ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު ޒަކިއްޔާ މޫސާ މަރުވެފައިި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގަށް ގިނަ ދުވަސްތަކެއް ވަނީ އެއީ އާދައިގެ މަރެއް ކަމަށް ގަބޫލުކުރަން ދަތިވުމުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިރޭ ވިދާޅުވެއްޖެ އެވެ.
25 ފެބުރުއަރީ 2025
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު ޒަކިއްޔާ މޫސާ މަރުވެފައިި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގަށް ގިނަ ދުވަސްތަކެއް ވަނީ އެއީ އާދައިގެ މަރެއް ކަމަށް ގަބޫލުކުރަން ދަތިވުމުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިރޭ ވިދާޅުވެއްޖެ އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި އެ ރަށުގައި އޮތް ކަންބޮޑުވުންތަކާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޝުޖާއުގެ އިތުރުން ފުލުހުންގެ އިސްވެރިން ވަނީ ހޮޅުދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައިފަ އެވެ.
ރަށުގެ ރައްޔިތުން އެއްތަނަކަށް ޖަވާމެ ޝަކުވާތަކާއި ސުވާލުތައް ކުރިމަތިކުރި ބައްދަލުވުމަށް ފަހު ޝުޖާއު ވިދާޅުވީ އެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އާންމުން ގަބޫލުކުރާތީ، އެ މައްސަލަ ބައްލަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބަލަމުން އަންނަ އެ މައްސަލަ އިތުރަށް ދިގުލައިގެން ދާތީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެހެންވެ، މައްސަލަ ބަލައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ، އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރަށުގެ ބައެއް މީހުން ފާހަގަކުރި ގޮތުގައި ފޮރެންސިކް ޓީމު ސީނަށް ދިއުމުގެ ކުރިން އެތަނަށް ދިޔަ ފުލުހުން ވަނީ ސީނު ރޫޅާލައިފަ އެވެ. އަދި އެތަނުގެ ފޮޓޯއެއް ވެސް ރަނގަޅަށް ނަގާފައިނުވާ ކަަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.
ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ހޮޅުދޫގައި ކުރިން ބޭއްވި އިހުތިޖާޖެއް.
ޝުޖާއު ވިދާޅުވީ މިއީ މަރުގެ މައްސަލައެއް ކަމަށް ވާތީ އޭގެ އެންމެ ފުންމިނަށް ދިއުމަކީ ޒިންމާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މައްސަލާގައި ލިބެންހުރި ހެކިތަކާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ވެސް މަޝްވަރާކޮށް ރައުޔު ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުން ޒަހަމްތަކަކާއި ނަފްސާނީ މައްސަލަތަކެއް ވެސް އެ މަރުގައި ހިމެނޭތީ، ނަފްސާނީ އިލްމުވެރިންނާއި ޕެތަލޮޖިސްޓުންނާއި މިކަހަލަ މައްސަލަތަކުގައި ތަޖުރިބާ ހުރި މީހުންނާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި ގާތްގަނޑަކަށް ހަ މަސް ދުވަސް ތަހުގީގަށް ވެފައި ވާއިރު ޝުޖާއު ވިދާޅުވީ އެ ތަހުގީގުގައި ވަކި ގޮތެއް ނަތީޖާ ނެރެން ނިންމާފައިވާ ނަމަ، އެހާ ދުވަސް އެ ތަހުގީގަށް ނުވާނެ ކަމަށެވެ.
"މިކަމުގައި ދުވަސް ނަގަނީ މިކަމުގެ ހައްސާސްކަމާއި އަދި ތިދެންނެވި ގޮތަށް މި މަރުވެފައި އޮތް ގޮތް އަޅުގަނޑުމެންނަށް ވެސް އެއީ އާދައިގެ ގޮތަކަށް މަރުވެފައި އޮތް ކަމަށް ގަބޫލުނުކުރެވޭތީ އިނގޭތޯ. އޭގެ ހަގީގަތް ހޯދުމަށްޓަކާ ކުރާ މަސައްކަތް. އެ މަސައްކަތުގައި މި ވަގުތު ނަގަނީ. އެހެންވީމަ މަސައްކަތް ނިންމާފައި އަޅުގަނޑުމެންނަށް ފެނުނު އެއްޗެއް އަޅުގަނޑުމެން ހާމަކުރާނަން،" ޝުޖާއު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ރައްޔިތުންގެ އިތުބާރު ހިފޭ އަދި ރައްޔިތުންގެ އަޑުއަހައިގެން މިކަމުން އަރައިގަތުމަށް ގާބިލު ފުލުހުންގެ ޓީމެއް ވަރަށް އަވަހަށް ރަށަށް ފޮނުވާނެ ކަމަށެވެ.
އެ މައްސަލާގައި މާދަމާ ޒަކިއްޔާގެ އާއިލާ އާއި ކައުންސިލާ ބައްދަލުކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އާއިލާގެ ރުހުމާ އެކު ޒަކިއްޔާގެ މަރާ ގުޅޭ އިތުރު ތަފްސީލުތައް ވެސް އާންމުންނަށް ހިއްސާކުރެވޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުނުކުރާތީ ރަށުގައި ދަނީ އިހުތިޖާޖުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިރޭ ބައްދަލުވުމުގައި ވެސް ރަށުން ވާހަކަ ދެއްކި މީހުން ވަނީ އޭނާ އަކީ ނަފްސާނީ ބައްޔެއް ހުންނަ މީހެއް ނޫން ކަމަށާއި އަމިއްލައަށް އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ. އަދި ޒަކިއްޔާގެ ހަށިގަނޑުގައި ހުރި ނިޝާންތަކުން، އޭނާ އަމިއްލައަށް އެވަރު ނުކުރެވޭނެ ކަމަށް އެމީހުން ދެކެ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.
ޒަކިއްޔާގެ މަރު: ހޮޅުދޫއަށް ފުލުހުންގެ ހާއްސަ ޓީމެއް
ޒަކިއްޔާ މަރުވެފައި އޮތް އިރު ކައިރީގައި ބޮޑު ވަޅިއެއް
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ
"ކެތްތެރިކަން ކޮޅުންލައިފި، ގަސްތުގައި މަރާލީ"
ހޮޅުދޫގައި މަރުވި ޒަކިއްޔާގެ ދޮށީ ދަރި ހައްޔަރުކޮށްފި
ޒަކިއްޔާ މަރާލިކަމުގެ ހެއްކެއް އަދި ނެތް: ޕޮލިސް
ޒަކިއްޔާގެ މަރުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް:ސީޕީ
"އޮތީ ކަރު ކަނޑާލާފައި، އެކަނި އެވަރެއް ނުވާނެ"
ޒަކިއްޔާގެ މަރު:ވާނުވާ ނާންގާތީ ހޮޅުދޫން އިހުތިޖާޖަށް