Roadha Mihaaru

ދިވެހި ސާފް ލީގު ލ. މާބައިދޫ "މެޝިން"ގައި

ދިވެހި ސާފް ލީގު 2025 ގެ އެއް މުބާރާތް ލ. މާބައިދޫގައި ބާއްވަން އެމްއެސްއޭ އިން އެ ރަށު ކައުންސިލާ އެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފި އެވެ.

ދިވެހި ސާފް ލީގު ލ. މާބައިދޫ "މެޝިން"ގައި

ދިވެހި ސާފް ލީގު 2025 ގެ އެއް މުބާރާތް ލ. މާބައިދޫގައި ބާއްވަން އެމްއެސްއޭ އިން އެ ރަށު ކައުންސިލާ އެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފި އެވެ.

މާބައިދޫގެ މަޝްހޫރު "މެޝިން" ރާޅުގަނޑުގައި ބާއްވާ މި މުބާރާތް ކުރިއަށް ގެންދަނީ "ކެރަންދޫ" ނަމުގަ އެވެ.

"ލ. އަތޮޅާކީ ރާއްޖޭގެ އެންމެ ރާޅު ރީތި އެއް ސަރަހައްދު. މި މުބާރާތް ލ. މާބައިދޫއަށް ގެނައުމަކީ ރަށުގެ ރައްޔިތުންގެ އިތުރުން ސާފިން ކޮމިއުނިޓީން ވެސް ވަރަށް ދިގު އިންތިޒާރެއް ކުރި ކަމެއް. ޑީއެސްއެލްގެ މި އިވެންޓާ ގުޅިގެން މި ސަރަހައްދުން ރާޅާއަޅާ އިތުރު ހުނަރުވެރި އެތުލީޓުން ފެންނާނެ ކަމަށް އުންމީދު ކުރަން،" އެމްއެސްއޭގެ ރައީސް މުހައްމަދު ސަބާހު ވިދާޅުވެފައިވެ އެވެ.

މި މަހު ކަޅެގަލެކޮޑާ މުބާރާތުން ލީގު ފަށާގޮތަށް ރޭވުނު ނަމަ ވެސް ގދ. ގައްދޫގައި ބާއްވާ އެ މުބާރާތް ކެންސަލް ކުރަން ޖެހުމުން ލީގު ފެށުން ވެސް ފަސް ކުރި އެވެ.

އެމްއެސްއޭ އިން އިއްޔެ ލީގުގެ އާ ޝެޑިއުލް އާއްމު ކުރި އިރު، މިއަހަރު އޮތީ ތިން މުބާރާތެކެވެ. ލާގު ފަށާނީ ޖުލައި މަހު މ. މުލީގައި ބާއްވާ މުލީކޮޅު ރާޅުގަނޑު މުބާރާތުންނެވެ. އެއަށް ފަހު ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ކެރަންދޫ މުބާރާތް ކުރިއަށް ގެންދާނެ އެވެ.

ފަހު މުބާރާތަކަށް ތާވަލް ކޮށްފައި ވަނީ މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖެވެ. މި މުބާރާތަށް ހޮވޭނީ، މުލީކޮޅު ރާޅުގަނޑާއި ކެރަންދޫގައި ވެސް ވާދަ ކޮށްފައިވާ އެތުލީޓުންނެވެ.

މި އަހަރުގެ ލީގު އެއްވަނަ ހޮވުމުގައި ބަލާނީ ތިން މުބާރާތުގެ ތެރެއިން އެންމެ މަތިން ސްކޯ ކުރި ދެ މުބާރާތުގެ ޖުމްލަ ނަތީޖާއިންނެވެ.

މިއީ ލ. އަތޮޅުގައި ލީގުގެ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. އެމްއެސްއޭ އިން 2022 ވަނަ އަހަރު ފެށި ގައުމީ ލީގުގެ މުބާރާތްތައް ގދ. ގައްދޫ އާއި މ. މުލި އަދި މާލޭގެ އިތުރުން ރ. ކިނޮޅަސް، ކ. ހިންމަފުށި އަދި ކ. ތުލުސްދޫގައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.