Roadha Mihaaru

ފަނޑިޔާރުން ސަސްޕެންޑްކުރީ އޭސީސީން މައްސަލައެއް އުފައްދައިގެން ގާނޫނާ ހިލާފަށް: ވަކީލުން

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އުފައްދައިގެން ހުށަހެޅި މައްސަލައެއްގައި ގާނޫނާ ހިލާފަށް ކަމަށް ގާނޫނީ ބައެއް ވަކީލުން ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރީ ގާނޫނާހިލާފަށް: ވަކީލުން
ނާޒިމް ހަސަން
ނާޒިމް ހަސަން

26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އުފައްދައިގެން ހުށަހެޅި މައްސަލައެއްގައި ގާނޫނާ ހިލާފަށް ކަމަށް ގާނޫނީ ބައެއް ވަކީލުން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރީ ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ އެ ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އެ ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ފެށުމަށް 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ މިއަދާ ހަމައަށް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް އޮތް ކަން ނޭނގޭ ކަމަށާއި ހަމަ ކުއްލިއަކަށް މައްސަލައެއް އުފަންކޮށް ފަނޑިޔާރުން ސަސްޕެންޑް ކުރީ ޝަރީއަތަށް ހުރަސް އަޅަން ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދުގެ އަޑުއެހުމަށް ދިޔައިރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް އޭސީސީގައި އޮތްކަން އެއްވެސް ބަޔަކަށް ނޭނގޭ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް މީޑިއާއަށް ތިލަވީ ފަނޑިޔާރުން އެކަމާ ގުޅިގެން ސަސްޕެންޑްކުރި ހަބަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އެނގޭ އެންޓި ކޮރަޕްޝަން ކޮމިޝަނުން އުފެއްދި މައްސަލައެއްކަން މިއީ،" އަލީ ހުސެއިން ވިދާޅުވި އެވެ.

ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑްކުރީ އޭސީސީން ތަހުގީގު ކުރަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން އެ މައްސަލައާ ގުޅޭ ލިޔުންތައް އެ ކޮމިޝަންއާ ހިއްސާކޮށްފައިވާ ކަމަށް ބުނެ އެވެ.

އަލީ ހުސެއިން ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބަލައި، އެ ބޭފުޅުން މަގާމުން ވަކިކުރުމަށް އޭސީސީގެ އިތުރުން ޖޭއެސްސީން ވެސް މައްސަލަތައް އުފައްދަމުންދާ ކަމަށެވެ. އަދި މިއަށް ވުރެ ބޮޑަށް ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާނެ އެހެން ގޮތެއް ނުވިސްނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނަށް ބަދަލު ގެނެސް، ފަނޑިޔާރުންގެ އަދަދު މަދުކޮށް ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ބަލަން ފެށީ ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމަށެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ނުފޫޒު ފޯރުވުމުގެ އަމަލެއް އެއްވެސް ބަޔަކު ނުކުރަން އަންގައި، އަމުރެއް ނެރެދޭން ވެސް އެދުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިހާތަނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ އަމުރު ނެރެފައި ނުވަނީ އެ ބޭފުޅުން ސިޔާސީ ނުފޫޒެއްގައި ޖެހިފައި ނުވާތީ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

ދުސްތޫރީ މައްސަލާގައި އަލީ ހުސެއިން ތަމްސީލް ކުރައްވާ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ ފަނޑިޔާރުން ސަސްޕެންޑްކުރީ ޖޭއެސްސީގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ ގާނޫނު އޮތީ އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން ވަގުތުން ފަނޑިޔާރުން ސަސްޕެންޑް ކުރެވޭ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނު އޮތް ގޮތުން ފަނޑިޔާރަކު ސަސްޕެންޑްކުރަން ޖެހޭނީ މައްސަލައިގެ ބާވަތަށާއި ހުށަހެޅިފައިވާ ހެއްކަށާއި އެ ފަނޑިޔާރު މަސައްކަތުގައި ދެމި ހުރެއްޖެނަމަ މައްސަލަ ތަހުގީގު ކުރުމަށް އެޅިދާނެ ހުރަހަކަށާއި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށްކަން މަހުފޫޒު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑް ކުރުމުގައި އެކަންކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށާއި އަދި ހާއްސަކޮށް ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ އަސާސްގެ މައްޗަށް ބަލާފައިނުވާ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

މަހުފޫޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ޖޭއެސްސީ މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައި އަދި އެ ކޯޓުގައި ހިނގަމުންދާ ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑު މައްސަލަތައް ކުރިއަށް ގެންދިޔަ ނުދިނުމަށް ކަމަށެވެ. ސަރުކާރުގެ އަމަލުތައް ހުރިގޮތުން ދައުލަތުގެ އަސާސްތައް ނެތިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.