Roadha Mihaaru

ފިލްޒާގެ ލަފާ ބިލާ ދެކޮޅަށް: މިގޮތަށް ފަނޑިޔާރުން ވަކިކުރުން އިންސާފުވެރިއެއް ނޫން

ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްޗަށް އުފައްދައި، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވައިފި އެވެ.

ފިލްޒާ ލަފާ ދެއްވީ ފަނޑިޔާރުން މަދުކުރާ ބިލާ ދެކޮޅަށް
ނާޒިމް ހަސަން
ނާޒިމް ހަސަން

26 ފެބުރުއަރީ 2025

ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްޗަށް އުފައްދައި، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރެއް މަގާމުން ވަކި ކުރަން ލާޒިމްވާ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މިއަދު މަޖިލީހުން ވަނީ ބަލައިގެންފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ޖުޑީޝަލް ކޮމިޓީން ވެސް ވަނީ ބިލް ފާސްކޮށްފަ އެވެ.

ނަމަވެސް، ކޮމިޓީން ބިލް ފާސްކުރި ފަހުން ފިލްޒާ ވަނީ އެ ބިލާ ގުޅޭ ގޮތުން ބައެއް ލަފާ އަރުވައިފަ އެވެ. ފިލްޒާ ދެއްވި ލަފާގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައަޅާފައި ނެތް ކަމަށާއި އަދި އެ އަދަދު އެހެން އޮނަހިރި އަދަދަކަށް ބަލުކުރުމަކީ އޭގެ ޒާތުގައި ސީދާ ގާނޫނުއަސާސީއާ ތައާރަޒުވާކަމެއް ނޫން ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ގޮތަކީ އެ މަގާމުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްގެންކަން ފިލްޒާ ފާހަގަކުރެއްވި އެވެ. އެއީ އެންމެ އިންސާފުވެރި ގޮތް ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުން ފާސްކުރާ ގާނޫނަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ގެނެވޭ ބަދަލަކާ ގުޅިގެން އެ އަދަދަށް ތަބާވުމަށްޓަކައި، އެ ބޭނުމަށްޓަކައި، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ފަނޑިޔާރެއްގެ ގާބިލުކަމާ މެދު ޖޭއެސްސީން މަޖިލީހުގައި ސުވާލު އުފައްދާފައި ނުވާ ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ކޮމިޝަނުގެ މައްޗަށް އުފެދި، އެ ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއްކަމާ މެދު ސުވާލު އުފެދޭ،" ފިލްޒާ ވިދާޅުވި އެވެ.

އެހެން އޭނާ ވިދާޅުވާ ސަަބަބެއް ކަމަށް ފާހަގަކުރެއްވީ ފަނޑިޔާރުން މަގާމުން ވަކިކުރުމާ ގުޅޭ ތަފްސީލީ އިޖުރާއާތުތަކެއް ޖޭއެސްސީގެ ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ. އެގޮތުން، ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށިގެން އަންނަނީ ފަނޑިޔާރަކާ ބެހޭ ގޮތުން ހުށަހެޅޭ ޝަކުވާއަކާ ނުވަތަ ތުހުމަތަކާ ގުޅިގެން، ނުވަތަ ވަކި ފަނޑިޔާރެއްގެ ސުލޫކާ ބެހޭގޮތުން ސުވާލު އުފެދޭ ސަބަބުތަކެއް ހުރި ކަމަށް ކޮމިޝަނަށް ގަބޫލުކުރެވިގެން ކަން ފިލްޒާ ވިދާޅުވި އެވެ.

ނަމަވެސް ސައްތާރު ހުށަހަޅުއްވާފައިވާ އިސްލާހުގައިވާ ގޮތުން ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުން ވަކިކުރަން މަޖުބޫރެވެ. އަދި އެ ފަނޑިޔާރުން ވަކިކުރުމުގެ ހުރިހާ މަރުހަލާއެއް އެންމެ ހަތް ދުވަސް ތެރޭ ނިންމަން ވެސް ޖެހެ އެވެ.

ފިލްޒާ ވިދާޅުވީ ފަނޑިޔާރަކަށް ޖޭއެސްސީގެ ގާނޫނުގެ ދަށުން ލިބިދޭ ޖަވާބުދާރީވުމުގެ ފުރުސަތުތައް ބިލްގެ ބޭނުމަށްޓަކައި ގާބިލް ނޫން ކަމަށް ކަނޑައަޅާ ފަނޑިޔާރުންނަށް ނުލިބުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް، ކޯޓަތަކުން ކޮށްފައިވާ ހުކުމްތަކަށް ބަލާއިރު، ދައުލަތަށް ހިދުމަތްކުރާ ދައުލަތުން އުޖޫރު ލިބޭ މީހަކު ވިޔަސް، އެ މީހަކާ ދޭތެރޭ ތުހުމަތެއްކޮށް އެ ކަމަކީ އެ މީހަކަށް އެކަމުގެ އަސަރުކުރާނެ ކަމެއް ނަމަ، އެކަމެއް އެ މީހަކަށް އަންގައި އެކަމާ ގުޅޭގޮތުން އެ މީހަކަށް ޖަވާބުދާރީވެ ދިފާއުވުމުގެ ހައްގު ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން ފިލްޒާ ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނުން ކަނޑައަޅާފައިވާ ހާއްސަ އިނާޔަތްތަކާ އިމްތިޔާޒުތަކަކީ ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ފަނޑިޔާރުންނަށް ދައުލަތުގެ ފަރާތުން ލިބިދެވޭ އިމްތިޔާޒުތަކަކާއި އިނާޔަތްތަކެއް ކަމަށެވެ. ނަމަވެސް ފަނޑިޔާރުކަމުގެ ގާބިލުކަން ނެތް ކަމަށް ޖޭއެސްސީން ކަނޑައަޅައި، މަޖިލީހުން ވަކިކުރާ ފަނޑިޔާރުންނަށް ދައުލަތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދިނުމަކީ ދެކޮޅުޖެހޭ އުސޫލެއް ކަމަކަށް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ކައުންސެލް ޖެނެރަލްގެ މި ލަފާއާ ގުޅިގެން ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މިރޭ ވަނީ ބާއްވައިފަ އެވެ. ނަމަވެސް، އެ ކޮމިޓީގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ފެނިވަޑައިގަތީ އެހެން ލަފާ ދެއްވިޔަސް ބިލް އޮތް ގޮތަށް މަޖިލީހަށް ފޮނުވާށެވެ. އެހެންވެ، ކައުންސެލް ޖެނެރަލްގެ ލަފާތަކެއް ހުއްޓަސް، ބިލަށް އެއްވެސް ބަދަލެއް ނުގެންނަން ކޮމިޓީން މިރޭ ފާސްކުރި އެވެ. އެ ވޯޓުގައި ކޮމިޓީގައި ތިއްބަވާ އެމްޑީޕީ ދެ މެންބަރުން ވޯޓު ދެއްވީ ބިލް ފާސްނުކުރާށެވެ. ވަކި ގޮތަކަށް ނުފެންނަ ކަމަށް ޕީއެންސީއަށް ނިސްބަތްވާ ކޮމިޓީގެ މުގައްރިރު އަނާރާ ނައީމް ވޯޓު ދެއްވި އެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ އެވެ. އެހެންކަމުން، ގާނޫނެއް ފާސްކޮށްގެން ފަނޑިޔާރުން ވަކިކުރުމަކީ އޮތް ފުރުސަތެއް ނޫން ކަން ސާފެވެ. ޖޭއެސްސީއަށް ސުލޫކީ މައްސަލައެއް ސާބިތުވެ، މަޖިލީހުގެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން މެނުވީ ފަނޑިޔާރަކު ވަކިނުކުރެވޭނެ އެވެ.