އިތުރު ގަޑީގެ ފައިސާ ނުދީ، އިތުރު މަސައްކަތް ނުކުރުމަށް ސިއްހީ ހިދުމަތްތެރިންގެ ޖަމިއްޔާއިން އަނެއްކާވެސް ގޮވާލައިފި އެވެ.
02 މާޗް 2025
އިތުރު ގަޑީގެ ފައިސާ ނުދީ، އިތުރު މަސައްކަތް ނުކުރުމަށް ސިއްހީ ހިދުމަތްތެރިންގެ ޖަމިއްޔާއިން އަނެއްކާވެސް ގޮވާލައިފި އެވެ.
މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންގެ ތެރެއިން ސިއްހީ ދާއިރާގެ އާ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުން ލައްވާ އިތުރު ގަޑީގައި ކުރުވާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ ނުދިނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އެއީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާ ވެސް ހިލާފު ކަމެއް ކަމަށް ބުންޏެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި، 2023 ގައި ގެނައި ބަދަލާއެކު އިތުރު ގަޑީގެ ފައިސާ ވެސް ވަނީ ލިމިޓްވެފަ އެވެ. އޭގެ ކުރިން، ރަސްމީ ގަޑީގެ ފަހުން ކުރާ ކޮންމެ މަސައްކަތަކަށް އިތުރު ގަޑީގެ ފައިސާ ލިބުނަސް، އާ އޮނިގަނޑާއެކު އިތުރު ގަޑީގެ ގޮތުގައި މިހާރު ލިބެނީ މުވައްޒަފުންގެ މަގާމުގެ އަސާސީ މުސާރައިގެ ގިނަވެގެން 10 ޕަސެންޓަށް ވާ މިންވަރަށެވެ.
އެއަށްވުރެ އިތުރަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށް އިތުރު ގަޑީގެ މިންގަނޑުގައި ބުންޏަސް، ސިއްހީ ހިދުމަތް ހޯދާ ބަލި މީހުންގެ އަދަދާ އަޅާ ބަލާއިރު މަަސައްކަތްތެރިންގެ އަދަދު މަދުވުމުން ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ދައުލަތުގެ އާ ޕޭ ފްރޭމްވޯކުގައި މިހާރު ކަނޑައަޅާފައިވާ 10 ޕަސެންޓަށްވުރެ އިތުރަށް މިހާރު ވެސް ސިއްހީ މަސައްކަތްތެރިން މަސައްކަތް ކުރަންޖެހޭ ނަމަވެސް، މުސާރައިގެ 10 ޕަސެންޓަށް ޖެހޭ ވަރަށް ވުރެ އިތުރަށް ކުރުވާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ މިހާރު ނުދެ އެވެ،" އެ ބަޔާނުގައިވެ އެވެ.
"ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ހެދޭ ކޮންމެ ގަވާއިދެއް، އުސޫލެއް އަދި ކޮންމެ މިންގަނޑެއް ވާނީ ބާތިލް އެއްޗެއް ކަމުގައި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ވީހިނދު، ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބިނުދެވޭ ގޮތަށް ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގެ އޯޓީއާ ގުޅޭ މިންގަނޑު ހެދުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފު ކަމެއް ކަމުގައި މި ޔޫނިއަން އިން ދެކެމެވެ،" ބަޔާނުގައިވެ އެވެ.
އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި އިތުރު ގަޑީގެ ފައިސާ ނުދޭނަމަ ދައުލަތުގެ އާ ޕޭ ފްރޭމްވޯކުގައި މިހާރު ކަނޑައަޅާފައިވާ 10 ޕަސެންޓަށް ވުރެ އިތުރަށް ސިއްހީ މަސައްކަތްތެރީން މަސައްކަތް ކުރަން ނުޖެހޭނެ އެވެ. އަދި އެއާ ހިލާފަށް މަސައްކަތް ކުރުވުމަކީ "އުޖޫރަ ނުދީ މަޖުބޫރުން މަސައްކަތްކުރުން" ކަމަށް ބުންޏެވެ.
ޔޫނިއަނުން ވަނީ އެ މައްސަލަ ލޭބަ ރިލޭޝަންސް އޮތޯރިޓީއަށް ޖޫން 8، 2023 ގައި ވެސް ހުށަހަޅައިފަ އެވެ. އެކަމަށް އޭރު ދިން ޖަވާބުގައި ބުނީ އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށެވެ.
އެ ބަޔާނުގައި ބުނީ މެދުކެނޑުމެއް ނެތި 24 ގަޑިއިރު ހިދުމަތް ދިނުމަށް ސިއްހީ ހިދުމަތްތެރިން ހަފުތާއަކު ހަ ދުވަހު އަދި ދުވާލަކު ހަ ގަޑިއިރުގެ ޝިފްޓް ޑިއުޓީ ކުރުމުގެ އިތުރުން ރޯދަ މަހުގެ ފަހު 10 ގެ ބަންދުގައި ހިދުމަތުގައި ތިބޭއިރު، އެ ޔޫނިއަންގެ މެމްބަރުންނާ މެދު ސަރުކާރުން އަމަލު ކުރަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ.
އެހެންވެ، މީގެ ދެ އަހަރުކުރިން އަމަލުކުރަން ފެށި އެ އުސޫލަށް ބަދަލު ގެންނަން ވަނީ އެދިފަ އެވެ.
"ސިއްހީ މަސައްކަތްތެރިން ލައްވާ އިތުރު ގަޑީގައި މަސައްކަތް ކުރުވާނަމަ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ވީ އެންމެ އަވަހަކަށް ދޭން ފެށްޓެވުމަށާއި 1 މެއި 2023 އިން ފެށިގެން ހިނގައިދިޔަ މުއްދަތުގައި ސިއްހީ މަސައްކަތްތެރިން ލައްވާ އިތުރުގަޑީގެ ފައިސާ ނުދީ މަޖުބޫރުން ކުރުވާފައިވާ މަސައްކަތަށް ދޭންޖެހޭ ފައިސާ ހަމައަށް ދިނުމަށް ތަކުރާރުކޮށް ސަރުކާރަށް ގޮވާލަމެވެ،"
މި މަހުގެ 20 ގައި ރޯދަ އިނާޔަތް ދެނީ
"މުސާރައިގެ ކުރިއެރުން ނުދެވެނީ ބަޖެޓް ނެތުމުން"
ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް ފަށައިފި
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަންޑިވިޝަން ހަދައިފި
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް
ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރަނީ!
މުވައްޒަފުން ޗުއްޓީ ނެގުމުން ދޭ އެލަވަންސް ހުއްޓާލައިފި
ބިދޭސީންނަށް މުސާރަ ނުދޭނަމަ ދެން ޖޫރިމަނާ ކުރެވޭނެ
އެންއައިސީގެ އާ މަގާމުތަކަށް ހުއްދައެއް ނުދިން