(މާޗް 2 ވަނަ ދުވަހާ ގުޅޭ)
04 މާޗް 2025
(މާޗް 2 ވަނަ ދުވަހާ ގުޅޭ)
ޞަޙީޙް ބުޚާރީ އާއި މުސްލިމްގައި އަބީ ހުރައިރާގެ އަރިހުން ރިވާކުރައްވާފައިވެ އެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ. وَمَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ. وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ މާނައީ؛ ފުރިހަމަ ގޮތުގައި މާތް ﷲ އަށް އީމާންވެ، އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ސަވާބަށް އެދިގެން، ރަމަޟާން މަހުގައި ރޯދަ ހިފައިފި މީހާގެ އިސްވެ ދިޔަހައި ފާފަތައް ފުއްސަވައިދެއްވާނެތެވެ. އަދި ފުރިހަމަ ގޮތުގައި މާތް ﷲ އަށް އީމާންވެ، އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ސަވާބަށް އެދިގެން، ރަމަޟާން މަހުގެ ރޭތަކުގައި ރޭއަޅުކަން ކޮށްފި މީހާގެ އިސްވެ ދިޔަހައި ފާފަތައް ފުއްސަވައި ދެއްވާނެތެވެ. އަދި ފުރިހަމަ ގޮތުގައި މާތް ﷲ އަށް އީމާންވެ، އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ސަވާބަށް އެދިގެން، ލައިލަތުލް ޤަދްރި ވިލޭރޭ ރޭއަޅުކަން ކޮށްފި މީހާގެ އިސްވެ ދިޔަހައި ފާފަތައް ފުއްސަވައި ދެއްވާނެތެވެ.
ރަމަޟާން މަހުގެ ތެރޭގައި ކުރާ ހެޔޮ ކަންކަމަށް ދަރުމަޔާއި ސަވާބު ދެއްވުމުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީލަތިވަންތަކަން މިހާ ތަނަވަސްވެގެންވާ އިރު، އެ ދީލަތިކަމުން ކިތަންމެ ކުޑަ މިންވަރެއް ވިޔަސް ނުލިބުމަށް ވުރެ ބޮޑު ހިތާމައެއް އޮންނާނެތޯ އެވެ؟ އެ ދީލަތިކަމުން މަޙްރޫމުވެއްޖެ މީހަކަށް ވުރެ ވަކިން ބޮޑު އަބާއްޖަވެރިއަކު ހުންނާނެތޯ އެވެ؟
މިއަދު އަޅުގަނޑުމެންގެ ވަށައިގެން އެނބުރެމުން ދަނީ ފާޙިޝް ކަންކަމާއި މުންކަރާތްތަކެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ އެފަދަ މަންޒަރުތަކެވެ. ކިތަންމެ ރައްކާތެރިވެގެން އުޅޭ މީހާ އަށް ވެސް ނޭނގުމެއްގެ ތެރޭގައި ނަމަވެސް އޮންނާނީ ފާފައަކަށް އަރައިގަނެވިފަ އެވެ. މިފަދަ މުޖްތަމަޢެއްގެ ތެރޭގައި ކޮންމެ ދުވަހެއް ހޭދަކުރާ އިރު، އެއް ރަމަޟާން މަހުން އަނެއް ރަމަޟާން މަހާ ދެމެދު، ތިމާގެ ވައަތް ފަރާތުގެ ފަތް ބަރުވެފައިވާނޭ މިންވަރު ވަޒަން ކޮށްލައްވާށެވެ.
މުސްލިމުންގެ ޙާލަތު މި ދަރަޖަ އަށް ވެއްޓޭނެ ދުވަހެއް އަންނާނެކަން ﷲ ސުބްޙާނަހޫ ވަތަޢާލާ ދެނެވޮޑިގެންވެ އެވެ. ނަމަވެސް، އެފަދަ ޙާލަތެއްގައި އެކަލާނގެ އަޅުތަކުން ހަލާކުވެ ގޮސް ނަރަކައިގެ ދަރަށް ވެގެން ދިޔުމަކަށް އެކަލާނގެ އިރާދައެއް ނުކުރައްވަ އެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއީ އަޅުތަކުންނާ މެދު، ނުހަނު އޯގާވަންތަ ރަސްކަލާނގެ (وَاللَّهُ رَءُوفٌ بِالْعِبَادِ) އެވެ.
މާތް ﷲ އިރާދަކުރައްވާފައިވަނީ، ކިތަންމެ ގިނަ ދުވަހަކު ކުށްފާފަތަކަށް އަރިގެންފައި ވިޔަސް، އެ ފާފަތައް ފުއްސަވައިދެއްވުން އެދި އިޚްލާޞްތެރިކަމާ އެކު އެކަލާނގެ ޙަޟްރަތުގައި ދަންނަވައިފި ކޮންމެ މީހަކަށް، އެންމެ މައްސަރެއްގެ ތެރޭގައިވެސް އޭނާގެ ހުރިހައި ފާފައެއް ފުއްސަވަދެއްވުމަށެވެ. ފުރިހަމަ ގޮތުގައި މާތް ﷲ އަށް އީމާންވެ، އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ސަވާބަށް އެދިގެން، ރަމަޟާން މަހުގައި ރޯދަ ހިފައި ރޭއަޅުކަން ކޮށްފި މީހާގެ އިސްވެ ދިޔަހައި ފާފަތައް ފުއްސަވައި ދެއްވާނީ، އެކަލާނގެ އޯގަވަންތަކަމުންނެވެ.
ފާފަތައް ފުއްސަވައި ދެއްވުން އެދި ގަދައަޅައި މަސައްކަތްކޮށް، ލައިލަތުލް ޤަދްރިއާ ބައްދަލުވެ، އެ ރޭގައި އިޚްލާޞްތެރިކަމާ އެކު، އެކަލާނގެ ޙަޟްރަތުގައި ދަންނަވައިފި ކޮންމެ މީހަކަށް، ހަމަ އެންމެ ރެއެއްގެ ތެރޭގައި އޭނާގެ ހުރިހައި ފާފައެއް ފުއްސަވައިދެއްވުމަށް އެކަލާނގެ އެދިވޮޑިގަންނަވަ އެވެ. ފުރިހަމަ ގޮތުގައި މާތް ﷲ އަށް އީމާންވެ، އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ސަވާބަށް އެދިގެން، ލައިލަތުލް ޤަދްރި ވިލޭރޭ ރޭއަޅުކަން ކޮށްފި މީހާގެ އިސްވެ ދިޔަހައި ފާފަތައް ފުއްސަވައިދެއްވަނީ އެކަލާނގެއީ އަޅުތަކުންނަށް އެންމެ އޯގަވަންތަ ރަސްކަލާނގެ ކަމަށް ވީތީ އެވެ.
މިފަދަ މަތިވެރި ނިޢުމަތްތަކެއް ދެއްވާފައިވާ އިރު، އެ ނިޢުމަތްތައް ހޯދަން މަސައްކަތް ނުކޮށް ތިބެން ހެޔޮ ނުވާނެ އެވެ. އެހާ ބޮޑެތި ފާފައެއް ނުކުރެވެޔޭ ހިތައި، ތައުބާ ނުވެ ތިބެން ހެޔޮ ނުވާނެ އެވެ. ނަމާދު ކުރަންޖެހޭ ވަރަށް، ނުބައި ކަންތައްތަކެއް ނުކުރަމޭ ހިތައި، ނަމާދަށް ފަރުވާ ކުޑަކުރަން ހެޔޮ ނުވާނެ އެވެ. މިއީ އަހަރެން ބުރަ މަސައްކަތުން ހޯދި މުދަލޭ ހިތައި، ޞަދަޤާތް ނުކޮށް ޒަކާތް ނުދީ ތިބެން ހެޔޮ ނުވާނެ އެވެ.
ކޮންމެ ދުވަހަކު ވެސް ވަގުތުކޮޅެއް ހޯދައިގެން ކީރިތި ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔަވައިލެވޭތޯ ބެލުމަކީ، މި މައްސަރުގެ ދަރުމައާއި ސަވާބު ފުރިހަމައަށް ހޯދުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
ރަމަޟާން މަހަކީ، ތިމާގެ ނަފްސުގައިވާ މިފަދަ އައިބުތައް ފިލުވާލައި ސީދާވެގެންވާ ތެދު މަގަށް މިސްރާބު ބަދަލުކޮށްލުމުގެ މޫސުމެވެ. ރަމަޟާން މަހުގެ ރޯދަ، އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވައިދޭން މަސައްކަތް ކުރަނީ، އަޅުކަންތަކާ ރައްޓެހިވެ، މުންކަރާތްތަކާ ބީރައްޓެހި ވުމުގެ ސިފަ އެވެ. ނަމަވެސް، ރޯދަ މަހާ ބައްދަލުވާ ކޮންމެ މީހެއްގެ ކިބައިގައި މި ސިފަތައް ހަރެއް ނުލާނެ އެވެ. މި ސިފަތައް ހަރުލާނީ، އެކަމަށް ގަދައަޅައި މަސައްކަތް ކުރުމުންނެވެ.
އިންސާނާގެ ޠަބީޢީ ޣަރީޒާތަކަކީ އަޖާއިބެއް ކަހަލަ ޣަރީޒާތަކެކެވެ. ހެޔޮ ކަންތައް ކުރަން ބޭނުންވާ ފަދައިން ނުބައި ކަންތައް ކުރަން ވެސް ބޭނުންވެ އެވެ. ނަމަވެސް، އެ މީހެއްގެ ހިތް އެދި ގޮވަނީ ހެޔޮ ކަންތަކަށް ކަމަށް ވާ ނަމަ އޭނާގެ ޟަމީރާއި ހަށިގަނޑު ވެސް ގާތްވަމުން ދާނީ ހެޔޮ ކަންތަކާ އެވެ. އެ މީހެއްގެ ހިތް އެދި ގޮވަނީ މުންކަރާތްތަކަށް ކަމަށް ވާ ނަމަ އޭނާގެ ޟަމީރާއި ހަށިގަނޑު ވެސް ގާތްވަމުން ދާނީ ނުބައި ކަންތަކާ އެވެ.
އިންސާނާގެ ހަށިގަނޑުގައި ގަނޑު ލޭކޮޅެއް ވާ ކަމަށާއި އެ ގަނޑު ލޭކޮޅު އިޞްލާޙު ވެއްޖެ ނަމަ މުޅި ހަށިގަނޑު އިޞްލާޙުވެ، އަދި އެ ގަނޑު ލޭކޮޅު ފާސިދުވެއްޖެ ނަމަ މުޅި ހަށިގަނޑު ފާސިދުވާނެ ކަމަށް ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) އަންގަވާފައިވަނީ މި ސަބަބަށްޓަކަ އެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ނަފްސުތައް އިޞްލާޙް ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު އޮތީ އަޅުގަނޑުމެންގެ އަތްމަތީގަ އެވެ.
ރަމަޟާން މަހާ ބައްދަލުވެފައިވާ އިރު، އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންވީ މިއީ ލިބިގަތުމާއި ޣަނީމާ ކުރުމުގެ މޫސުމެއް ކަމެވެ. ރޯދަޔަށް ހުންނަ ކޮންމެ ދުވަހެއްގެ ކޮންމެ ހިނދުކޮޅެއްގައިމެ، މާތް ﷲ ލައްވަވާފައިވަނީ އިންސާނުންނަށް ދަރުމަޔާއި ސަވާބު ލިބެނިވި ކަންކަމެވެ. ހަމައެކަނި ނުކައި ނުބޮއެ ހުރުމުން ދެއްވާ ދަރުމައެއް ނޫނެވެ.
އެހެނެއް ކަމަކު، މާތް ﷲ ނަހީ ކުރެއްވި އަމަލުތަކުން އޭނާގެ ގުނަވަންތައް ރައްކާތެރި ކުރީތީ އެކަމުގެ ދަރުމަ އާއި ސަވާބެވެ. އެކަލާނގެ ނަހީ ކުރެއްވި ތަންތަން ބެލުން އޭނާ ދެ ލޮލަށް މަނާކުރީތީ އެކަމުގެ ދަރުމަ އާއި ސަވާބެވެ. އަދި އެކަލާނގެ ހުއްދަ ކުރެއްވި ތަންތަން ބެލުމަށް ދެ ލޮލުގެ ބޭނުން ހިފީތީ އެކަމުގެ ދަރުމަ އާއި ސަވާބެވެ. ދެބައޮޑުވުމާއި ޣީބަ ބުނުމާއި ދޮގުހެދުން އޭނާގެ ދުލަށް މަނާކޮށް ދޫ މައިތިރި ކުރީތީ، އެކަމުގެ ދަރުމަ އާއި ސަވާބެވެ. އަދި ހެޔޮ ބަސް ބުނެ ހެޔޮ ކަންކަމަށް ދުލުން އަމުރުކުރީތީ، އެކަމުގެ ދަރުމަ އާއި ސަވާބެވެ.
ހަމައެފަދައިން، ހަޑިހުތުރު އަޑުތަކާއި ބަސްތަކުން ކަންފަތް ރައްކާތެރި ކުރީތީ އެކަމަށް ދަރުމަ އާއި ސަވާބު ދެއްވާ ފަދައިން، ކީރިތި ޤުރްއާން ކިޔަވާ އަޑު އެހުމާއި ރިވެތި ވަޢުޡާއި ނަސޭހަތް އަޑުއެހުމަށް، ދެ ކަންފަތް ބޭނުންކުރީތީ އެކަމަށްޓަކައި ވެސް ދަރުމަ އާއި ސަވާބު ދެއްވާނެތެވެ. އިންސާނާގެ ކޮންމެ ގުނަވަނެއް ވެސް މިފަދައެވެ. އެ ގުނަވަނަކުން ކުރުމަށް އެންގެވި ކަންތައް ކޮށް، ނުކުރަން އެންގި ކަންކަމުން ދުރުހެލިވުމުން ދަރުމަ އާއި ސަވާބު ދެއްވަ އެވެ.
މި މާތް މައްސަރުގައި އަޅުގަނޑުމެންގެ ގުނަވަންތައް މި ގޮތުގެ މަތީގައި ހޭނުވުމަށް މަސައްކަތް ފަށަމާތޯ އެވެ. ރޯދައަށް ހުންނަ ހުރުމުގައި ހަށިގަނޑަށް އިހުސާސް ކުރެވޭ ހައިކަމާއި ކަރު ހިއްކުމާއި ވަރުބަލިކަމުގެ ސަބަބުން މުންކަރާތްތަކަށް އަރައިގަތުމާއި ވިޔާނުދާ އަމަލުތައް ކުރުމާ ވަރަށް ބޮޑަށް ދުރުހެލިވެވޭނެ އެވެ. އެހެންކަމުން އެ ފުރުސަތުގެ ބޭނުން ހިފައި، ހެޔޮ އަމަލުތައް ކުރުން އިތުރު ކުރެވޭތޯ ބަލަމާތޯ އެވެ.
ރަމަޟާން މަހުގެ ކޮންމެ ދުވަހަކާއި ކޮންމެ ރެޔެއް އަޅުގަނޑުމެންނާ ބައްދަލުކުރަނީ، ގިނަގުނަ ހެޔޮ ކަންތަކަކާއިގެންނެވެ. އޭގެ ތެރެއިން ވެސް، ﷲ ސުބްޙާނަހޫ ވަތަޢާލާ މުޅި އިސްލާމީ އުންމަތަށް ދެއްވި އެންމެ މަތިވެރި ރަޙްމަތަކީ، މި މައްސަރުގައި ކީރިތި ޤުރްއާން ބާވައިލެއްވުމެވެ. އެ ފޮތުން އެންމެ އަކުރެއް ކިޔެވުމަކީ ވެސް ދިހަ ހެޔޮކަން ދެއްވާ އަޅުކަމެކެވެ. އެހެން މީހުން ޤުރްއާން ކިޔަވާ އަޑުއެހުމަކީ ވެސް އަޅުކަމެކެވެ.
ކީރިތި ޤުރްއާނާ ގުޅިފައިވާ އަޅުކަންތަކުގެ ތެރެއިން އެންމެ ގިނަ ދަރުމަ އާއި ސަވާބު ލިބޭ އެއް އަޅުކަމަކީ ކީރިތި ޤުރްއާން އުނގެނި، އެހެން މީހުންނަށް ޤުރްއާން އުނގަންނައިދިނުމެވެ. ހަމަ އެފަދައިން ކީރިތި ޤުރްއާން ކިޔަވައި ދިރާސާކޮށް ޤުރްއާނުގައި ބަޔާންވެފައިވާ ކަންކަމާ މެދު ވިސްނައި ފިކުރުކުރުމަކީ ވެސް އަޅުކަމެކެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ވެސް ވަގުތުކޮޅެއް ހޯދައިގެން ކީރިތި ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔަވައިލެވޭތޯ ބެލުމަކީ، މި މައްސަރުގެ ދަރުމައާއި ސަވާބު ފުރިހަމައަށް ހޯދުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުން
ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން
ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުން
ރޯދަމަހާއެކު، ނަފުސު ކޮންޓްރޯލްކޮށް، މީހާ ތަރުތީބުވޭ
ރޯދަމަހުގައި ވެސް އުފެއްދުންތެރިކަން ދަށްވިޔަ ނުދިނުން
އެންމެ މާތް މައްސަރަށް އަޒުމްތަކާ އެކު ތައްޔާރުވޭ
ހަދީސެއްގެ އަލީގައި: ތަރުބަވީ މައިދާނުގައި މަޑުމައިތިރިކަން ގެންގުޅުން
ތަރުބަވީ ޒިންމާ އަދާކުރުމަށްޓަކައި ހޭދަކުރުން