Roadha Mihaaru

އެންޓޮނީގެ ރަތް ކާޑު ކެންސަލް، ރެއާލާ ދެކޮޅަށް ކުޅެވޭނެ

ރެއާލް ބެޓިސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ އެންޓޮނީ އަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެ ޓީމު 2-1 އިން ގެޓާފޭ ބަލިކުރި މެޗުގެ ފަހު ވަގުތު ދެއްކި ރަތް ކާޑު އެޕީލް ކުރުމުން، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އެ ކާޑު ކެންސަލް ކޮށްދީފި އެވެ.

އެންޓޮނީގެ ރަތްކާޑު ކެންސަލް، ރެއާލާ ދެކޮޅަށް ކުޅެވޭނެ

ރެއާލް ބެޓިސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ އެންޓޮނީ އަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެ ޓީމު 2-1 އިން ގެޓާފޭ ބަލިކުރި މެޗުގެ ފަހު ވަގުތު ދެއްކި ރަތް ކާޑު އެޕީލް ކުރުމުން، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އެ ކާޑު ކެންސަލް ކޮށްދީފި އެވެ.

ރަތް ކާޑު ކެންސަލް ކުރުމާ ގުޅިގެން، ހޮނިހިރު ދުވަހުގެ ރޭ ބެޓިސް އިން އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އެންޓޮނީ އަށް ކުޅެވޭނެ އެވެ.

ބެޓިސް އިން އެޕީލް ކުރި އިރު، ރެފްރީގެ ރިޕޯޓުގައި ބަޔާން ކޮށްފައި ވަނީ ހަގީގަތުގައި ކަން ހިނގި ގޮތް ނޫން ކަން އެ ކްލަބުން ފާހަގަ ކޮށްފައިވެ އެވެ. އަދި އެންޓޮނީގެ ހަގީގީ މަގުސަދަކީ ކުޅުންތެރިޔާ ގައިގައި ނުޖެހި ކުޅުން ކުރިއަށް ގެންދިޔުން ކަމަށް ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އިއްތިފާގު ވެފަ އެވެ.

ނެދަލެންޑްސްގެ އަޔެކްސް އިން 107 މިލިއަން ޑޮލަރަށް އެރިކް ޓެން ހާގް ޔުނައިޓެޑަށް ގެނައި އެންޓޮނީ އަށް، ޔުނައިޓެޑްގައި އެންމެ ރަނގަޅު ކުޅުން ނުދެއްކި، ރުބެން އަމޯރިމްގެ ކޯޗު ކަމުގައި ވެސް މާ ގިނަ ފުރުސަތެއް ނުލިބެ އެވެ. ނަމަވެސް ލޯނުގައި މެނުއެލް ޕެލެގްރިނީގެ ބެޓިސް އާއެކު އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކައި އަލުން އުންމީދު އާކުރަމުންނެވެ.

ލަލީގާ ތާވަލްގައި ރެއާލް ބެޓިސް އޮތީ 25 މެޗުން ހޯދި 35 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ރެއާލް މެޑްރިޑް އޮތީ 54 ޕޮއިންޓާ އެކު ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ ވެސް ވަނީ 54 ޕޮއިންޓް ހޯދައިފަ އެވެ.

ރެއާލުން ބެޓިސްއާ ދެކޮޅަށް ނުކުންނާނީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑެ ބެލިންހަމް ނުލަ އެވެ. އޭނާ ހުރީ ދެ މެޗަށް ސަސްޕެންޑް ވެފަ އެވެ. އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީއާ މުހާތަބުކުރި އިރު ބޭއަދަބީ ބަސް ބޭނުން ކުރުމުން ދެއްކި ރަތް ކާޑާ ގުޅިގެން އެންމެ ފަހުން ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ. ބެޓިސް އާ ދެކޮޅަށް ރެއާލް ކުޅޭ މެޗަށް ފަހު އޭނާގެ ސަސްޕެންޝަން ހަމަވާނެ އެވެ.