ޔާމީން މުސްތަފާ އެންމެ ކުޑައިރު ވެސް އެ ހަނދާން ހުރެ އެވެ. ބައްޕަ އަބަދުވެސް ފެންނާނީ ކަބަޑެއް ޖަހަން ނޫނީ ލަކުޑިގަނޑެއް ހިފައިގެން ކޮންމެވެސް މަސައްކަތެއްގައި އުޅެނިކޮށެވެ. އުފަން ރަށް ގދ. ރަތަފަންދޫގެ ކުޑަ އާބާދީގެ ޑިމާންޑާ އެއްވަރަށް ވަޑާމުގެ ކޮންމެވެސް ކަމެއްގެ ތެރޭގައި ބައްޕަ ނޫޅޭ ހަނދާނެއް ޔާމީންގެ ނެތެވެ.
17 މާޗް 2025
ޔާމީން މުސްތަފާ އެންމެ ކުޑައިރު ވެސް އެ ހަނދާން ހުރެ އެވެ. ބައްޕަ އަބަދުވެސް ފެންނާނީ ކަބަޑެއް ޖަހަން ނޫނީ ލަކުޑިގަނޑެއް ހިފައިގެން ކޮންމެވެސް މަސައްކަތެއްގައި އުޅެނިކޮށެވެ. އުފަން ރަށް ގދ. ރަތަފަންދޫގެ ކުޑަ އާބާދީގެ ޑިމާންޑާ އެއްވަރަށް ވަޑާމުގެ ކޮންމެވެސް ކަމެއްގެ ތެރޭގައި ބައްޕަ ނޫޅޭ ހަނދާނެއް ޔާމީންގެ ނެތެވެ.
ޔާމީންގެ ބައްޕަ މުސްތަފާ ޝަކީބަކީ ގދ. ތިނަދު އަށް އުފަން މީހަކަށް ނުވިޔަސް މި ރަށުގައި ލަކުޑި ވަޑާމުގެ މަސައްކަތުގައި އަރާ ހުރި މީހަކީ އެއީ އެވެ. މިހާރު އުމުރުން 65 އަހަރު ވިޔަސް މަސައްކަތް ދޫކޮށްލަން ބޭނުން ނުވާތީ އަދި އަމިއްލަ ރަށް ގދ. ރަތަފަންދޫގައި އެހާ ފުޅާކޮށް އެކަން ކުރެވެން ނެތުމުން ތިނަދު އަށް ބަދަލުވެ، މާ ބޮޑަށް ވެސް އޭނާ މިހާރު ކުރިއަށް ޖެހިލައިފި އެވެ. ތިނަދޫގައި ވަޑާމުގެ މަސައްކަތް އެންމެ ފުޅާކޮށް ހިންގާ މީހާގެ ޝަރަފު މުސްތަފާ އަށް ލިބެނީ އެހެންވެ އެވެ. ޝައުގުވެރިކަމުގެ ބޮޑުކަމުންނެވެ.
ތިނަދޫގައި ހިންގާ މުސްތަފާގެ "ޓެނޮން" ގައި އޭނާ ވަޑާން ކުރަނީ: އެއީ މި ރަށުގައި ލަކުޑީގެ މަސައްކަތްކުރާ ހަމައެކަނި މީހާ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މުސްތަފާގެ ބައްޕައަކީ ވެސް ރަތަފަންދޫގައި މަޝްހޫރު ވަޑިއެކެވެ. ރާނާމީހެކެވެ. ފެހުންތެރިއެކެވެ. ތެދުއި ވަޑާމާއި ކިއްސަރު ވަޑާމުގައި އެ ރަށުގައި އެންމެ ނަގާ ކިޔާ އެކަކީ މުސްތަފާގެ ބައްޕަ އެވެ. ދިމާވި ސިއްހީ ކަމަކާ ގުޅިގެން އެއްފައި ބުރިކޮށްލަން ޖެހުމުން ވެސް މުސްތަފާގެ ބައްޕަ ވަޑާމުގެ މަސައްކަތެއް ދުލެއް ނުކުރި އެވެ. ގޮނޑީގައި އިށީނދެ އިނދެގެން ވެސް ކުރެވޭ ޒާތުގެ ވަޑާމުގެ މަސައްކަތް ކުރި އެވެ.
"އަޅުގަނޑު މިހާރު ވެސް ހުރޭ ކާފަ ހުނިގޮނޑި ކަހަލަ އެއްޗެހި ހެދި ހަނދާން. ފަހުން ނުކުޅެދުންތެރިކަމެއް ކާފަގެ ހުއްޓަސް ވަޑާމުގެ ކަންކަން ދުލެއް ނުކުރޭ. ނިޔާވުމާ ހަމައަށް ވެސް ކާފަ އެ މަސައްކަތް ކުރި،" މުސްތަފާގެ ހަތަރު ވަނަ ދަރިފުޅު ޔާމީން ކިޔައިދިނެވެ.
މުސްތަފާ ވެސް މިހާރު އެ ހިނގަނީ އެ މަގުންނެވެ. ބައްޕަ ކުރި ހުރިހާ މަސައްކަތެއް މުސްތަފާ އަށް އެނގެ އެވެ. ވަޑާން އެކަންޏެއް ނޫނެވެ. ރޭނުމާއި ފެހުމާއި ލިޔެލާ ޖެހުމުގެ މަސައްކަތް ކުރެ އެވެ. ރަތަފަންދޫގެ އާބާދީ ކުޑަކަމުން އެކަށީގެންވާ ވަރަށް މަސައްކަތް ނުލިބޭތީ 2017 ގައި މުސްތަފާގެ ދިރިއުޅުން ގދ. އަތޮޅުގެ މައި ހަބު ތިނަދު އަށް ބަދަލުކުރީ ވެސް އެއީ ކަށީގައި ހިފާފައިވާ މަސައްކަތަކަށް ވާތީ އެވެ.
ތިނަދޫގައި ހިންގާ މުސްތަފާގެ "ޓެނޮން" ގައި އޭނާ ވަޑާމުގެ މަސައްކަތް ކުރަނީ: އެއީ މި ރަށުގައި ލަކުޑީގެ މަސައްކަތްކުރާ ހަމައެކަނި މީހާ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިއަދު ތިނަދޫގެ ނޭޗާ ޕާކު ކުރިމަތިން އެ ފެންނަ ބޮޑު ވޯކްޝޮޕަކީ މުޅި ރަށަށް މަޝްހޫރު މުސްތަފާގެ "ޓެނޮން" އެވެ. އެ ވޯކްޝޮޕްގެ އެހީތެރިކަން ތިނަދޫން ފެށިގެން މުޅި ހުވަދު އަތޮޅަށް ވަނީ ފޯރައިފަ އެވެ.
މުސްތަފާއަކީ "ޓެނޮން" ވިޔަފާރީގެ މުގޫ ކަމަށް ވިޔަަސް ވަޑާމުގެ ހުރިހާ ކަމެއްގައި އަމަލީ ގޮތުން އިސްކޮށް ހުރީ އޭނާ އެވެ. "ޓެނޮން" ގައި ވަޑާމުގެ މަސައްކަތްކުރާ ހަމައެކަނި ދިވެއްސަކީ ވެސް މުސްތަފާ އެވެ. އަތްދަށަށް 10 ވަރަކަށް ބިދޭސީން ގެންގުޅުނަސް ވަޑާމުގެ މައިގަނޑު ހުރިހާ މަސައްކަތެއް ކުރަނީ އޭނާ އެވެ.
"ލަކުޑީގެ މަސައްކަތް ކުރާ އެހެން ތަނެއް މި ރަށަކު ނުހުންނާނެ. މި ތަން އެކަނި ހުންނާނީ،" ފަސް ކުދިންގެ ބައްޕަ ބުންޏެވެ.
ގެއަކަށް ބޭނުންވާ ހުރިހާ މަސައްކަތެއް މުސްތަފާގެ ވޯކްޝޮޕުން ކޮށްދެ އެެވެ. ފަރުނީޗަރާއި ދޮރާއި ކަބަޑުސެޓު ފަދަ އެއްޗެހި ހަދައި ދެ އެވެ. މިހާރު އެންމެ ގިނައިން ކުރާ ކަމަކީ ދޮރާއި ދޮރުފަތް އަދި ކަބަޑުސެޓު ޖަހައި ދިނުމެވެ.
ތިނަދޫގައި އެންމެ ފުޅާކޮށް ވަޑާމުގެ މަސައްކަތް ކުރުމަށްޓަކައި މުސްތަފާ ވަނީ މި ރަށުން 5،000 އަކަފޫޓުގެ ދެ ބިން ކުއްޔަށް ނަގައިފަ އެވެ.
"އާބާދީ ބޮޑު ތަނަކަށް ބަދަލުވީ މަސައްކަތް އިތުރަށް ފުޅާކުރަން ބޭނުންވާތީ."
ވަޑާމުގެ މަސައްކަތް އެކަންޏެއް ނޫނެވެ. ޒަމާނަށް އަންނަމުންދާ ބަދަލާ އެކު އެލުމިނިއަމްގެ މަސައްކަތުން ވެސް ބޮޑު ފައިދާއެއް ލިބޭތީ އެ ދިމާލަށް ވެސް މުސްތަފާ ވަނީ މިސްރާބު ޖަހައިފަ އެވެ.
ތިނަދު އަށް ބަދަލުވެ މުސްތަފާ އުޅެނީ ކުއްޔަށެވެ. ތިނަދު އަށް ބަދަލުވީ ކާފަ ދަރިއަކަށް ތިނަދޫން ރަނގަޅު ތައުލީމެއް ވެސް ހޯދައި ދިނުމުގެ ބޭނުމުގަ އެވެ. ތިނަދޫ ސްކޫލްގެ ގްރޭޑް 2 އަށް ވެއްދި ކާފަ ދަރިފުޅު ވެސް ކިޔަވައި ނިންމައިގެން މިހާރު މަސައްކަތް ކުރަނީ މުސްތަފާގެ "ޓެނޮން" ގަ އެވެ. އެކަމަކު، ކާފަ ދަރިފުޅު ކުރަނީ އިދާރީ މަސައްކަތެވެ. އާމްދަނީ ހޯދުމަށްޓަކައި ތިނަދޫގައި ދިރިއުޅުނެއް ކަމަކު އާއިލާގެ މީހުން އަދިވެސް ތިބީ ރަތަފަންދޫގަ އެވެ. މުސްތަފާގެ އަންހެނުން ވެސް އުޅެނީ ރަށުގަ އެވެ. އަންހެނުންގެ މަންމަ ވަރަށް ބަލިކޮށް އުޅޭތީ އަންހެނުން ހުންނަނީ މަންމަ ބަލަން ރަށުގަ އެވެ.
ލަކުޑީގެ މަސައްކަތް ކުރާ އެހެން ތަނެއް މި ރަށަކު ނުހުންނާނެ. މި ތަން އެކަނި ހުންނާނީ: މުސްތަފާ
މުސްތަފާއަކީ އަމިއްލަ މަސައްކަތުން ކުރިއަރަމުން އައި ހިތްވަރުގަދަ މީހެއްކަން އެނގެނީ އޭނާގެ މަސައްކަތުގައި މިހާރު އެންމެ އިސްކޮށް އުޅޭ ދަރިފުޅު ޔާމީންގެ ވާހަކަތަކުންނެވެ.
ފަސް ކުދިންނަށް ރަނގަޅު ތައުލީމެއް ދިނުމުގެ ބޭނުމުގައި 1988 ގައި މާލެ އަށް ބަދަލުވެ، އެކަން ވެސް ހާސިލް ކޮށްދިނެވެ. މާލޭގައި ދުއްވީ ޕިކަޕެކެވެ.
"އަޅުގަނޑުމެން ހުރިހާ ކުދިން ގޮވައިގެން ބައްޕަ އޭރު މާލެ އައީ އެންމެންނަށް ކިޔަވައިދޭން. އެއްކޮޓަރިއެއްގައި ކަހަލަ ގޮތަކަށް ތިބީ. ޕިކަޕް ދުއްވައިގެން ލިބުނު އާމްދަނީން ހުރިހާ ކުދިންނަށް ކިޔަވައިދިން. ހުރިހާ ކުދިން ގްރޭޑް 12 ނިންމި. ހުރިހާ ކުދިން މިހާރު ތިބީ މަތީ ތައުލީމާ ހިސާބަށް ވެސް ދަތުރުކޮށްފައި،" ޔާމީން ކިޔައިދިނެވެ.
ކުދިންނަށް ރަނގަޅު ތައުލީމެއް ހޯދައިދިނުމަށް މާލޭގައި ބުރަކޮށް އުޅުމަށް ފަހު މުސްތަފާ ރަތަފަންދު އަށް އެނބުރި ދިޔައީ 2008 ގަ އެވެ. އޭގެ ފަހުން އަނެއްކާވެސް އެނބުރުނީ ވަޑާމުގެ މަަސައްކަތަށެވެ.
މިހާ ހިސާބުން މުސްތަފާގެ ވިޔަފާރީގެ "ފޯތު ޖެނެރޭޝަން" އާ ހިސާބަށް ދަމާ ހިނގާށެވެ. އެ ޖެނެރޭޝަންގެ އިސްވެރިއަކީ ހަގީގަތުގައި މިހާރު އެ އާއިލާގެ ހަތަރު ވަނަ ދަރިފުޅު ޔާމީނެވެ. މުސްތަފާ ވެސް ހުރިހާ ކަމެއް ދޫކޮށްލާފައި ވަނީ ޔާމީނަށެވެ. އެއީ ދުވަހުން ދުވަހަށް ވިޔަފާރި ހިންގައިދޭ މީހާ އެވެ.
މުސްތަފާ އަށް ކުރެވުނު އެންމެ ރީތި އެއް މަސައްކަތް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ހިސާބުކިތާބު ބެލެހެއްޓުމާއި ހުރިހާ ކަމެއް ކުރާނީ މިހާރު އޭނާ. އަހަރެން ދެން މިހާރު އަމަލީ ގޮތުން ތަން ބަލަހައްޓަން ހުންނަނީ. އެ މީހުންނަށް ނޭނގޭ ކަމެއް ވެއްޖިއްޔާ އަހަރެން އަމިއްލަ އަށް ކޮށްލަނީ. މި މަސައްކަތުގެ ތެރެއަށް ވަނީ ޔާމީން،" މުސްތަފާ ބުންޏެވެ.
ޔާމީން ވަނީ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނޭޖުމަންޓުގެ ދާއިރާ އިން ޑިގްރީ ހަދައިފަ އެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި ދެ އަހަރު ވަންދެން މަސައްކަތްކުރި އެވެ. އެކަމަކު، ޓޫރިޒަމް ދާއިރާއިން ކުރިއަށް ދާން "މާ މަތިން" ވިސްނިޔަސް އެ ހިސާބަށް ދިއުމުގައި ހުރި ހުރަސްތަކާ އެކު، އޭނާ ހަވާލުވީ ބައްޕަގެ ވިޔަފާރިއާ އެވެ.
"ބައްޕަ އަބަދުވެސް ކިޔާނެ ބައްޕަގެ ވިޔަފާރީގައި އުޅެދޭން. އެެހެންވެ، ހިތަށް އެރީ މި ގޮތުގައޭ ކުރިއަށް ދާނީ. އަހަރެމެންނަކީ މި ހިސާބަށް އައިސް މި މަސައްކަތުގެ ފޯތު ޖެނެރޭޝަން. އެހެންވެ، ބައްޕަ އަށް އެހީތެރިކަން ދިނިއްޔާ މާ ރަނގަޅުވާނެއޭ ހިތަށް އަރައިގެން މި ފަށައިގަތީ،" ޔާމީން ބުންޏެވެ.
ތިނަދޫގައި ހިންގާ މުސްތަފާގެ ކާޕެންޓަރީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޔާމީން ދިރިއުޅެނީ ހުޅުމާލޭގަ އެވެ. މިހާރު ވަނީ ކޮންމެވެސް ވަރަކަށް މާލެ އަށް ވެސް ބައްޕަގެ ވިޔަފާރި ފުޅާކޮށްފަ އެވެ. ވަޑާމުގެ މަސައްކަތްކުރާ ދެ މީހުން މާލޭގައި އެބަ ގެންގުޅެ އެވެ. މާލެ އާއި ހުޅުމާލޭގެ ބައެއް އެޕާޓްމަންޓުތަކުގައި ލަކުޑީގެ މަސައްކަތްތައް މިހާރު ވެސް އެބަކުރެ އެވެ.
"ބޭނުންވަނީ ބައްޕަގެ ވިޔަފާރި އިތުރަށް ފުޅާކޮށްދޭން. ބައްޕަމެންނަށް މި ޒަމާނަށް ބަލާއިރު އަހަރެމެންގެ އެހީތެރިކަން ބޭނުންވާނެ. އޯޑަރު ނެގުމާއި ބޭނުންވާ ޑިޒައިނަށް ކުރެހުމާއި މާކެޓް ހޯދުން ފަދަ ކަންތައްތައް މުހިންމު ވާނެ" ޔާމީން ބުންޏެވެ.
މުސްތަފާއަކީ އޭނާގެ މަސައްކަތުގައި ނަމޫނާއެކެވެ. ޔާމީން ވެސް ދެކޭގޮތުގައި ބައްޕަ ހާ ކުރާ ހިތުން މަސައްކަތްކުރާ އެހެން މީހަކު އޭނާ ވެސް ނުދެކެ އެވެ.
ގެއްލުނު ފަޔާ އެކު އެހީތެރިކަމުގެ އަތެއް ވެސް ނެތް!
މުހައްމަދު މި ހިންގަނީ މަސްވެރިންގެ ބުޅި ފެކްޓަރީ
ކުއްލިއަކަށް ބިކަވެ ދަރިފުޅުގެ އިންތިޒާރުގައި
ފެންނަނީ އަރަމުން އަންނަ ޒުވާން ޝައިހަށް އޮތް ލޯބި
ދަރިފުޅުގެ މަރުގެ ހިތާމައިގެ ތެރެއިން ބޮޑު ނިއުމަތެއް
ދިވެހި ހުނަރުގެ ފުރިހަމަކަން މި ދަބަސްތަކުން
ހަގީގީ މަސްވެރި އާއިލާއެއް، ފޫހިވީމާ ވެސް ލޯންޗަށް
އޯޓިޒަމް ދެ ކުދިންނާ އެކު އަސަރާއި ކަރުނައިގެ ހަޔާތެއް
ވަޒީފާ ގެއްލުނަސް މިއީ އެންމެ އުފާވެރި ދެމަފިރިން
ފައި ބުރިކޮށްލުމުން ލިބުނު ހިތްވަރުގައި ހިނގަނީ