Roadha Mihaaru

ރާއްޖެއިން ލަންކާއަށް ހަދިޔާކުރާ 12 މިލިއަން ރުފިޔާ މިއަދު ހަވާލުކުރަނީ

ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

ރާއްޖެއިން ލަންކާއަށް ދޭ 12 މިލިއަން މިއަދު ފޮނުވަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

02 ޑިސެމްބަރ 2025

ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

ދިވެހި މީޑިއާތަކުގެ ބައިވެރިވުމާ އެކު 29 ގަޑިއިރަށް ކުރިއަށް ގެންދިޔަ އެ ޓެލެތޯނުން ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކުރީ ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެހީގެ ރަމްޒީ ޗެކާ ހަވާލުވެ ވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ މީޑިއާ ބައިވެރިވެގެން ފުޅާދާއިރާއެއްގައި އެފަދަ ޓެލެތޯނެއް ބޭއްވުމުން ވަރަށް މުހިންމު ކަންތައްތަކެއް ހާމަވާ ކަމަށެވެ. އަދި އެ އެހީއަކީ ދެ ގައުމުގެ ރައްޔިތުންގެ އޮތް ގުޅުން ވަރަށް ރަނގަޅަށް ހާމަވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެލެތޯންގައި ލިބުނު ފައިސާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

ޓެލެތޯންގައި ލިބުނު ފައިސާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

ހަލީލް ވިދާޅުވީ ސްރީ ލަންކާގެ ރައްޔިތުންނަށް ދިމާވި ހާލަތާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން އެ ގައުމަށް އެހީވުމަށް ފެށި ހަރަކާތުގެ ސަބަބުން ހާމަވީ އަވަށްޓެރި ގައުމުތަކަށް އެހީވުމަށް އަބަދުވެސް ރާއްޖެ ދެމިއޮންނާނެ ކަން ކަމަށެވެ.

"އަބަދުވެސް ރާއްޖެ ވިދާޅުވޭ ކުޑަ ގައުމަކަށް ވިޔަސް ރާއްޖެއަކީ ހާއްސަކޮށް އަވަށްޓެރިންނާ ހިސާބަށް ދާއިރު އެންމެ ފުރަތަމަ ކޮޅަށް ތެދުވާނެ ގައުމޭ. އެކަން އެ މަނިކުފާނު [ރައީސް މުއިއްޒު] ވަރަށް ސާބިތުކަމާ އެކު، މި ހާދިސާއާ ގުޅިގެން ވަނީ ސާބިތުކޮށް ދެއްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ލަންކާ އަށް އެހީވުމަށް ހިންގި ޓެލެތޯންގައި ލިބުނު 12.3 މިލިއަން ރުފިޔާ އެ ގައުމާ ހަވާލުކުރަން ފޮރިން މިނިސްޓްރީއާ ހަވާލު ކުރިއިރު، އެ ޓެލެތޯންގައި އެންމެ ބޮޑު އެހީއެއް ދިން ފުލުހުންނާއި ސިފައިންގެ ފަރާތުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާ ކުރި އެވެ. އެއީ ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާ އަދި ސިފައިންގެ ފަރާތުން އެއް މިލިއަން ރުފިޔާ އެވެ.

ޓެލެތޯނުން ލިބުނު ފައިސާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

ޓެލެތޯނުން ލިބުނު ފައިސާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

ޓެލެތޯންގައި ލިބުނު ފައިސާގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ވެސް ވަނީ އެތައް ލައްކަ ޑޮލަރެއްގެ އެހީ ލަންކާއަށް ހަދިޔާކޮށްފަ އެވެ. އަދި ދިވެހި ސަރުކާރުން ވެސް ވަނީ 50،000 (770،000 ރުފިޔާ) އާއި 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ނިންމައިފަ އެވެ.

ލަންކާއަށް އެރި ތޫފާންގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ އަދި 300 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ. އެއީ ސުނާމީއަށް ފަހު ލަންކާއަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ގުދުރަތީ ކާރިސާ އެވެ.

އެ ހާދިސާއާ ގުޅިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މީހުން ސަލާމަތް ކުރުމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ. އަދި ލަންކާއަށް އެކި ގައުމުތަކުން ދަނީ އެހީ ފޯރުކޮށް ދެމުންނެވެ.