Roadha Mihaaru

އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށައިފި

މީގެ 10 އަހަރު ކުރިން ގެއްލުނު، މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށައިފި

މީގެ 10 އަހަރު ކުރިން ގެއްލުނު، މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކޭ ވިދާޅުވީ ވަނީ މަތިންދާބޯޓު ހޯދުމުގެ މަސައްކަތް މެރިޓައިމް އެކްސްޕްލޯރޭޝަން ފާމް އޯޝަން އިންފިނިޓީއިން އަލުން ފަށާފައިވާކަން ހާމަކުރައްވައިފަ އެވެ.

މެލޭޝިއާ އާއި އެ ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ތަފްސީލުތައް އަދިވެސް ފައިނަލް ކުރަމުން އަންނަ ކަމަށާއި ނަމަވެސް 2014 ވަނަ އަހަރުގެ މާޗް މަހު ގެއްލުނު މަތިންދާބޯޓު ފެނޭތޯ އޯޝަން އިންފިނިޓީގެ ބޯޓުތަކުން އިސްވެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށް ލޯކޭ ވިދާޅުވި އެވެ.

ލޯކޭ ވިދާޅުވީ ބޯޓު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކިހާ ދުވަހަކަށް ކަމެއް އަދި މަޝްވަރާކުރެވިފައި ނުވާ ކަމަށެވެ. އިނގިރޭސި ވިލާތުގެ އެ ކުންފުނިން ބޯޓު ހޯދުމުގެ މަސައްކަތް އަލުން ފެށީ ސީދާ ކޮން ތާރީހެއްގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. މިއީ 2018 ވަނަ އަހަރު ވެސް މި މަސައްކަތް ކޮށް އެކަމަކު ކާމިޔާބު ނުވި ކުންފުންޏެކެވެ.

އެމްއެޗް370 ހޯދުމުގެ އާ މަސައްކަތްތަކެއް ފަށަން އެއްބަސްވެފައިވާކަން މެލޭޝިއާ ސަރުކާރުން ހާމަކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭރު ބުނީ އެ ކުންފުންޏާ މަސައްކަތް ހަވާލުކުރަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އަދި 70 މިލިއަން ޑޮލަރުގެ ފީއަކަށް ކަމަށެވެ. އެކަމަކު ކުރިން ވެސް އެ ކުންފުނިން މަސައްކަތްކުރި ގޮތަށް، މިފަހަރު ވެސް ފައިސާ ދޭނީ ބޯޓު ފެނިއްޖެ ނަމަ އެވެ.

މެލޭޝިއާގެ ކުއާލަލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް 239 މީހުންނާ އެކު ދަތުރުކުރި ބޮއިން 777 މަރުކާގެ މަތިންދާބޯޓު ރާޑަރުތަކަށް ގެއްލުނީ މާޗް 8، 2014 ގަ އެވެ. އޭވިއޭޝަން ތާރީހުގައި ވެސް އެންމެ ބޮޑު ސާޗް އޮޕަރޭޝަން މި ބޯޓު ހޯދަން ހިންގި ނަމަވެސް އެކަން ކާމިޔާބެއް ނުވެ އެވެ.