Roadha Mihaaru

ނިއު ޒީލެންޑް ބަލިކޮށް އިންޑިއާ ސެމީ ފައިނަލަށް

ނިއު ޒީލެންޑް އަތުން 44 ލަނޑުން މޮޅުވެ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލުން އިންޑިއާ އިއްޔެ ޖާގަ ހޯދައިފި އެވެ.

ނިއު ޒީލެންޑް ބަލިކޮށް އިންޑިއާ ސެމީ ފައިނަލަށް

ނިއު ޒީލެންޑް އަތުން 44 ލަނޑުން މޮޅުވެ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލުން އިންޑިއާ އިއްޔެ ޖާގަ ހޯދައިފި އެވެ.

އިންޑިއާ ސެމީ އަށް ދިޔައީ ހަ ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. މި ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ ހަތަރު ޕޮއިންޓް ހޯދި ނިއު ޒީލެންޑެވެ. އެންމެ ޕޮއިންޓެއް ލިބުނު ބަންގްލަދޭޝް އާއި ޕާކިސްތާން ވަނީ ކަޓައިފަ އެވެ.

ސެމީގައި އިންޑިއާ ބައްދަލުކުރާނީ އަނެއް ގްރޫޕުގެ ދެ ވަނަ އޮސްޓްރޭލިއާއާ އެވެ. ނިއު ޒީލެންޑް ސެމީގައި ވާދަކުރާނީ އެ ގްރޫޕުގެ އެއް ވަނަ ހޯދި ދެކުނު އެފްރިކާއާ އެވެ. އެ ގްރޫޕުން ކެޓީ އަފްގާނިސްތާނާއި، އިންގްލެންޑެވެ.

ދުބާއީގައި އިއްޔެ އިންޑިއާ އާއި ނިއު ޒީލެންޑް ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ނިއު ޒީލެންޑް ގަސްދުކުރީ ހޮވަން އަރާށެވެ. އިންޑިއާ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން 249 ލަނޑު ހެދި އެވެ. ނިއު ޒީލެންޑަށް 45.3 އޯވަރުގެ ތެރޭގައި އެންމެން ނުބައިވެގެން ހެދުނީ 205 ލަނޑެވެ.

މި މެޗުގައި އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ 98 ބޯޅައިން 79 ލަނޑު ހެދި ޝްރެޔާސް އިޔާ އެވެ. ނިއު ޒީލެންޑުން އެންމެ ރަނގަޅަށް ކުޅުނީ 120 ބޯޅައިން 81 ލަނޑު ހެދި ކޭން ވިލިއަމްސަން އެވެ.

އިންޑިއާ އާއި އޮސްޓްރޭލިއާގެ ސެމީ ފައިނަލް މެޗު އޮންނާނީ މާދަމާ ދުބާއީގަ އެވެ. އަދި ދެކުނު އެފްރިކާ އާއި ނިއު ޒީލެންޑުގެ ސެމީ އޮންނާނީ ޕާކިސްތާނުގެ ލާހޫރުގައި ބުދަ ދުވަހު އެވެ. މި މަހުގެ 9 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗު އޮންނާނީ އިންޑިއާ ވާދަކުރާ ނަމަ ދުބާއީގަ އެވެ. އެ ނޫނީ އޮންނާނީ ޕާކިސްތާނުގަ އެވެ.