Roadha Mihaaru

ފޮރިން މިނިސްޓަރު ހަލީލް، ލަންކާގެ ބޮޑުވަޒީރު އަމަރަސޫރިޔަ އާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، އަވަށްޓެރި ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔަ އާ ބައްދަލުކުރައްވައިފި އެވެ.

ހަލީލް، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، އަވަށްޓެރި ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔަ އާ ބައްދަލުކުރައްވައިފި އެވެ.

ލަންކާގެ ފޮރިން މިނިސްޓަރު، ވިޖިތަ ހޭރަތުގެ ދައުވަތަކަށް ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ހަލީލް އެ ގައުމުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ލަންކާއިން ޒަމާނުއްސުރެ ފޯރުކޮށްދެމުންދާ އެހީ ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ހާއްސަ ގޮތެއްގައި ރާއްޖޭގެ ތައުލީމާއި މީހުން ބިނާކުރުމަށް ލަންކާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން މިނިސްޓަރު ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި، ލަންކާގެ ބޮޑުވަޒީރު ވަނީ ކުރިއަށް އޮތް ތަނުގައި އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް ފުޅާކުރައްވާނެ ކަމުގެ ޔަގީން ދެއްވައިފަ އެވެ.

ލަންކާގެ ބޮޑުވަޒީރާ ހަލީލް މިއަދު ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

ލަންކާގެ ބޮޑުވަޒީރާ ހަލީލް މިއަދު ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

ލަންކާގެ ބޮޑުވަޒީރުގެ އިތުރުން، ހަލީލް މިރޭގެ ވަގުތެއްގައި ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މާދަމާގެ ނިޔަލަށް ހަލީލް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުގެ ތެރެއިން، އިއްޔެ ވަނީ ލަންކާގެ ފޮރިން މިނިސްޓަރު ހޭރަތު އާ ވެސް ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވައިފަ އެވެ.

އެ މަޝްވަރާތަކަށްފަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ލަންކާ އާއި ރާއްޖެ ގުޅިގެން ޓޫރިޒަމާއި ތައުލީމާއި އިގުތިސާދު އަދި ސަލާމަތީ ދާއިރާތަކުން އިތުރަށް މަސައްކަތް ކުރުމަށް ދެ ބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

ލަންކާގެ ރައީސާ ބައްދަލުވުމުގެ ކުރިން، ލަންކާގައި ދިިރިއުޅޭ ދިވެހިންނާއި ލަންކާގެ ބައެއް ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާނެ އެވެ.