Roadha Mihaaru

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އެއްވަނައިގައި ލީޑު ދަމަހައްޓައިފި

ފަހަތުން އަރައި 3-1 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ބާސެލޯނާ ލީގު ތާވަލްގެ އެއްވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

ބާސެލޯނާ ލީގު އެއްވަނައިގައި ލީޑު ދަމަހައްޓައިފި

ފަހަތުން އަރައި 3-1 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ބާސެލޯނާ ލީގު ތާވަލްގެ އެއްވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

ރެއާލް މެޑްރިޑް ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗު ވެސް އެއްވަރުވެފަ އެވެ. އެންމެ ފަހުން ޖިރޯނާއާ އެއްވަރުވެ، 14 މެޗުން 33 ޕޮއިންޓާ އެކު، އެ ޓީމަށް ވަނީ ޕޮއިންޓެއްގެ ތަފާތުން ލީގު ތާވަލްގެ އެއްވަނަ ވެސް ގެއްލިފަ އެވެ.

މިއާ އެކު ބާސާއަށް ވަނީ އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ. ރޭގެ މެޗުން ބާސާ މޮޅުވުމާ އެކު އެ ޓީމު ވަނީ 15 މެޗުން 37 ޕޮއިންޓް ހަމަކޮށްފަ އެވެ. އަދި މިރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ރެއާލް މެޑްރިޑް މޮޅުވެއްޖެ ނަމަވެސް އެއް ޕޮއިންޓުގެ ތަފާތުން އެއްވަނައިގައި އޮންނާނީ ބާސާ އެވެ.

ބާސާގެ ދަނޑުގައި ރޭ އެތުލެޓިކޯ ވަނީ 19 ވަނަ މިނިޓުގައި އެލެކްސް ބީނާގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ޕެޑްރީ ދިން ބޯޅައެއް ހިފައިގެން އަރައި ކީޕަރު ކައިރިން ވެސް ނައްޓާފައި ބާސާ އަށް އެއްވަރު ކޮށްދިނީ ރަފީނިއާ އެވެ.

ބާސާގެ ކޯޗު ހަންސީ ފްލިކް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބާސާގެ ކޯޗު ހަންސީ ފްލިކް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

"ރަފީނިއާ ހުރުމުން ވަރަށް ފަސޭހަވޭ. އޭނާ ކުޅޭނީ ވަރަށް ހައި އިންޓެންސިޓީއެއްގައި. އެންމެންނަށް ވެސް އޭގެ އަސަރު ކުރާތަން ފެނޭ،" ހޭމްސްޓްރިންގް އަނިޔާއަކުން ރަނގަޅު ވެގެން މިދިޔަ ހަފުތާގައި ކުޅެން ފެށި ރަފީނިއާއާ ގުޅޭގޮތުން ބާސާގެ ކޯޗު ހަންސީ ފްލިކް މެޗަށް ފަހު ބުނެފައިވެ އެވެ.

ފުރަތަމަ ހާފުގައި ލީޑު ނަގަން ވެސް ބާސާއަށް ވަނީ ފުރުސަތު ލިބިފަ އެވެ. ނަމަވެސް ޑެނީ އޮލްމޯ އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީ ރޮބާޓް ލެވަންޑޯސްކީ ފޮނުވާލުމުން ދިޔައީ މާ މަތިން ބޭރަށެވެ. އޭގެ ފަހުން ލެވަންޑޯސްކީ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލަކް ވަނީ ދިފާއު ކޮށްފަ އެވެ.

ބާސާ ލީޑު ނެގީ ދެވަނަ ހާފު ފެށިގެން 20 ވަނަ މިނިޓުގައި ލެވަންޑޯސްކީގެ އެހީތެރިކަމާ އެކު އޮލްމޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނަމަވެސް ގޯލު ޖެހި ވަގުތު އޭނާ ވެއްޓުނު ގޮތަކުން ވާތު ކޮނޑުހުޅަށް އަނިޔާވެގެން އޮލްމޯ ވަނީ ބަދަލުކޮށްފަ އެވެ.

ބާސާގެ ފަހު ލަނޑު، އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގައި ފެރާން ޓޮރޭޒް ޖަހައިދިނީ އަލެހަންދްރޯ ބާލްޑޭ ހުރަސް ކޮށްލި ބޯޅައަކުންނެވެ.