Roadha Mihaaru

ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް ބައި މިލިއަން، މަހަކު 70،000ރ. ލިބޭ ގޮތަށް އިސްލާހެއް

ޝަރަފުވެރިކަމާ އެކު މަގާމުން ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ ރުފިޔާ އާއި މަހަކު 70،000 ރުފިޔާގެ އެލަވަންސެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު އިސްލާހުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އުއްތަމަފަނޑިޔާރަށް ދޭ ރިޓަޔާމަންޓް އިނާޔަތް ބޮޑުކުރަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

15 ޖޫން 2025

ޝަރަފުވެރިކަމާ އެކު މަގާމުން ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ ރުފިޔާ އާއި މަހަކު 70،000 ރުފިޔާގެ އެލަވަންސެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު އިސްލާހުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގައި ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ވަކި ހާއްސަ އިނާޔަތްތަކެއް މިހާރު ކަނޑައަޅާފައެއް ނޯވެ އެވެ. އެ ގަވާއިދުގައިވާ ގޮތުން އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާ ފަނޑިޔާރުންގެ ތެރެއިން ރިޓަޔާކުރެވޭ ފަނޑިޔާރުންނަށް އިނާޔަތް ދެވޭނީ 10 އަހަރު ހިދުމަތް ކުރައްވާފައިވާނަމަ އެވެ.

ނަމަވެސް، ޖޭއެސްސީން މިހާރު ނިންމާފައިވަނީ އެ ގަވާއިދު އިސްލާހުކޮށް، އުއްތަމަ ފަނޑިޔާރުންނަށް ހާއްސަ އެލަވެންސެއް ދިނުމަށެވެ. އެގޮތުން، ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ދަތުރުފަތުރުގެ އެލެވެންސް އާއި ލިވިން އެލެވެންސްއެއްގެ ގޮތުގައި މަހަކު 70،000 ރުފިޔާ ދިނުމަށް ވަނީ ހިމަނައިފަ އެވެ. އަދި ރިޓަޔަމަންޓް އެލަވަންސްގެ ގޮތުގައި ފަނޑިޔާރުކަމުގެ މުއްދަތުގެ އިތުރުން ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމަނަން ވެސް ވަނީ ހުށަހަޅައިފަ އެވެ.

މިހާރު ގަވާއިދު އޮތްގޮތުން، ރިޓަޔާވާއިރު އެއްފަހަރާ ދޭ އިނާޔަތް ހިސާބު ކުރުމުގައި މުއްދަތު ގުނާނީ އެ ފަނޑިޔާރަކު ފަހުން އައްޔަންކުރި ތާރީހުން ފެށިގެން ރިޓަޔާ ކުރުމާ ދެމެދު ހިދުމަތްކުރި މުއްދަތެވެ. އަދި މަހުން މަހަށް ދޭ އިނާޔަތް ހިސާބު ކުރާނީ ފަނޑިޔާރުކަމުގައި ކުރިން ހިދުމަތްކޮށްފައިވާ މުއްދަތާއި ފަހުން ފަނޑިޔާރު ކަމަށް އައްޔަންކުރި މުއްދަތު ގުޅުވައި، ރިޓަޔާ ކުރުމާ ހަމަޔަށް ފަނޑިޔާރު ކަމުގައި ހިދުމަތްކުރި މުޅި މުއްދަތަށެވެ.

ޖޭއެސްސީން ގަވައިދަށް މި ބަދަލު ގެންނަން ނިންމާފައި ވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގަ އެވެ. ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރެއްވި އުއްތަމަ ފަނޑިޔާރު މުއުތަސިމަށް މިހާރު ގަވާއިދު އޮތްގޮތުން އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ އަދަދަށް ވުރެ އެތައް ގުނައެއް އާ އިސްލާހާ އެކު ބޮޑުވެގެންދާނެ އެވެ. އަދި އެ ބަދަލާއެކު، އެމަނިކުފާނަށް ގަނޑުކޮށް ގާތްގަނޑަކަށް ފަސް ލައްކައެއްހާ ރުފިޔާ ރިޓަޔާމަންޓް އެލެވެންސްގެ ގޮތުގައި ލިބޭނެ އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ފަނޑިޔާރު ކަމުގައި ނުވަ އަހަރާއި ހަ މަހާއި 11 ދުވަސް ހޭދަ ކުރައްވާފައި ވާއިރު، ދައުލަތަށް އެމަނިކުފާނު ހިދުމަތް ކުރައްވާތާ 24 އަހަރާއި ހަތަރު މަހާއި 18 ދުވަސް ވަނީ ވެފަ އެވެ.

ޖޭއެސްސީން ގަވާއިދަށް ގެންނަން ނިންމާފައިވާ ބަދަލާ ގުޅޭގޮތުން ހިޔާލު ހޯދަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާތީ، އެކަމާ ގުޅޭގޮތުން މިއަދު ކޮމެޓީގެ ބައްދަލުވުމެއް ބާއްވާފައިވެ އެވެ. އެކަމާ ގުޅިގެން މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، ހޫނު ބަހުސެއް ހިނގާފައިވެ އެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އުއްތަމަ ފަނޑިޔާރަކު ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާ ކަމުގައިވާނަމަ އެ ބޭފުޅަކު ޝަރުވެރިކަމާ އެކު ގެންގުޅުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް، އެމްޑީޕީއަށް ތާއިދު ކުރައްވާ މެންބަރުން އެކަމާ ދެކޮޅު ހެއްދެވި އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ވިދާޅުވީ އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ "ޑީލެއްގެ ދަށުން" ކުރާ ކަމެއްގެ ގޮތުގައި ވެސް އޭނާ ސިފަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިހާތަނަށް ސަރުކާރަށް ނިސްނަތްވާ މެންބަރުން ވެސް ދެއްކެވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރިޓަޔާމަންޓް ޕެންޝަން ފަދަ އެލެވެންސްތައް ކުޑަކުރުމުގެ ވާހަކަ ކަމަށާއި ނަމަވެސް، ވަކި މީހަކާ ޖެހުމުން އެ ހުރިހާ ވާހަކަތަކެއް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅަކަށް ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ލިބެންޖެހޭނެ ކަމަށާއި ނަމަވެސް، އެއީ ވަކި މީހަކަށް ފަހާ ކޯޓެއްގެ ގޮތުގައި އެކަން ކޮށްގެން މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފަނޑިޔާރުންގެ ރިޓަޔާމަންޓް އެލަވަންސްތައް ރިވިއު ކުރުމުގެ މަސައްކަތް މިހާރު ވެސް ކޮމިޓީން ކުރިއަށް ދާއިރު، އެ މަރުހަލާގެ ތެރެއިން އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަހުސް ހޫނުވެފައި ވަނިކޮށް، ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް ވަނީ މިއަދުގެ ބައްދަލުވުން ނިންމާލައިފަ އެވެ. ނަމަވެސް މާދަމާއަށް އިތުރު ބައްދަލުވުމެއް ބާއްވަން ވަނީ އެޖެންޑާކޮށްފަ އެވެ.