Roadha Mihaaru

އެތައް ހާސް ބަޔަކު އެއްވެ ނަސްރުﷲގެ ޖަނާޒާ ބާއްވައިފި

އިޒްރޭލުން ހަމަލާދީ އަވަހާރަކޮށްލި، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުގެ ޖަނާޒާ މިއަދު އެތައް ހާސް ބަޔަކު އެއްވި ރަސްމިއްޔާތެއްގައި ބާއްވައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ދިން ހަމަލާއެއްގައި އަވަހާރަކޮށްލި ނަސްރުﷲ އާ އެކު އޭނާއަށް ފަހު ދެން ހިޒްބުﷲއާ ހަވާލުވާނެ ކަމަށް ބެލެވުނު ހާޝިމް ޝަފިއްޔުއްދީންގެ ޖަނާޒާ ވެސް ވަނީ ބާއްވައިފަ އެވެ. އޭނާ ވެސް އަވަހާރަކޮށްލީ އިޒްރޭލުން ދިން ހަމަލާއެއްގަ އެވެ.

ހިޒްބުﷲ އަށް މިދިޔަ 30 އަހަރު ތެރޭ ވެސް ލިބުނު އެންމެ ބޮޑު ގެއްލުންތަކުގެ ތެރޭގައި މި މަރުތައް ހިމެނުނަސް އެ ޖަމާއަތުގެ އާ ލީޑަރު ނައީމް ގާސިމް ވިދާޅުވީ އޭނާ ކުރިއަށް ވަޑައިގަންނަވާނީ ނަސްރުﷲ ދެއްކެވި މަގުން ކަމަށާއި "އަނިޔާވެރި އެމެރިކާއަށް" ލުބްނާނުންގެ ބިމުން ޖާގައެއް ނުދޭނެ ކަމަށެވެ.

"މި ހަރަކާތެއް ނުހުއްޓޭ. މި ހަރަކާތް މިއަދުވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ދާނީ ކުރިއަށް،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ އިޒްރޭލާ ކުރިމަތިލުމުގެ ހަރަކާތް ކަމަށެވެ.

އިޒްރޭލުން އަވަހާރަކޮށްލި، ހިޒްބުﷲގެ ކުރީގެ ލީޑަރު ހަސަން ނަސްރުﷲ ގެ ޖަނާޒާއަށް މީހުން އެއްވެފައި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން އަވަހާރަކޮށްލި، ހިޒްބުﷲގެ ކުރީގެ ލީޑަރު ހަސަން ނަސްރުﷲ ގެ ޖަނާޒާއަށް މީހުން އެއްވެފައި. -- ފޮޓޯ: އޭއެފްޕީ

ގާތްގަނޑަކަށް 78،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއްގައި އެންމެ ހުސްތަންކޮޅެއް ވެސް ނެތް ވަރަށް މީހުން އެއްވި ރަސްމިއްޔާތު ކުރިއަށް ދިޔައިރު އިޒްރޭލުގެ ހަނގުރާމަމަތީ ޖެޓްތަކުން ވަރަށް ތިރިން ދުއްވައި ޖެއްސުންކޮށް ބިރުވެރިކަން އުފައްދަން މަސައްކަތްކޮށްފައިވެ އެވެ.

ޖަނާޒާގައި ނަސްރުﷲގެ ތަގުރީރުތައް ޖަހާފައި ހުރި އިރު، އެއްވެ ތިބި މީހުން މައްޗަށް އަތް އުފުލައި "މި ތިބީ ނަސްރުﷲ ގެ ހިދުމަތުގައި" ކަމަށް ގޮވައި އަޑު އުފުލަމުން ދިޔަ އެވެ.

އިޒްރޭލުން އަވަހާރަކޮށްލި، ހިޒްބުﷲގެ ކުރީގެ ލީޑަރު ހަސަން ނަސްރުﷲ އާއި އޭނާއަށް ފަހު ދެން ޖަމާއަތާ ހަވާލުވާނެ ކަމަށް ބެލެވުނު ހާޝިމް ޝަފިއްޔުއްދީންގެ ފޮޓޯ ބަހައްޓާފައި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން އަވަހާރަކޮށްލި، ހިޒްބުﷲގެ ކުރީގެ ލީޑަރު ހަސަން ނަސްރުﷲ އާއި އޭނާއަށް ފަހު ދެން ޖަމާއަތާ ހަވާލުވާނެ ކަމަށް ބެލެވުނު ހާޝިމް ޝަފިއްޔުއްދީންގެ ފޮޓޯ ބަހައްޓާފައި. -- ފޮޓޯ: އޭއެފްޕީ

ސަލާމަތީ ސަބަބުތަކާ ހެދި އެތައް މަހަކަށް ފަސްވި ޖަނާޒާގައި ބައިވެރިވާން އަންހެނުންނާއި ކުޑަކުދިން ވެސް ގަދަ ފިނީގައި ދިގު ދަތުރުތައް ކޮށްފައިވެ އެވެ.

ހިޒްބުﷲ އުފެއްދުމުގައި 1982 ވަނަ އަހަރު މަސައްކަތް ކުރެއްވި ނަސްރުﷲ އަރަބި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުކަން ހޯއްދެވީ 2000 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާގެ އިސްނެންގެވުމުގެ ދަށުން އެ ޖަމާއަތުން ދިން ހަމަލާތަކުން، 22 އަހަރަށް ފަހު ދެކުނު ލުބްނާނުން އިޒްރޭލު ބޭރުކޮށްލުމުންނެވެ.

ނަސްރުﷲ އާއި ޝަފިއްޔުއްދީން އަވަހާރަކޮށްލީ ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ދިޔަ ހަމަލާތަކާ ގުޅިގެން ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާދޭން ފެށުމުން ރައްދުގައި އިޒްރޭލުން ދޭން ފެށި ވަރުގަދަ ހަމަލާތަކުގަ އެވެ.