވަޑައިގަތުމުން ހިތާމަ ކުރައްވާ ކަމަށާއި އެތަން މަރާމާތު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.