Roadha Mihaaru

ޖުޑިޝަރީގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުދެވި އޮތީ ބަޖެޓް ނެތުމުން، ބެންޗުގެ ސުވާލުތައް ޑީޖޭއޭ އަށް

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދީ ހުރި ފައިސާތައް ނުދެވި އޮތީ ދައުލަތުގެ ބަޖެޓުގައި އެކަމަށް ފައިސާ ނެތުމުން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

"މުސާރައިގެ ކުރިއެރުން ނުދެވެނީ ބަޖެޓް ނެތުމުން"

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދީ ހުރި ފައިސާތައް ނުދެވި އޮތީ ދައުލަތުގެ ބަޖެޓުގައި އެކަމަށް ފައިސާ ނެތުމުން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ޖުޑިޝަރީގެ މުވައްޒަފުންނަށް ކޮންމެ ދެ އަހަރުން އެއް އަހަރު ދޭންޖެހޭ މުސާރައިގެ ކުރިއެރުން 2017 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ނުދީ އޮތުމަށް ފަހު، މުވައްޒަފުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން 2023 ވަނަ އަހަރު މުސާރައިގެ ކުރިއެރުން ދޭން ފެށި އެވެ. ނަމަވެސް އޭގެ ކުރިން ގެއްލިގެންދިޔަ މުއްދަތަށް ވާ ފައިސާ މިހާތަނަށް ނުދެ އެވެ.

އެ މައްސަލާގައި ޓްރައިބިއުނަލުން 2023 ވަނަ އަހަރު ނިންމާފައި އޮތީ ޖުޑިޝަރީގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހައްގުވި ނަމަވެސް ބަޖެޓުގައި އެކަމަށް ފައިސާ ނެތުމުން ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ އެ މުވައްޒަފުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ޑީޖޭއޭއިން އިން ބުނީ އެއީ މުވައްޒަފުންނަށް ހައްގުވާ ފައިސާއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު، ފައިސާ ނުދެވެނީ އެކަމަށް ފިނޭންސް މިނިސްޓްރީން ބަޖެޓް ހަމަޖައްސައިދީފައި ނެތުމުން ކަމަށާއި ބަޖެޓްގައި ނެތް ފައިސާއެއް ދިނުމަކީ މާލިއްޔަތު ގަވާއިދުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

ޑީޖޭއޭއިން ބުނިގޮތުގައި އެ މުއްދަތަށް ވާ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރި އެވެ. އެކަމުގައި ޑީޖޭއޭ އިން ކުރެވެން ހުރި ކަންކަން ކުރަމުން ގޮސްފައިވާނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ. އެހެންކަމުން ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭގެ އެ ޖަވާބާ އެކު، ފަނޑިޔާރުންގެ ބެންޗުން ގިނަ ސުވާލުތަކެއް ޑީޖޭއޭ އަށް އަމާޒުވި އެވެ. ކޯޓުތަކުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން އެންގުމުގެ ކުރިން ވެސް، އެކަމަށް ދައުލަތުގެ ބަޖެޓްގައި ފައިސާ ހުރިތޯ ބަލަން ޖެހޭނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

މީގެ އިތުރުން ބަޖެޓްގައި ފައިސާ ނެތުމަކީ ހައްގުވާ ފައިސާއެއް ނުދީ ހިފެހެއްޓޭނެ ސަބަބެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. އަދި މުސާރައިގެ ކުރިއެރުން ދޭންޖެހޭ ގޮތަށް ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ހިމަނާފައި އޮތީ ދައުލަތުގެ އިދާރާތަކާ މަޝްވަރާ ނުކޮށްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޑީޖޭއޭއިން ބުނީ އެގޮތަށް ގަވާއިދުގައި ހިމަނާފައި އޮތީ ދައުލަތުގެ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވިޔަސް، ފަހުން ސަރުކާރުން ބަޖެޓް ދޭއިރު ބަޖެޓް ހަމަޖައްސާފައި ނޯންނަ ކަމަށެވެ. އަދި ފަހުން 2023 ވަނަ އަހަރު އެކަމަށް ބަޖެޓް ދޭން ފެށީ ގެއްލުނު މުއްދަތު ނުހިމަނާ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

މުސާރައިގެ ކުރިއެރުން ދިނުމަށް ބަޖެޓް ދިނުން ހުއްޓާލި ދުވަސްވަރު، މުސާރައިގެ ކުރިއެރުމާ ބެހޭ ބައި މުވައްޒަފުންގެ ގަވާއިދުން އުނިކުރިތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ޑީޖޭއޭއިން ބުނީ އޭރު އެ ފައިސާ ލިބޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން ގޮސްފައިވާތީ އެ ބައި ގަވާއިދުން އުނި ކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް ފަހުން ގަވާއިދު އިސްލާހުކުރި ކަމަށް ޑީޖޭއޭއިން ބުންޏެވެ.

މުސާރައިގެ ކުރިއެރުމުން ހައްގުވާ ބައި ނުލިބި އޮތްއިރު، އޭގެ ސަބަބުން މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއަށް އިތުރަށް ލިބެންޖެހޭ އަދަދުތައް ވެސް ނުލިބި އޮތުމަކީ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތް ކަމެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ޑީޖޭއޭއިން ވެސް ބުނީ އެއީ ގާނޫނުގައި ބުނާ ހާލަތެއްގެ ތެރެއިން އުނިކުރެވިފައިވާ ފައިސާއެއް ނޫން ކަމަށެވެ.

އެ މައްސަލާގައި މުސާރައިގެ ކުރިއެރުން ހައްގުވާ ކަމަށް ޓްރައިބިއުނަލުން ނިންމި ފަހުން، ކުރިން ނުދެވި ހުރި ފައިސާތައް ދިނުމަށް ސަރުކާރާ އެކު، މަސައްކަތް ކުރިންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ޑީޖޭއޭއިން ބުނީ އެ ނިންމުމަށް ފަހު، އެކަމަށް ވަކިން މަސައްކަތް ކުރިކަން ޔަގީންނުވާ ކަމަށެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.