Roadha Mihaaru

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލް ކޮމިޓީން ފާސްކޮށްފި، އަނާރާ ވޯޓެއް ނުދެއްވި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ބެންޗު ކުޑަކުރާ ބިލް ކޮމިޓީން ފާސްކޮށްފި
ނާޒިމް ހަސަން
ނާޒިމް ހަސަން

25 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މި ބިލް މިއަދު ބަލައިގަނެ، އެ ބިލް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މެންދުރު ފަހު އެވެ. އޭގެ ދެތިން ގަޑިއިރު ފަހުން ކޮމިޓީގެ ބައްދަލުވުން ބާއްވައި ފާސްކުރީ ބަދަލެއް ނުގެނެސް، ބިލް އޮތް ގޮތަށެވެ.

އެގޮތަށް ވޯޓު ދެއްވީ ކޮމިޓީގެ ހިމެނިވަޑައިގަންނަވާ ޕީއެންސީގެ އަށް މެންބަރުންގެ ތެރެއިން ހަތް މެންބަރުންނެވެ. ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ބިލް ފާސްކުރަން ވަކި ގޮތަކަށް ވޯޓެއް ނުދެއްވަ އެވެ.

އޭނާ ވަނީ ބިލްގެ ބައެއް މާއްދާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ކޮމިޓީގެ ނައިބު މުގައްރިރު އަނާރާ ކަންބޮޑުވުން ފާޅުކުރެއްވީ ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އެންމެ ހަތް ދުވަހަށް ކުރުކޮށްފައިވާތީ އެވެ. ނަމަވެސް، މާއްދާއަށް އޭނާ އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

އެ މުއްދަތު ހަތް ދުވަހުން 21 ދުވަހަށް ބަދަލުކުރަން މެންބަރު މައުރޫފް އިސްލާހެއް ހުށަހެޅުއްވި އެވެ. ނަމަވެސް، އަނާރާ ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އެ އިސްލާހާ އެއްކޮޅަށް، ޕީއެންސީއަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވޯޓު ދެއްވި އެވެ. ނަމަވެސް، ފަސް މެންބަރުން ދެކޮޅަށް ވޯޓު ދެއްވުމުން ފާހެއް ނުވި އެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވޯޓު ދެއްވާފައިވަނީ ބިލް ފާސް ނުކުރުމަށެވެ.

ކޮމިޓީގެ ބައްދަލުވުން ފެށުމާ އެކު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ މިއަދުން މިއަދަށް ބިލް ކޮމިޓީން ފާސްކުރާށެވެ. އެ ހުށަހެޅުން ކޮމިޓީން ފާސްކުރި އެވެ. ބިލް ފާސްކުރަން ވޯޓު ދެއްވި މެންބަރުން ކޮމިޓީގައި ވިދާޅުވެފައިވަނީ މިއީ މާބޮޑު ދިރާސާއެއް އޮތް ބިލެއް ނޫން ކަމަށާއި ބިލް އަވަހަށް ފާސްކުރަން ޖެހޭ ކަމަށެވެ.

ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލް ތަޅުމުން ބަލައިގަތީ ޕީއެންސީއަށް ނިސްބަތްވާ 64 މެންބަރެއްގެ ވޯޓާ އެކު އެވެ. ޕީއެންސީއަށް ނިސްބަތްވާ 11 މެންބަރަކު ވޯޓުގައި ބައިވެރިވަޑައެއް ނުގަންނަވަ އެވެ.

އެ ވޯޓުގެ ކުރިން ޕީއެންސީން އޮތީ އެ ބިލް ބަލައިގަތުމަށް ވޯޓު ދިނުމަށް އަންގައި ތްރީލައިން ވިޕެއް ނެރެފަ އެވެ. ނަމަވެސް، އެ ވޯޓު އޮތް ގަޑީގައި ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ތަޅުމުގައި ނެތެވެ.

އެކަމާ ހިތްހަމަނުޖެހިވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގުރޫޕަށް މެސެޖެއް ފޮނުއްވާފައިވާ ކަމަށް ބައެއް މެންބަރުން "މިހާރު" އަށް ވަނީ ވިދާޅުވި އެވެ. އެ މެސެޖްގައި، ޕާޓީން ވިޕް ނެރެފައި ވަނިކޮށް އެއާ ހިލާފަށް އެއްވެސް ގޮތަކަށް އަމަލު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް އެއާ ހިލާފުވި މެންބަރުންނާ މެދު ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗްގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލްގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ އެންމެ ތިން މެންބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ބިލަށް ތާއިދު ކުރައްވައިފަ އެވެ.