Roadha Mihaaru

ރޯދަ މަހުން ފެށިގެން ބީއެމްއެލްގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެނީ

ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލައިޒޭޝަން ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް ހުރިހާ ބޭންކިން ހިދުމަތެއް އޮންލައިންކޮށް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ބީއެމްއެލްގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

23 ފެބުރުއަރީ 2025

ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލައިޒޭޝަން ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް ހުރިހާ ބޭންކިން ހިދުމަތެއް އޮންލައިންކޮށް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ބީއެމްއެލްއިން ރޯދަ މަހުން ފެށިގެން އޮންލައިންކޮށް ދޭން ފަށާ ހިދުމަތްތަކަކީ:

* އާންމުން އަލަށް ހުޅުވާ އެކައުންޓްތަކާއި ވިޔަފާރި އެކައުންޓުތައް އޮންލައިންކޮށް ހުޅުވުން

* ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމާއި ވިޔަފާރިތަކަށް ދޫކުރާ ލޯނު ހިމެނޭހެން ހުރިހާ ލޯނަކާއި ފައިނޭންސަށް އެދި ހުށަހެޅުން

* ރާއްޖެއިން ބޭރުން ލިބޭ ފައިސާގެ ތެރެއިން 10 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން ނިންމުމަށްފަހު އެކައުންޓަށް ޖަމާކޮށްދިނުން

* ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ (ޓީޓީ އަދި އޮންލައިން މަނީ ޓްރާންސްފާ) ތެރެއިން 5 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖެއްސުން

* ވިޔަފާރިތަކުން ނަގުދު ފައިސާ ނެގުމަށް ޗެކުގެ ބަދަލުގައި، ބިޒްނަސް ކާޑުން ފައިސާ ނެގޭ އަދަދު 2 ލައްކަ ރުފިޔާއަށް އިތުރުކުރުން

އޮންލައިންކޮށް ތައާރަފްކުރަން ނިންމި ހިދުމަތްތަކާއި އެކު އިތުރު ހިދުމަތްތަކެއް ވެސް ބީއެމްއެލްއިން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

* ކާޑު ނަގަން ކަސްޓަމަރުން ބޭންކަށް ދާން ނުޖެހި، ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުން. އެގޮތަށް ފޮނުވާ ކާޑުތައް އެކްޓިވޭޓް ކުރުމާއި ޕިން ބަދަލު ކުރުމުގެ ހިދުމަތް އިންޓަނެޓް ބޭންކިން އާއި ބީއެމްއެލް އެޕް މެދުވެރިކޮށް ލިބޭނެ.

* ބީއެމްއެލް ކާޑުތަކުން، ބޭންކުގެ ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަ ކޮށްފައިވާނަމަ 24 ގަޑިއިރު ތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުން

* އޭޓީއެމްއިން ފައިސާ ނެގުމާއި ޖަމާކުރުމުގައި އެއްވެސް މައްސަލައަކާ ހުރެ މުއާމަލާތް ފުރިހަމަ ނުވެއްޖެނަމަ އެއް ގަޑިއިރުތެރޭގައި އެކައުންޓަށް އަނބުރާ އެ ފައިސާ ޖަމާކޮށްދިނުން

* ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ހިދުމަތްތައް، ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފަސޭހައިން ހިދުމަތް ދޭން ފެށުން

* ކަސްޓަމަރުން ބީއެމްއެލްއާ މުއާމަލާތް ކުރުމަށް 24 ގަޑިއިރުގެ ހިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް، ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބާއިން މެސެޖް ކުރެވޭގޮތް ހަމަޖެއްސުން

ބީއެމްއެލްއިން ބުނީ ރޯދަމަހާ ދިމާކޮށް އެ ހިދުމަތްތައް ފަށަނީ ކަސްޓަމަރުންނަށް ރޯދަ މަހު ބެންކަށް ނުގޮސް ބެންކިން ހިދުމަތްތައް ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. ބީއެމްއެލްއިން ބުނީ އެއްވެސް ސަބަބަކާ ހުރެ އެ ބެންކުގެ ހިދުމަތްތައް ހޯދުމަށް ބެންކަށް ޒިޔާރަތްކުރަން ބޭނުންވާނަމަ ރޯދަ މަހުގެ ފަހު 10 ފިޔަވައި އެހެން ހުރިހާ ދުވަހެއްގައި ބެންކުގެ ބްރާންޗުތަކުން ހިދުމަތްތައް ލިބޭނެ ކަމަށެވެ. ފަހު 10 ގައި ބެންކުގެ ބްރާންޗުތައް ބަންދުކުރަން ނިންމާފައިވީ، ނަމަވެސް އަންނަ މަހުގެ 27 ވަނަ ދުވަހާއި 29 ވަނަ ދުވަހު ބެންކުގެ ހިދުމަތްތައް ލިބޭނެ އެވެ.

ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ބެންކުގެ ބްރާންޗުތައް ހުޅުވާނީ ހެނދުނު 9:30 އިން 12:30 އަށެވެ.

ބީއެމްއެލް އަކީ މިހާރު ވެސް ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުންދާ ބޭންކެކެވެ.