Roadha Mihaaru

ޒަކިއްޔާގެ މަރު: "ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިފި، ގަސްތުގައި މަރާލީ"

މިދިޔަ އަހަރު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގެ ތަހުގީގު އަވަސްކުރަން ގޮވާލައި، އެ ރަށުގައި މިއަދު އަނެއްކާވެސް އިހުތިޖާޖުކޮށްފި އެވެ.

"ކެތްތެރިކަން ކޮޅުންލައިފި، ގަސްތުގައި މަރާލީ"
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 ފެބުރުއަރީ 2025

މިދިޔަ އަހަރު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގެ ތަހުގީގު އަވަސްކުރަން ގޮވާލައި، އެ ރަށުގައި މިއަދު އަނެއްކާވެސް އިހުތިޖާޖުކޮށްފި އެވެ.

ޒަކިއްޔާ ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި ޒަހަމްތަކަކާ އެކު އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނު އެވެ. އެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް ބުނީ ޒަކިއްޔާ މަރާލި ކަމުގެ އެއްވެސް ނިޝާނެއް އަދި ހެއްކެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.

ނަމަވެސް، ހޮޅުދޫ މީހުން އެކަން ގަބޫލެއް ނުކުރެ އެވެ. އެ މީހުން އަދިވެސް ބުނަމުން ދަނީ ބަޔަކު ޒަކިއްޔާ މަރާލީ ކަމަށެވެ.

އެހެންވެ، އެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި އެކި ދުވަސްމަތިން އެ ރަށުގެ ރައްޔިތުން ގެންދަނީ އެއްވުންތައް ބާއްވައި، އިހުތިޖާޖު ކުރަމުންނެވެ.

ޒަކިއްޔާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅި--

ޒަކިއްޔާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅި--

ހޮޅުދޫގައި މިއަދު ކުރިއަށް ގެންދިޔަ އެއްވުމުގަައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

އެ އެއްވުމުގައި ވަނީ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައިފަ އެވެ. އަދި ތަހުގީގުގައި ހުރި ގިނަ ކަންބޮޑުވުންތައް ފާޅުކޮށްފައި ވާއިރު، އެކަމުގައި ޝާމިލުވާ އެންމެން ހައްޔަރު ކުރުމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ގޮވާލާފައިވެ އެވެ.

"ރައްޔިތުންގެ ކެއްތެރިކަން ކޮޅުންލައިފި. އިންސާފެއް ނުލިބޭ. ހަމަ ގަސްތުގާ މަރާލީ. ޕޮލިހުން ޕެޕާސްޕްރޭ ޖެހިޔަސް އަޅުގަނޑުމެން [ހޮޅުދޫ ރައްޔިތުންގެ] އަޑެއް ނުކެނޑުވޭނެ،" އެ މުޒާހަރާގެ ބައިވެރިން ގޮވި އެވެ.

އިހުތިޖާޖުގެ ބައިވެރިން ހޮޅުދޫގެ ޕޮލިސް ސްޓޭޝަނަށް ވަދެ މުޒާހަރާ ކުރިއިރު، ޒަކިއްޔާގެ ފިރިމީހާ އާއި އެ އާއިލާގެ އިތުރު ތިން މީހުން ހައްޔަރު ކުރުމަށް ގޮވާލާ ވެސް ވަނީ ޝުއޫރު ފާޅުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހް ވިދާޅުވީ ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށެވެ. އޭނާގެ ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ.

ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ

ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ

ކަރުގެ މެދާ ހަމާގައި ތިލަކޮށް ހުރި ޒަހަމެއް ވެސް ހުރި ކަމަށާއި އެ ނޫން ޒަހަމެއް ހަށިގަނޑުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ މީހަކު ދިން އަނިޔާތަކެއް ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށް ސާމިހު ވިދާޅުވި އެވެ.

"އެއްވެސް ފަރާތެއްގެ އަމަލަކުން ހިނގި ކަމެއް ކަމުގެ ހެއްކެއް، ގަރީނާއެއް މިހާތަނަކަށް އަދި މިވަގުތާ ހަމައަށް ނެތް،" ސާމިހް ވިދާޅުވި އެވެ.