ވަރަށް ނިކަމެތިކޮށް އުޅެނިކޮށް ޖަރުމަނަށް ދެވުނީ އުމުރުން 10 އަހަރުގަ އެވެ. ފްރެންކްފާޓް އެއާޕޯޓުގައި ހުރި ތީރުތައް ގިނަކަމުން އިބްރާހިމް ނަސީރު ހާސްވެ ގުޑިލަންވީ ދިމާލެއް ފުރަތަމަ ނޭނގުނެވެ. އެއީ އޭނާގެ ކުރިމަގު އޮތް ގޮތް ބާވައޭ ވެސް އެވަގުތު ހިތަށް އެރި އެވެ. އެހާ ކުޑައިރު އެކަނިމާއެކަނި ޖަރުމަނަށް ދިޔައީ ވަޒީފާގައި އުޅުނު ރިސޯޓުން ދިމާވި އެ ގައުމުގެ ދެމަފިރިއަކު އެދިގެންނެވެ. އިތުބާރު ނުކުރެވުނަސް ރިސްކެއް ނެގީ އެވެ.
03 މާޗް 2025
ވަރަށް ނިކަމެތިކޮށް އުޅެނިކޮށް ޖަރުމަނަށް ދެވުނީ އުމުރުން 10 އަހަރުގަ އެވެ. ފްރެންކްފާޓް އެއާޕޯޓުގައި ހުރި ތީރުތައް ގިނަކަމުން އިބްރާހިމް ނަސީރު ހާސްވެ ގުޑިލަންވީ ދިމާލެއް ފުރަތަމަ ނޭނގުނެވެ. އެއީ އޭނާގެ ކުރިމަގު އޮތް ގޮތް ބާވައޭ ވެސް އެވަގުތު ހިތަށް އެރި އެވެ. އެހާ ކުޑައިރު އެކަނިމާއެކަނި ޖަރުމަނަށް ދިޔައީ ވަޒީފާގައި އުޅުނު ރިސޯޓުން ދިމާވި އެ ގައުމުގެ ދެމަފިރިއަކު އެދިގެންނެވެ. އިތުބާރު ނުކުރެވުނަސް ރިސްކެއް ނެގީ އެވެ.
މީހުންގެ ގާތުން އަހައި އޮޅުންފިލުވައިގެން އެއާޕޯޓުން ނުކުތް އިރު އެ ދެމަފިރިން ނަސީރު ބަލާ އައިސް ތިއްބެވެ.
އަލަށް ބެންޒް ކާރަކަށް އަރައި ދުއްވާލެވުމުން އިނދެވުނީ ހައިރާންވެފަ އެވެ. މުޅިން އެހެން ދުނިޔެއެކެވެ. ސްނޯ ފައިބާތަން ހަޔާތުގައި ފެނުނީ އަލަށެވެ. މަގުތަކާއި އިމާރާތްތައް ރާއްޖެއާ ހާސްބައި ތަފާތުވެފައި ތަހުޒީބެވެ. ނަސީރުގެ ދިރިއުޅުން ވެސް އެ ދުވަހު ބަދަލުވީ އެވެ.
ވެލިދޫ، ވެލިދުއަކަށް ހަދައިދިނީ އަޅުގަނޑު
ނަސީރު ބުނާ ގޮތުން ﷲގެ ހެޔޮ ރަހުމަތުން އެ ދެމަފިރިންނަކީ އޭނާގެ ނަސީބެވެ.
ނަސީރު "މިހާރު"އާ ވާހަކަ ދައްކަނީ: އޭނާ ބުނީ ވިޔަފާރި ފުނޑުކޮށްލީ ބަޔަކު އަޑީގައި ތިބެގެން ކަމަށް. -- ފޮޓޯ: މުހައްމަދު އައުސަފް | މިހާރު
ނ. ވެލިދޫގައި މިހާރު ދިރިއުޅެމުން އަޔަސް އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިއެއްގެ ގޮތަށް ނަސީރު އެޑަޕްޓްކޮށް، 25 އަހަރު ޖަރުމަނުގައި ހޭދަކުރި އެވެ. އޭނާގެ ޖަރުމަން ބައްޕަ ނިޔާވެއްޖެ އެވެ. މަންމަގެ ހާލު ނަސީރު ބަލަ އެވެ.
މި ހިސާބަށް ކިޔައިދީފައި ނަސީރުގެ ވާހަކަ ހުއްޓާލި އެވެ. ހިތުގައި ފޮރުވާފައި ހުރި ވާހަކަތައް ދައްކަން ބޭނުން ނުވާ ކަމަށް ބުންޏެވެ. އޭނާއަކީ ކުރިން މުއްސަނދިންގެ ތެރޭގައި ގުނާލެވި އެތައް ހިދުމަތެއް ހިލޭސާބަހަށް މި ރަށުގައި ފެށި މީހެކެވެ. ނަސީބު އަތުގައި ހިފިޔަސް ދިމާވީ ވަރަށް ބަދުނަސީބު ހާލަތްތަކެކެވެ.
"ވަރަށް ދިގުވާނެ މި ސްޓޯރީ. އަޅުގަނޑުގެ މުޅި ލައިފް. އެއްގޮތަކަށް ވެސް ކިޔައިދޭން ބޭނުންވާ ވާހަކައެއް ނޫން. މިއީ ނުދައްކަން ހުރި ވާހަކަ އެކަމަކު ދެން ތިބޭފުޅުން ވަޑައިގެން ސުވާލުކުރީމަ މި ކިޔައިދެނީ," ނަސީރު ބުންޏެވެ.
"މިއީ މި ހުރިހާ ޒަމާންވި އިރު ވެސް އަޅުގަނޑު ނުދައްކާ ވާހަކަ."
ވެލިދޫގެ ނިސްބަތުން ނަސީރުގެ އާއިލާ (ކަލޭފާނު) މި ރަށުގައި ފޯރުންތެރި އެވެ. އެކަމަކު އޭނާ ހާލުގައި ޖެހުނީ ވަރަށް ކުޑައިރު މަންމަ އާއި ބައްޕަ ނިޔާވުމުންނެވެ. ނުވަ އަހަރުގައި ދޯންޏަކަށް އަރައިގެން ދިޔައީ މާލެއަށެވެ.
މާލޭގައި އުޅުނީ ބާޒާރުކުރުމާއި އެ ގޭގައި ޖެހޭ ހުރިހާ ކަމެއްކޮށްދޭ ގޮތަށެވެ. އެހެން އުޅެނިކޮށް އެ ގޭގެ މީހުން ހުޅުވި ރިސޯޓަކަށް އާދަޔާ ޚިލާފަށް ގެސްޓުން އަންނަން ފެށުމުން ނަސީރު ދާން ޖެހުނީ ރިސޯޓަށެވެ.
އޭނާ ގެންގުޅުނު ދެ ހެދުން ލާނެ ފޮއްޓެއް އޭރު އަތުގައި ނެތެވެ. ކުޑަ ބްރީފްކޭހެއް އެ ގެއިން ލިބުމުން ހެދުންކޮޅު އަޅައިގެން ފުރީ ރިސޯޓަށެވެ. އެ ތަނަށް ގެންދިޔައީ ރިސެޕްޝަނިސްޓަކަށެވެ.
"އިނގިރޭސިއެއް ވެސް ނޭނގޭ އޭރަކު. ގެސްޓަކު އައިސިއްޔާ އެތެރޭގައި ތިބި މީހުންނަށް އަންގާލަން އަޅުގަނޑު ބެހެއްޓީ. އެކަމަކު ރަށް އޯވަބުކްވި ހިސާބުން ހުރިހާ ކަމެއް އަޅުގަނޑު ކުރަން ޖެހުނު،" އޭނާ ކިޔައިދިނެވެ.
"ފުޅިމެދު އުނގުރިއެއް ކަހަލަ މީހަކަށް އަޅުގަނޑު ވީ. ރޫމްބޯއި ކަން ކުރަން ޖެހޭ. ވެއިޓަރަކަށް ދާން ޖެހޭ. ސްޓޮކް ވެސް ބަލަހައްޓަން ޖެހޭ."
ނަސީރު ބުނި ގޮތުގައި 24 ގަޑިއިރު ތެރޭގައި އޭރު ނިދާލެވެނީ ދޭއް ނުވަތަ ތިން ގަޑިއިރަށެވެ. ޅަ އުމުރުގައި އޭނާ އެހާ ބުރަކޮށް މަސައްކަތް ކުރަން ޖެހުނެވެ.
ބަނޑޮހަށް ދެ ހަފުތާގެ ޗުއްޓީއަށް އައި ޖަރުމަންގެ ދެމަފިރިންގެ ލޮލުގައި ނަސީރު އަޅައިގަތީ އެހާ ކުޑަކުއްޖަކު މުޅި ރަށުގެ ހުރިހާ ކަމެއް ކުރާ ތަން ފެނުމުންނެވެ.
"އެ މީހުން އެހީ އަޅުގަނޑު ގާތު ޖަރުމަނަށް ދާން ކެރިދާނެހޭ. ބުނިން ކެރިދާނެއޭ. މަންމަ މަރުވެ ބައްޕަ މަރުވެ އަޅާލާނެ އެއްވެސް ފަރާތެއް އޭރު ނެތީމަ އެހެން ބުނީ،"
ނަސީރަކީ ޖަރުމަންގެ ވެސް ރައްޔިތެއް ކަން އެނގޭ ލިއުމެއް. -- ފޮޓޯ: ފާތުމަތު އަޖުފާން | މިހާރު
ރާއްޖޭގައި 14 ދުވަހުގެ ޗުއްޓީ ނިންމައި އެ ދެމަފިރިން ޖަރުމަނަށް ދިޔަ ފަހުން ބަރާބަރަށް ނަސީރާ އެއް އަހަރު ވަންދެން ވާހަކަ ދެއްކި އެވެ. ހަދިޔާ ވެސް ފޮނުވި އެވެ. ޕޯސްޓުން ކޮންމެ ފަހަރަކު 100-200 ޑޮލަރާއި ހެދުން ލިބެ އެވެ.
އަޅުގަނޑު އަތުން ބީވި އޮޑިފަހަރުތަކެއް ވެސް ނޫން އެއްޗަކީ. އަޅުގަނޑު އަތުން ދިޔަ ރިސޯޓެއް ވެސް ނޫން. އެއްޗަކީ 150 ޑައިވިން ކްލަބާ އެކު ހިންގި ބިލިއަން ޑޮލަރުގެ މާކެޓް ގެއްލުވާލުން. -- ނަސީރު
އެ މީހުންގެ ހެޔޮކަން އިހުސާސް ވިޔަސް ވަޒީފާ ދޫކޮށް ޖަރުމަނަށް ދިއުމުގެ ވިސްނުމެއް ނެތެވެ. އެހެންވެ އޭނާ ރިސޯޓުން ނެގީ އެއް މަސް ދުވަހުގެ ޗުއްޓީއެކެވެ. ލަންކާ އަށް ގޮސް ވިސާ ނެގި އެވެ.
ނަސީރު ނިންމީ ދެތިން މަސް ޖަރުމަނުގައި އުޅެފައި އެނބުރި ގައުމަށް އައުމަށެވެ.
"އެކަމަކު އެ މީހުން ވަރަށް ރަނގަޅު. އަޅުގަނޑާ ދޭތެރޭ ވަރަށް ހިތްހެޔޮ. އަޅުގަނޑު ގެންގުޅުނީ ދަރިއެއް ހެން. އަނބުރާ ނާދެވުނީ އެހެންވެ. އެ މީހުން އަޅުގަނޑު އެޑޮޕްޓްކުރީ. އަޅުގަނޑަކީ ޖަރުމަންގެ ވެސް ރައްޔިތެއް. މިހާރު ވެސް ފުރައިގެން ގޮސް އުޅެންވީ," ނަސީރު ބުންޏެވެ.
ފަހުން އެނގުނު ގޮތުގައި، ޖަރުމަނަށް ނަސީރު ގެންދިޔައީ އެ ދެމަފިރިންގެ ދަރިއެއް ނެތުމުން މުދަލާއި ފައިސާ ހަވާލުކުރާށެވެ.
ތިން އަހަރު ޖަރުމަންގައި ހޭދަކުރުމަށް ފަހު ނަސީރު ޗުއްޓީއަށް ރާއްޖެ އައީ އެ ދެ މީހުން ގޮވައިގެންނެވެ.
"މަންމަ އާއި ބައްޕައާ އެކީ މި ރަށަށް އަޅުގަނޑުމެން އައީ ކުޑަކުޑަ މަސް ދޯންޏެއްގައި. އޭރު މި ރަށުގައި ކަރަންޓެއް ވެސް ނެތް. ފާހާނާއެއް ނުހުރޭ. ދެ މީހުން ފާހާނާ ކުރަންވީމަ ފޭރާ ޖަހައިދޭން ދަނީ އަޅުގަނޑު," ނަސީރު ކިޔައިދިނެވެ.
މަންމަ އާއި ބައްޕަ ގޮވައިގެން މަހެއްހާ ދުވަސް އުޅެފައި އެނބުރި ދިޔައިރު ވެލިދު އަށް ކުރަން ޖެހޭ ކަންކަމުގެ ލިސްޓު ނަސީރު އޮތީ ތައްޔާރުކޮށްފަ އެވެ. ޖަރުމަނުގެ ތަޖުރިބާ އިން މި ރަށް ތަރައްގީ ކުރުމަކީ އޭނާ ބޭނުންވި ކަމެކެވެ.
އަޅުގަނޑަށް ވަރަށް އަސަރުކުރާ ވާހަކައެއް. ވަރަށް ދެރަވޭ. އަޅުގަނޑު ދުއްވާލީ އަސްލު ނ. އަތޮޅުގައި އޭރު ތިބި ބޮޑެތި މީހުން. މިއީ ހަގީގަތަކީ
ފުރަތަމަ ކުރި ކަމަކީ، އެންމެ ފުރަތަމަ ޖަނަރޭޓަރެއް ވެލިދު އަށް ގެނައުމެވެ.
"މި ރަށުގެ މުޅި ރައްޔިތުންނަށް އަޅުގަނޑު ކަރަންޓް ދިނީ. މިސްކިތްތައް ދިއްލައިދިނިން. މިސްކިތްތަކުގައި ލޯޑު (ލައުޑް ސްޕީކަރު) ބަހައްޓައިދިނިން. ހުކުރު ހުތުބާ އިއްވޭނެ ގޮތް ހައިދިނިން. ދެކަނޑިންމައިގައި ބައްތި ޖަހައިދިނިން." ނަސީރު ކިޔައިދިނެވެ.
ނަސީރު "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ޖަރުމަނުން އަންނަނީ ދަބަހަށް ފާޑުފާޑުގެ ބޭސް އަޅައިގެން. އެއްވެސް މީހެއްގެ އަތުގައި އޭރަކު ނުހުރޭ. އެހެންވީމަ ބައިވަރު މީހުން އަންނާނެ އަޅުގަނޑު ގާތަށް ބޭސް ހޯދަން."
ނަސީރު އެހާ ހިސާބުން ބޭނުންވީ މި ރަށުގެ ސިއްހީ ހިދުމަތް ކުރިއަރުވާށެވެ. ކުރީ ޒަމާނުގެ ގެއެއް, ސިއްހީ ހިދުމަތް ދޭ ތަނަކަށް ހަދައި އެތަނުން ބޭސް ލިބޭ ގޮތް ހަދައިދޭން އޭނާ އަށް މި ރަށުން ހުށަހެޅުން ވެސް އަ އެވެ.
އެތަން ތަޅާލައި ނަސީރު ރަނގަޅު އިމާރާތެއް އެޅީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް މި ރަށަށް ލިބޭން މަގު ފަހިކޮށްދިނުމަށެވެ.
"އަޅުގަނޑު ބޭނުންވީ ވަރަށް ބޮޑު ހޮސްޕިޓަލެއް އަޅަން. ވަރަށް ވަރުގަދަ އަށް އެކަމަށް މަސައްކަތް ވެސް ކުރިން. މިތަނުގައި އެކަން ކުރަން ވެގެން އަޅުގަނޑު ޖަރުމަނުގައި އުފެއްދީ އަމިއްލަ ޖަމާއަތެއް. އޭގެ ތެރޭގައި ތިބީ މޮޅެތި ޑޮކްޓަރުންނާއި ޕްރޮފެޝަނަލް މީހުން," ނަސީރު ބުންޏެވެ.
ސިއްހީ ހިދުމަތް ވެލިދު އަށް ފުޅާކުރަން އެ ޖަމިއްޔާގެ އެހީ ވަރަށް ބޮޑަށް ލިބުނެވެ. އެކަމަކު ހޮސްޕިޓަލެއް ހުޅުވަން ސަރުކާރުގެ ހުއްދަ ނުލިބުނީ އެވެ.
ވެލިދޫގައި 1990 ގެ އަހަރުތަކުގައި ނަސީރު އަޅައިދިނީ ހެލްތު ސެންޓަރެކެވެ. އެތަނަށް އެނދާއި މެޝިނާއި ސިއްހީ އެހެން ސާމާނު ވެސް ގެނައީ އޭނާ ބުނި ގޮތުގައި ޖަރުމަނުންނެވެ.
"ވެލިދޫގައި އެންމެ ފުރަތަމަ ސިއްހީ މަރުކަޒެއް ހުޅުވައިދިން މީހަކީ އަޅުގަނޑު. ޑޮކްޓަރު ވެސް މި ރަށަށް ގެނައީ އަލަށް."
ނަސީރު ބުނީ ސަރުކާރުން ހުއްދަ ދިން ވަރަށް ހެލްތު ސެންޓަރެއް އެޅުމަށް ފަހު، އެތަން ތަރައްގީކުރަން ވަރަށް މަސައްކަތް ކުރި ކަމަށެވެ. އެކަމަކު އެއްވެސް މަގެއް ނުފެނުނު ކަމަށް ބުންޏެވެ.
"ވެލިދުއަށް އަޅުގަނޑުގެ އޮންނަނީ ހާއްސަ ލޯތްބެއް. ޖަރުމަނުގައި އަޅުގަނޑު އެކަނި ކާލައިގެން ބޯލައިގެން ހުންނަން ބޭނުން ނުވީ. އުފަންވީ ރަށް ޑިވެލޮޕްކުރަން ބޭނުންވީ. ވަރަށް ލައިކްވާ ކަމެއް އެއީ," އޭނާ ބުންޏެވެ.
"ވެލިދޫ ވެލިދުއަކަށް ހަދައިދިނީ އަޅުގަނޑު."
ސަފާރީ ބަނުމުގައި މުޅި ރާއްޖެ އަށް ވެލިދޫ މަޝްހޫރުވެފައިވާ އިރު މި ރަށުގެ ފުރަތަމަ ޑައިވިން ސަފާރީގެ ބާނީއަކީ ވެސް ނަސީރެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ތިން ބުރީގެ ޑައިވިން ސަފާރީ ހެދީ އޭނާ އެވެ.
ނަސީރު ބުނި ގޮތުގައި ށ. ބިލެއްފަހިން ވަޑިން ގެނެސްގެން އެ ސަފާރީ ބަނީ ވެސް މި ރަށުގަ އެވެ. އޭގެ ފަހުން އޮޑިއަކަށް ފަހު އޮޑިއެއް އޭނާ ދިޔައީ ބަންނަމުންނެވެ.
ރާއްޖެއިން މިހާރު ފެންނަ ހުރި ބައެއް ސަފާރީތަކަކީ ވެސް އޭނާ ނެރުނު މޮޑެލްތަކެވެ.
"އަޅުގަނޑު އަތުގައި މިހާރު ވެސް ހުންނާނެ ފޮޓޯތައް."
އޭނާ ޓޫރިޒަމް ވިޔަފާރީގެ ތެރެއަށް ވެސް ވަނެވެ.
ނަސީރުގެ ސަފާރީއެއް
ނ. އަތޮޅު ތަނބުރުދޫ ރިސޯޓް 1.8 މިލިއަން ޑޮލަރު ހޭދަކޮށްގެން ހެދި އެވެ. ތިން މަސް ދުވަހު ގެސްޓުން ގެނައުމާ އެކު ބަޔަކު އޭގެ ތެރެއަށް ވަދެ މުޅި ތަން ހަލާކުކޮށްލީ ކަމަށް ނަސީރު ކިޔައިދިނެވެ.
އެއްވެސް ކުށެއް ނެތި, ނަސީރު ބުނި ގޮތުގައި, އެއީ ދިން ވަރަށް ބޮޑު އަނިޔާއެކެވެ. ރިސޯޓު އަތުލައި އެ ތަނުން މީހުން ވެސް ބޭލީ އެވެ. މައްސަލައަކަށް ދެއްކީ އޭނާ ޖަރުމަންގެ ރައްޔިތަކަށް ވުމެވެ. ތުހުމަތަކީ އެއީ ފޮރިން އިންވެސްޓްމަންޓް ގާނޫނާ ޚިލާފު ވިޔަފާރިއެއް ކަމެވެ.
ނަސީރު ރާއްޖެ އެނބުރި އަންނަން ޖެހުނު ސަބަބަކީ އޭނާގެ އެ ވިޔަފާރި އަށް ހުރަސްއެޅުމެވެ. އޭނާގެ ބަހުން ނަމަ ފުނޑުފުނޑުކޮށްލުމެވެ. ޖަރުމަންގައި ހުރެ އޭނާ އެންމެ ބޮޑަށް ބޭނުންވި އެއް ކަމަކީ އެއްބަނޑު އެއްބަފާ ހަތް ކުދިންނަށް ވެލިދޫގައި ހަތް ގެ އަޅައިދިނުމަށެވެ. އެކަން ކުރި ކަމަށް ނަސީރު ބުންޏެވެ.
"އެކަމަކު ހުރިހާ ކަމެއް ހަމައަކަށް ނޭޅި އުޅެނިކޮށް ފުނޑުފުނޑުވެގެން ދިޔައީ. އަޅުގަނޑު ގެންދިޔަ ޓްރޭޑް މިނިސްޓްރީ އަށް. ބުނީ ފޮރިން އިންވެސްޓްމަންޓް ގާނޫނާ ޚިލާފަށް އިންވެސްޓް ކޮށްގެން އުޅޭ މީހެއް ކަން މިތަނަށް އެނގެއޭ. އަޅުގަނޑު ބުނިން އެހެންވިއްޔާ އަޅުގަނޑު ޖަރުމަންގައި ހުއްޓައި ތި ބޭފުޅުން ގެނައުމުގެ ބޭނުމެއް ނެތެއް ނޫންހޭ. ބުނީމަ ބުނެފި ބަޔާން ބޭނުން ވެގެންނޭ ގެނައީ."
ދިވެހި ޕާސްޕޯޓު އޮތް މީހަކު ރާއްޖެ އަށް ކުރާ އިންވެސްޓްމަންޓްތައް ފޮރިން އިންވެސްޓްމަންޓަށް ވާނެ ކަމަކަށް އޭނާ ނުދަންނަ ކަމަށް ޓްރޭޑް މިނިސްޓްރީން ސުވާލުކުރި ބޭފުޅާ އަރިހުގައި ވިދާޅުވި ކަމަށް ނަސީރު ބުންޏެވެ. މުއްސަނދިކަން ލިބުނީ ޖަރުމަންގެ ދެމަފިރިންގެ މިލްކިއްޔާތުން ކަމަށާއި އެކަން ޖަރުމަންގެ ސަރުކާރުގެ ލިޔެކިޔުންތަކުން ނަސީރު ދެއްކި އެވެ.
ނަސީރުގެ ސަފާރީއެއް: ހުރިހާ މުދާތަކެއް އަތުން ބީވެ ރާއްޖެ އަންނަން މަޖުބޫރުވީ ބަޔަކު ލަނޑުދިނުމުން ކަމަށް ބުނޭ.
ރާއްޖޭގައި ނަސީރު އިންވެސްޓްކުރީ ޖަރުމަން ދެމަފިރިން ނަސީރަށް ދިން ހޮޓާ ވިއްކާލައިގެން ލިބުނު ފައިސާ އިންނެވެ. އެއީ 1.8 މިލިއަން ޑޮލަރެވެ.
"އަޅުގަނޑަށް ވަރަށް އަސަރުކުރާ ވާހަކައެއް. ވަރަށް ދެރަވޭ. އަޅުގަނޑު ދުއްވާލީ އަސްލު ނ. އަތޮޅުގައި އޭރު ތިބި ބޮޑެތި މީހުން. މިއީ ހަގީގަތަކީ."
މައްސަލަ ބަލައި ނިމުނު އިރު ނަސީރުގެ ކުށެއް ނެތެވެ. އެ ހޮޓަލަކީ އެއީ އޭނާގެ ހަލާލު, ހައްގެއް ކަން ދިވެހި ސަރުކާރަށް ހެކި ބަސް ދިނީ ޖަރުމަންގެ ސަރުކާރުންނެވެ. އެކަމަކު އެ ފައިސާ އިން ތަރައްގީކުރި ރިސޯޓް އޭރު އޮތީ މުޅިން ވީރާނާ ވެފަ އެވެ. އޭގެ ބަދަލު މިއަދާ ހަމައަށް ވެސް ނަސީރަކަށް ނުލިބެ އެވެ.
އޭނާ ސިފަކުރި ގޮތުގައި ޖަރުމަނުގައި ވަރަށް ގަދަކޮށް އޭނާ ހުއްޓާ މުޅި ދިރިއުޅުން ހަލާކުކޮށްލީ އެވެ.
އެ ހިސާބުން ނަސީރު ރާއްޖޭގައި މަޑުކުރީ އެވެ. އަލުން ވިޔަފާރި ކޮޅަށް ޖެހުމަށެވެ.
އެކަމަކު އޭރު ވަރަށް ހާލުގައި ޖެހިއްޖެ އެވެ. އަތުގައި ފައިސާ ވެސް ނެތެވެ. އޮޑިއެއްގެ ބޮޑީގަނޑަކާއި އިންޖީއެއް ފިޔަވައި އިތުރު މުދަލެއް ނެތެވެ. އެ ދޯނި ނިންމަން މާލެ ގޮސް ކަސްޓަމްސް އިން ގަތީ އޮރިމަސް ވަކަރު ފޮށިތަކެވެ. އޭރު ފޮއްޓެއްގެ އަގަކީ ފަސް ރުފިޔާ އެވެ. ބޭނުމަކަށް ވީ ދޯނީގެ އެތެރޭގެ ކެބިންތައް ހެދުމެވެ. އެކަން ބަޔަކު ލައްވައި ކުރުވަން ޖެހުނީ ވެސް ދަރަންޏަށެވެ.
އޭނާއަށް މިކަމުގައި 20,000 ރުފިޔާގެ އެހީއެއް ދިނީ ޕިންކްރެންޓަލްސްގެ ވެރިޔާ އެވެ. އަބަދުވެސް "ނަސީރަކީ މަރު ނުވަތަ ކާމިޔާބަށް" މަސައްކަތް ކުރާ މީހެއް ކަން ގިނަ ބަޔަކަށް އެނގޭތީ އިތުބާރު އޮންނަ ކަމަށް އޭނާ ބުންޏެވެ.
އެ ދޯނި ނިންމައި ބައްޕަ ލައްވައި ޓިކެޓެއް ނަގައިގެން ނަސީރު ފުރީ ޖަރުމަނަށެވެ. އެ އޮޑި ވިއްކައި ފައިސާ ހޯދާނެ މަގެއް ހުޅުވުމަށެވެ. ހަ ކޮޓަރީގެ އެ އޮޑި ވަރަށް ފަސޭހަ އިން ޖަރުމަނުގެ އޭޖެންސީއަކަށް ވިއްކުނު ކަމަށް ނަސީރު ބުންޏެވެ.
އެ ވިއްކާލީ 150,000 ޑޮލަރު އަތުލައި ވަރަށް ފުރިހަމަކޮށްފަ އެވެ.
އެ ފައިސާ އިން ނަސީރު އަނެއްކާ ވެސް އަމިއްލަ ސަފާރީއެއް ނިންމި އެވެ. އަހަރަކު އެއްޗެއް ބާލަމުން ގޮސް ބޭނުންވި ވަރަށް ފައިދާވި އެވެ. ހަތަރު ކޮޓަރީގެ ވީއައިޕީގެ ސަފާރީއެއް ވެސް ހެދި އެވެ.
އެ ހާއްސަކުރީ ހޮލީވުޑްގެ ތަރިންނަށް ކޮޓަރި ވިއްކުމަށެވެ. މުޅިން ނުނިމި އުޅެނިކޮށް އެއްބަނޑު އެއްބަފާ ބޭބެގެ ބޮލަށް ބަޔަކު ވަދެގެން ހުރިހާ ސަފާރީއެއްގެ ރަޖިސްޓްރީ ވެސް ބަދަލުކޮށްލީ ކަމަށް ނަސީރު ބުންޏެވެ.
އޭނާގެ މިޒާޖަކީ މީހުންނަށް އިތުރުބާރު ކުރުން ކަމަށް ވާތީ ހުރިހާ އެއްޗެއް ހަވާލުކޮށްފައި ގޮސް ޖަރުމަނުގައި ހުރިއިރު އެ ވަރުގެ ލަނޑެއް ލިބިދާނެ ކަމަކަށް ގަބޫލު ވެސް ނުކުރެވުނީ އެވެ.
"ކުރު ގޮތަކަށް ބުނާ ނަމަ އަޅުގަނޑުގެ އެއްވެސް އެއްޗެއް ނެތީ. އޭރު ތިން ސަފާރީ ފުލްކޮށް ގެސްޓުން ހޯދާފައި ހަތަރު ވަނަ އެތި ނިންމަން. އެ ހިސާބުން މުޅި ބިޒްނަސް ދެކެ ފޫހިވީ,"
"އަޅުގަނޑު އަތުން ބީވި އޮޑިފަހަރުތަކެއް ވެސް ނޫން އެއްޗަކީ. އަޅުގަނޑު އަތުން ދިޔަ ރިސޯޓެއް ވެސް ނޫން. އެއްޗަކީ 150 ޑައިވިން ކްލަބާ އެކު ހިންގި ބިލިއަން ޑޮލަރުގެ މާކެޓް ގެއްލުވާލުން."
ނަސީރު "މިހާރު" ގެ ނޫސްވެރިންނާ އެކު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެ ލަނޑު ލިބުމުން މީހާ ފަހަތަށް ޖެހުނީ ނަސީރު ބުނި ގޮތުގައި އެކަނި އާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަމުން އައުމާއި ހިތުގައި އޮތް ލޯބި ވަރުގަދަކަމުންނެވެ. އޮޑިތަކާއި ހުރިހާ މުދަލެއް ދޫކޮށްލީ އެއްވެސް ނުރުހުމެއް ނުބާއްވަ އެވެ.
"ﷲ ދެނެވޮޑިގެންވާނީ. އަޅުގަނޑަށް މުދާ ދެއްވަނީ އެ ފަރާތުން. ގެންދަވަނީ ވެސް އެ ފަރާތުން. އަޅުގަނޑުގެ ކުށަކުން ނުވަތަ އެހެން ގޮތަކުން ވިޔަސް އެ މުދާ ބީވެއްޖެ. މާދަމާ އަޅުގަނޑު ވެދާނެ މިލިއަނަރަކަށް ވެސް."
ނަސީރު ބުނި ގޮތުގައި އޭގެ ފަހުން ވިޔަފާރި ދޫކޮށްލައި ހުސްވީ ނަމާދާއި ރޭ އަޅުކަމަށެވެ.
މި ވާހަކަ ދައްކަން ނަސީރު ބޭނުން ނުވަނީ ލިބުނު މާޔޫސްކަމުންނެވެ. އެއްވެސް ކަމެއްގެ ތެރެއަށް ނުވަދެ މިހާރު އުޅެނީ ވަރަށް ހިމޭން ދިރިއުޅުމެކެވެ. އަރަމުން އައި އިރު އޭނާ "ވައްޓާލި" ފަހަރުތައް ގިނަކަމުންނާއި ލިބުނު ހިތްދަތި ކަމުން އެ ވާހަކަތައް ހުރީ ފޮރުވައިފަ އެވެ.
"މިހެން ދިމާވިޔަސް އަޅުގަނޑަށް އެއްވެސް މައްސަލައެއް ނޫން. އަނެއްކާވެސް ކަމެއް [ވިޔަފާރިއެއް] ފެށޭތޯ މި އުޅެނީ. މާދަމާ އަޅުގަނޑު މިލިއަނަރަކަށް ވެސް ވެދާނެ،" ގަޑިއެއްހާ އިރުގެ ވާހަކަ ނަސީރު ހިނިގަނޑަކުން ކުރުކޮށްލި އެވެ.
މި މަންމަގެ ކެތްތެރިކަމާއި ހިތްވަރަށް ނިމުމެއް ނެތް!
އެނދުގައި އޮންނަންޖެހޭނެއޭ ބުންޏަސް މި ހުރީ ތެދުވެ
ހައްޖު ހަދިޔާއަށް ކާފަ ދިން މުސްހަފުން އަލިވީ ހަޔާތެއް
މި ކަވި މަސައްކަތުން ފާއިޒާ އެންމެން އާޝޯހުކޮށްލަނީ
ހާ ށަވިޔަންޏަށް ފަހު އަމަތު އާންޓީގެ އާ ފިލާވަޅުތަކެއް
ކަނޑުފަޅު ފީނައިގެން އަފްރާހް މި ނަގަނީ "ފައިސާ"
ޒުވާނުންނަށް ޒުވާން ޝައިހެއް
ނިކަމެތި ހާލާ މެދު ދުއާ ކުރަނިކޮށް ލިބުނު ނިއުމަތް
މިއަށް ވުރެ ހިތްދަތިކަމެއް ނެތް: ހުރިހާ ދަރިން މަރު
ކުއްޅަވައް މޮހީޓޯ އިން ލަންދޫ ފަހުރުވެރިކޮށްލި ޖައުފަރު