Roadha Mihaaru

ފަނޑިޔާރު ސުއޫދާއި އަޒްމިރަލްދާ އަދި މަހާޒުގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ވެސް ބަލަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވެސް ބަލަން ފަށައިފި އެވެ.

ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

26 ފެބުރުއަރީ 2025

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވެސް ބަލަން ފަށައިފި އެވެ.

ތިން ފަނޑިޔާރުންގެ މައްސަލަތައް ބަލާ ކަން އަންގައި ޖޭއެސްސީން ވަނީ ފަނޑިޔާރުންނަށް ނޯޓިސް ފޮނުވައިފަ އެވެ.

އެނގިފައިވާ ގޮތުގައި ޖޭއެސްސީން ބަލަމުން އަންނަނީ އޮކްޓޫބަރު، 2022 ގައި ހައިކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރު ބަހުން ވާހަކަ ދައްކަވާފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

ފަނޑިޔާރު އަޒްމިރާލްދާ އަދި މަހާޒު އާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ގެންދަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެނގިފައިވެ އެވެ.

ޖޭއެސްސީން މި ތިން ފަނޑިޔާރުން ވެސް ސަސްޕެންޑުކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

އެ ބިލް ފާސްކުރީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލާގެ އަޑުއެހުމެއް މިއަދު ހެނދުނު ތާވަލް ކޮށްފައި ވަނިކޮށް، އެ އަޑުއެހުން ފެށުމުގެ އިރުކޮޅެއް ކުރިން ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ އެވެ. އަދި ޖޭއެސްސީއަށް ސުލޫކީ މައްސަލައެއް ސާބިތުވެ، މަޖިލީހުގެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން މެނުވީ ފަނޑިޔާރަކު ވަކި ނުކުރެވޭނެ އެވެ.