Roadha Mihaaru

މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީން އަޒާން ވަކިކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި މައްސަލަ ފެންމަތިވެފައިވަނިކޮށް، މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަކިކޮށްފި އެވެ.

މާލިއްޔަތު އަދި 241 ކޮމިޓީން އަޒާން ވަކިކޮށްފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

03 މާޗް 2025

ސަރުކާރު ހިންގާ ޕީއެންސީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި މައްސަލަ ފެންމަތިވެފައިވަނިކޮށް، މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަކިކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ ބިލަށް ވޯޓަށް އެހި ވަގުތު އެ ވޯޓުގައި ވެސް އަޒާން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ބަދަލު ގެންނަން ޕީއެންސީން ޕާލިމެންޓަރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.

އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާން އެވެ. 241 ކޮމިޓީއަށް އައްޔަން ކުރީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.

އެ ދެ ކޮމިޓީގެ ބަދަލުގައި އަޒާން އައްޔަން ކޮށްފައިވަނީ ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަށެވެ.

މި ބަދަލާ ގުޅިގެން އަޒާން "މިހާރު" އަށް ވިދާޅުވީ، މިއީ ބައެއް ބާރުގަދަ ފަރާތްތަކުގެ މަސްލަހަތު އޮންނަ ކޮރަޕްޝަންގެ މައްސަލަ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން މަސައްކަތް ކުރަމުން އަންނާތީ، އެ މީހުންގެ ނުފޫޒުން ގެނައި ބަދަލެއް ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން ކޮމިޓީން ސަރުކާރު ކުންފުނިތަކުގެ ޕްރޮކިއުމެންޓުތައް ދިރާސާ ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ވެމްކޯގައި ފާއިތުވީ އަހަރު އެކަނި ކުއްޔަށް ތަކެތި ނަގަން 65 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަން ހާމަވެފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ، މިފަދަ މައްސަލަތައް ބަލަން ފެށުމުން ނުބެލުމަށް އެކި ފަރާތްތަކުގެ ބޮޑެތި ޕްރެޝަރުތައް އަންނަ ކަމަށެވެ.

މަޖިލީހުގެ އެންމެ މުހިންމު ދެ ކޮމިޓީން ވަކިކުރިނަމަވެސް، މައްސަލަތައް ބެލުމުގައި ފަސްނުޖެހޭނެ ކަމަށާއި ވަކި ކޮމިޓީއެއްގައި ނެތަސް މެންބަރުގެ ހައިސިއްޔަތުން މި ކަހަލަ ކަންކަން ބަލައި ޒިންމާދާރުކުރުވާނެ ކަމަށް އަޒާން ވިދާޅުވި އެވެ.

ޕާޓީގެ ވިޕާ ހިލާފުވި ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަހުމަދު ފަލާހު ވަނީ ވިދާޅުވެފަ އެވެ.

ކޮމިޓީތަކުން އަޒާން ވަކިކުރިއިރު، ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގުރޫޕުން ވެސް އޭނާ ވަނީ ބޭރުކޮށްފަ އެވެ.