ޅ. ނައިފަރުގައި މި އަހަރު އިމާމުގެ ތަރާވީސް ނަމާދުކުރުމަށް އެ ރަށުގެ ޒުވާން ހާފިޒުންތަކަކަށް ފުރުސަތު ލިބިއްޖެ އެވެ.
28 ފެބުރުއަރީ 2025
ޅ. ނައިފަރުގައި މި އަހަރު އިމާމުގެ ތަރާވީސް ނަމާދުކުރުމަށް އެ ރަށުގެ ޒުވާން ހާފިޒުންތަކަކަށް ފުރުސަތު ލިބިއްޖެ އެވެ.
ކައުންސިލުން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ހަތަރު މިސްކިތެއްގައި ފަސް ހާފިޒުން އިމާމުގެ ތަރާވީސް ނަމާދުކުރާނެ ކަމަށެވެ.
އޭގެ ތެރެއިން އެންމެ ދޮއްޓަށް ހުރީ ރަށު ކޯޓުގައި ލީގަލް އޮފިސަރަކަށް މަސައްކަތްކުރަމުން، ހިފްޒު ކްލާހެއް ހިންގާ އަހުމަދު ނާޒިލް މުހައްމަދެވެ.
ނައިފަރު މިސްކިތުގައި އެންމެ ފުރަތަމަ ދަމުނަމާދު ކުރަން ފެށީ ވެސް އުމުރުން 17 ވަރަކަށް އަހަރުގައި ނާޒިލެވެ. ބޭރަށް ކިޔަވަން ދިއުމާ ހަމައަށް، ފަސް އަހަރު ވަންދެން އެކަން ކުރިއަށް ގެންދިޔަ އެވެ. އޭގެ ކުރިން ގޭގައި ވެސް ޖަމާއަތް ހަދައިގެން ދަމުނަމާދު ކުރަން ފެށި އެވެ. އެހެންވެ، ސިޔާސީ ތުހުމަތުތައް ވެސް އޭރު ކުރި އެވެ.
ނާޒިލް "މިހާރު" އަށް ބުނީ ފުރަތަމަ ދަމުނަމާދު ކުރިއިރު ގުރުއާން ހިތުދަސް ނުވާތީ ކިޔެވީ ބަލައިގެން ކަމަށެވެ. ގުރުއާން ހިތުދަސްކޮށް، އަމިއްލަ ރަށުގައި އިމާމުވެ ތަރާވީސް ކުރުމަކީ އޭރު ވެސް އޮތް އަޒުމަކަށް ވިއަސް، ގުރުއާން ދަސްކުރުމަށް ސީދާ ވަގުތު ހުސްކުރެވެން ފެށީ ޝަރީއާގެ ދާއިރާއިން މަދީނާ ޔުނިވާސިޓީން ޑިގްރީ ހަދަން ފެށި ފަހުންނެވެ.
ނާޒިލް 2019 ވަނަ އަހަރު ހާފިޒްކަމުގެ ސަނަދު ނެގުމަށް ފަހު، ދެން މަސައްކަތް ފެށީ ދަމުނަމާދާއި ތަރާވީސް ނަމާދުކުރާނެ ހާފިޒުންތަކެއް އުފައްދާށެވެ. އޭގެ ނަތީޖާއަކީ، މި ފަހަރު ތަރާވީސްކުރާ އަނެއް ހަތަރު ހާފިޒުންގެ ތެރެއިން ދެ ކުދިންނަކީ ނާޒިލްގެ ދަރިވަރުންނަށް ވުމެވެ.
ނައިފަރު މިސްކިތްތަކުގައި މި އަހަރު ތަރާވީސްކުރާ އެންމެ ކުޑަކުޑަކޮށް ތިބީ ގްރޭޑު ހަތެއްގައި ކިޔަވާ ދެ ކުދިންނެވެ. އެއީ މަސްޖިދުއްސިއްދީގުގައި ނަމާދުކުރާ އަބްދުﷲ ޒަކުވާން މުހައްމަދު ރިކްޒާން އަދި މަސްޖިދުލް ހާދީގައި އިމާމުވެ ތަރާވީސްކުރާނެ ޒާލިފް މަދީހެވެ. ދެން ތިބީ ގްރޭޑު 10 ގައި ކިޔަވަމުން އަންނަ އަބްދުﷲ ހަޔާން ހަމީޒް އަދި އާސިރު އާރިފް ޔޫސުފެވެ. އެ ކުދިން ތަރާވީސްކުރާނީ މަސްޖިދުލް ޣުފްރާންގަ އެވެ.
ނާޒިލް ބުނީ މި ފަހަރު ތަރާވީސްކުރާ ބައެއް ކުދިން ގުރުއާންގެ ވަކި ވަރެއް ހިތުދަސްކުރުމުން މީގެ ކުރިން އިމާމުގެ ދަމުނަމާދު ކުރަން ފަށާފައިވާ ކަމަށެވެ. އެހެންވެ، މިސްކިތްތަކުގައި އިމާމުވެ ތަރާވީހު ނަމާދު ކުރާނެ މީހުން ހޯދަން އިއުލާންކުރިއިރު އެ ކުދިން ތިބީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ.
އެ ކުދިންގެ ތެރެއިން އެންމެ ފުރަތަމަ ހާފިޒްކަމުގެ ސަނަދު ނެގީ އާސިރެވެ. އެއީ ގްރޭޑު 9 ގައި ކިޔަވަމުންނެވެ. އެންމެ ފަހުން، މިދިޔަ މަހުގެ ތެރޭގައި އެންމެ ފަހުން ގުރުއާން ހިތުދަސްކުރުމުގެ ޓެސްޓުތަކުން ފާސްވެގެން ސަނަދު ލިބުނީ ޒާލިފަށެވެ.
ނާޒިލް ބުނީ އާބާދީގައި 5،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ނައިފަރުގެ ކުދިންތަކަކަށް އިމާމުވެ ތަރާވީސް ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
"އަޅުގަނޑަކީ ވެސް ދުނިޔެ ދޫކޮށްފައި ދާނެ މީހެއް. ބޭނުންވީ، އަޅުގަނޑުގެ ފަހަތުން މި މަސައްކަތް ކުރާނެ ބަޔަކު އުފެއްދުން. މިއީ ވަރަށް ދެކެން ބޭނުންވި ދުވަހެއް. މި ރަށަށް އުފަން ހާފިޒުންތަކެއް ދަމުނަމާދާއި ތަރާވީސް ނަމާދު އިމާމުވެ ކުރާތަން ފެނުމަކީ." ނާޒިލް، 35، ބުންޏެވެ.
ނާޒިލްގެ ކްލާހުން ފަސް ހާފިޒުން މިހާރު ވަނީ އުފެއްދިފަ އެވެ. މި އަހަރު އަދި އިތުރު އަށް ހާފިޒުން ތަމްރީނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
ހައްޖު ހަދިޔާއަށް ކާފަ ދިން މުސްހަފުން އަލިވީ ހަޔާތެއް
ރަޝީދު މިސްކިތުގައި ތަރާވީސް ކުރާނީ ޝަހީމްގެ ދެބަފައިން
ޖަމާއަތުގައި ނަމާދު ކޮށްގެން 38 ކުދިންނަށް ބައިސިކަލް
މި ދެމަފިރިންގެ ހުރިހާ ދަރިން ހާފިޒުންނަށް
ދެ ކުދިން އިމާމުވެ ތަރާވީސް ނަމާދުކުރަނީ
ފުރަތަމަ ހާފިޒަށް ރަށުގެ އެންމެ ހޫނު މަރުހަބާ!
ނައިފަރުގައި ފަސް ކުދިން އިމާމުވެ ދަމުނަމާދު ކުރަނީ
ގުރުއާން ހިތުދަސްކުރުމަށް އާދަޔާހިލާފު ހިތްވަރެއް!
މާއްދީ އެދުންތަކުން އަޚްލާގަށް ހުރި ގޮންޖެހުން
ފަންސާސް ނަމާދުގެ ސަވާބު، އެކަމަކު ފަސް ނަމާދު!