(އިއްޔެގެ ނޫހާ ގުޅޭ)
09 މާޗް 2025
(އިއްޔެގެ ނޫހާ ގުޅޭ)
އެ ދަރިފުޅަށް ގާތުން ދީ އަދި އެހެން އެއްޗެހި ކައިއުޅޭ ފުރަޔަށް އެޅުމުން އެކަނބުލޭގެ ވަޑައިގެން ދެންނެވުމުން، އެކަނބުލޭގެ ރަޖަމު ކުރުމަށް އަމުރުކުރެއްވި އެވެ. ދެން ވަޅުގަނޑެއް ކޮނެ އެކަމަނާ މެޔާ ހަމައަށް ވަޅުލައި ރަޖަމުކުރި އެވެ. އެ ވަގުތު ޚާލިދު ބްނު އަލްވަލީދު އެއްލެވި ގާގަނޑަކުން އެކަނބުލޭގެ އިސްތަށިފުޅުގައި ޖެހި ފަޅައިގެން ގޮސް، ޚާލިދުގެފާނުގެ މޫނުފުޅަށް ލޭ ބުރިއެވެ. އެ ހިނދު ޚާލިދުގެފާނު ކޯފާ އިސްކުރައްވައި އެކަނބުލޭގެ އަށް ބޭއަދަބީ ބަހެއް ވިދާޅުވި އެވެ.
އެ އަޑު އިވިވަޑައިގެން، ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ އޭ ޚާލިދެވެ! ހަމަޖެހިވަޑައިގަންނަވާށެވެ! އެކަމަނާ އެ ވެވަޑައިގެންނެވި ތައުބާއިން، މީހުންގެ އަތުން ނުޙައްގުން ޒަކާތް ނަގާ މީހަކު ތައުބާ ވިޔަސް އެ މީހެއްގެ ތައުބާ ގަބޫލު ކުރައްވާނެ އެވެ. އެހެން ރިވާޔަތެއްގައި ވަނީ، އެކަމަނާ އެ ވެވަޑައިގެންނެވި ތައުބާ، މަދީނާގެ އެންމެންގެ (ބައެއް ރިވާޔަތްތަކުގައި ހަތްދިޔަ މީހުންގެ) މައްޗަށް ބަހައިލިޔަސް ފުދި އިތުރުވާނެ ކަމަށެވެ.
އެ ދެ ބޭފުޅުން އެ ކުރެއްވި ކުށަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ނަމަވެސް، އެ ދެ ބޭފުޅުން އެ ކުށަށް އިއުތިރާފުވެވަޑައިގެން ދުނިޔެމަތީގައި ލިބެންޖެހޭ އުގޫބާތާ ހިތުން ރުހުމުން ކުރިމަތިލައްވައި ތައުބާވެވަޑައިގަތުމުން، މާތް ﷲ އެ ދެ ބޭފުޅުންގެ ތައުބާ ގަބޫލު ކުރެއްވީ އެވެ. އެ ދެބޭފުޅުންގެ ތައުބާ އަށް ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ތަޢުރީފު ކުރެއްވުމުން، އެ ދެ ބޭފުޅުންގެ ތައުބާގެ ފުރިހަމަކަން ހާމަވެ އެވެ.
އަޅުގަނޑުމެން އިންސާނުންނަށް އޮތީ ފާފަ ފުއްސެވުމަށާއި ކަންކަމަށް އެދި އެކަލާނގެ ޙަޟްރަތުގައި ދެންނެވުމެވެ. އިހުލާސްތެރިކަމާ އެކު އަޅުތަކުން ކުރާ ދުއާ އެކަލާނގެ އިޖާބަ ކުރައްވާނެ ކަމާ މެދު ޝައްކެއް ނެތެވެ. މާތް ﷲ ވަހީ ކުރައްވާފައިވަނީ؛ وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ -ސޫރަތުލް ބަޤަރާ 186- މާނައީ: އަދި ތިމަންރަސްކަލާނގެއާ މެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފި ނަމަ (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެ އެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުއާ ކޮށްފި ނަމަ ދުއާ ކުރި މީހާގެ ދުއާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަ ދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެ އަށް އީމާންވާ ހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.
ފާފަ ފުއްސެވުމަށް އެދި އެކަލާނގެ ޙަޟްރަތުގައި އެދޭ އިރު، ހިތުގައި އޮންނަންޖެހޭ ޔަގީން ކަމަކީ އެކަލާނގެ ފާފަ ފުއްސަވައިދެއްވާނެ ކަމެވެ. ތިމާގެ ފާފަތައް، ކަނޑުގެ ލޮނުގަނޑުގައި އުފެދޭ ފޮނުހައި ގިނަ ކަމުގައި ވިޔަސް އެ ފާފަތައް ފުއްސެވުމަކީ، އޯގާވަންތަ މާތް ﷲގެ ޙަޟްރަތަށް ބޮޑު ކަމެއް ނޫނެވެ. މާތް ﷲ ވަހީ ކުރައްވާފައިވަނީ؛ قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًاإِنَّهُ هُوَ الْغَفُورُ الرَّحِيمُ -ސޫރަތުއް ޒުމަރު 53- މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަހުމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެ އެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަހީމްވަންތަ ރަސްކަލާނގެ އެވެ.
މިއަދު އަޅުގަނޑުމެންނާ ބައްދަލުވެފައި މިވަނީ، އިތުރު އެކަލޭގެފާނު ދެއްކެވި ސީދާ މަގަށް އެނބުރި ދިޔުމަށް ލިބޭނެ އެންމެ ފަހި މޫސުމެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކުގައި ރޯދަ އަށް ހުންނަ ހުރުމުގައި، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކުގެ ހިސާބު ބަލައި، ކުރެވިފައިވާ ކުށްފާފަތަކާ މެދު ދެރަވެ ހިތާމަކޮށް، އެފަދަ ކަންކަމުން ދުރުހެލިވުމަށް އަޒުމް ކަނޑައެޅުމަށް މިއީ ނުހަނު ރަނގަޅު ފުރުސަތެކެވެ.
މީސްތަކުންނާ އެކުގައި ރިވެތި އަހުލާގުން މުއާމަލާތު ކުރުން: ހައްގު ވެގެންވާ ގޮތުގައި މާތް ﷲ އަށް ލަދުވެތިވާން އެދޭ މީހާގެ ކިބައިގައި އަށަގަންނުވަންޖެހޭ ތިން ވަނަ ސިފައަކީ، (وَخَالِقْ النَّاسَ بِخُلُقٍ حَسَنٍ) މީސްތަކުންނާ އެކުގައި ރިވެތި އަހުލާގުން މުއާމަލާތު ކުރުމެވެ. މާނައަކީ، ކޮންމެ މީހަކާ އެކުގައި މުއާމަލާތު ކުރިޔަސް، އަދަބު އިހުތިރާމްގެ އެންމެ މަތީ މިންގަނޑުން އެމީހަކާ މުއާމަލާތު ކުރުމެވެ. ރިވެތި ބަސްމަގުން މުހާތަބު ކުރުމާއި ރިވެތި އަހުލާގީ ސިފަތަކުން ޒީނަތްތެރިވެ ހުރުމެވެ.
ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ މާނައީ: ތިމާގެ އަމިއްލަ ނަފްސަށް ލޯބިކުރާ ކަންތައް ތިމާގެ އަހާ އަށް ވެސް ލިބުމަށް ލޯބިކޮށްފުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން އެކަކު ވެސް އީމާންވިކަމުގައެއް ނުވެ އެވެ. އެކަލޭގެފާނުގެ އެހެން ބަސްފުޅެއްގައި އޮންނަނީ؛ وَلْيَأْتِ إِلَى النَّاسِ الَّذِي يُحِبُّ أَنْ يُؤْتَى إِلَيْهِ މާނައީ: ތިބާ މީސްތަކުންގެ ގާތަށް އަންނަން ވާނީ، ތިބާގެ ގާތަށް އެހެން މީހުން އައުމަށް އެދޭ ކަންކަމާއިގެންނެވެ.
މި ދެ ނަބަވީ ބަސްފުޅުން ލިބޭ ވަރަށް ގިނަ އިބުރަތްތަކެއް އެބަހުއްޓެވެ. ކޮންމެ މީހަކު ވެސް އެންމެ ފުރަތަމަ ހަނދާނަށް ގެންނަންވީ، ތިމާއާ މެދުގައި އަނެކުން މުއާމަލާތު ކުރަން އެދެނީ ކޮން ގޮތަކަށް ތޯ އެވެ. އަދި ތިމާއާ މެދުގައި އަނެކުން މުއާމަލާތު ކުރަން އެދެނީ ކޮން ކަހަލަ އަހުލާގަކާ އެކުގައި ތޯއެވެ. އެހެނީ، އެ ސިފަތަކަކީ ރިވެތި އަހުލާގުގެ އެންމެ މުހިންމު ސިފަތަކެވެ.
އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ، ހަޑިހުތުރު ބަސްތަކާއި ތިމާ ނުރުހޭ ވަނަންތަކާއި ހަރުކަށި ކަމާއެކުގައި އަނެކުން ތިމާއާ މުއާމަލާތު ކުރަން އެދޭނެ މީހެއް ނޫނެވެ. އެއްވެސް މީހަކީ، އަނެކުން ތިމާއަށް ހިޔާނާތްތެރިވެ މަކަރާއި ހީލަތް ހަދަން ރުހޭނެ މީހެއް ނޫނެވެ. އެއްވެސް މީހަކީ، އަނެކުން ތިމާއަށް ދޮގު ހަދައި އޮޅުވައިލަން ބޭނުންވާނެ މީހެއް ނޫނެވެ.
އެހެންކަމުން، ރިވެތި އަހުލާގަކީ ތިބާގެ އަމިއްލަ ނަފްސަށްޓަކައި ނުއެދޭ ކޮންމެ ކަމެއް، ތިމާ ފަދަ އަނެއް އިންސާނާއަށް މެދުވެރިވުމަށް ވެސް ނުރުހުމެވެ. ތިމާއަށް ލިބުމަށް އެދޭ ކޮންމެ ހެވަކާއި ރަނގަޅެއް، ތިމާ ފަދަ އަނެއް އިންސާނާ އަށް ވެސް ލިބުމަށް ލޯބިކުރުމެވެ. ހަމައެފަދައިން، ތިމާގެ ފަރާތުން، އަމަލަކުން ނުވަތަ ބަހަކުން ވިޔަސް، އަނެކާއަށް ގެއްލުމެއް ދެރައެއް ނުދިނުމެވެ. އަދި ވީވަރަކުން އަނެކާއަށް އެހީތެރިވެ ހެޔޮ ފޯރުވައި އިންސާނީ އަހުވަންތަކަން ދެމެހެއްޓުމެވެ.
ނަބަވީ ބަސްފުޅުތަކުން ދަލީލު ލިބޭ ގޮތުގައި ގިޔާމަތް ދުވަހުގައި މީސްތަކުންގެ ތެރެއިން، ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)އާ އެންމެ އަރިހުގައި ވާނެ ބަޔަކީ، މީސްތަކުންގެ ތެރެއިން އަހުލާގުގެ އެންމެ ރިވެތި މީހުންނެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ إِنَّمَا بُعِثْتُ لِأُتَمِّمَ مَكَارِمَ الْأَخْلَاقِ މާނައީ: ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނީ، އަހުލާގުގެ އެންމެ މަތިވެރި ސިފަތައް ފުރިހަމަ ކުރެއްވުމަށެވެ.
މި ބަސްފުޅުން އެނގޭ ގޮތުގައި، އިސްލާމީ ޝަރީއާ ފުރިހަމަވުމަށް ފަހުގައި، ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން އިންސާނާ އިސްލާހު ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވަނީ ކަނޑައެޅި ނިމިފަ އެވެ. އަލުން އިތުރަށް ކުރާނެ ކަމެއް ނޯންނާނެ އެވެ. އަހުލާގުގެ އެންމެ މަތިވެރި ސިފަތަކާއި މުއާމަލާތުގެ އެންމެ ރިވެތި އުސޫލުތައް، ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ވަނީ މީސްތަކުންނަށް ބަޔާންކޮށްދެއްވައިފަ އެވެ.
ނަމަވެސް ހިތާމައަކީ، އެ މަތިވެރި ސިފަތައް އަޅުގަނޑުމެން މުސްލިމުންގެ ތެރޭގައި އަށަގެންފައިވާ މިންވަރު ދަށްވުމެވެ. މުސްލިމުން އެކަކު އަނެކަކާ މުއާމަލާތު ކުރުމުގައި، އިސްލާމީ އަހުލާގުގެ މިންގަނޑަށް ފެތެނީ ވަރަށް މަދު ހާލަތެއްގަ އެވެ. އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެފައިވާ ދެރަ ނިކަމެތި ހާލަތުގެ ހަގީގީ ސަބަބަކީ، ނަބިއްޔާ ދެއްކެވި މަގުން އަޅުގަނޑުމެންގެ ފިޔަވަޅުތައް ކައްސާލާފައިވުމެވެ.
ނަމަވެސް މިއަދު އަޅުގަނޑުމެންނާ ބައްދަލުވެފައި މިވަނީ، އިތުރު އެކަލޭގެފާނު ދެއްކެވި ސީދާ މަގަށް އެނބުރި ދިޔުމަށް ލިބޭނެ އެންމެ ފަހި މޫސުމެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކުގައި ރޯދަ އަށް ހުންނަ ހުރުމުގައި، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކުގެ ހިސާބު ބަލައި، ކުރެވިފައިވާ ކުށްފާފަތަކާ މެދު ދެރަވެ ހިތާމަކޮށް، އެފަދަ ކަންކަމުން ދުރުހެލިވުމަށް އަޒުމް ކަނޑައެޅުމަށް މިއީ ނުހަނު ރަނގަޅު ފުރުސަތެކެވެ.
ރަމަޟާން މަހުގެ ރޯދައަކީ، އޭގެ ޒާތުގައި އިންސާނާގެ ކިބައިން، ރިވެތި އަހުލާގަށާއި މަތިވެރި ސިފަތަކަށް އެދޭ އަޅުކަމެކެވެ. ރޯދައިގެ އަޅުކަން ފުރިހަމަވުމަށްޓަކައި، އަދަބު އަހުލާގުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ހުންނަން ޖެހެ އެވެ. އަނެކުންނަށް އުނދަގޫ ކުރުމާއި ހަޑިހުތުރު ބަސްތައް ދުލުން ބޭރުކުރުން ހުއްޓައިލަންޖެހެ އެވެ. އެހެންކަމުން، މި މައްސަރުގެ އަޅުކަން ފުރިހަމަކޮށް ނިމޭއިރު، އަޅުގަނޑުމެންގެ ނަފްސުތައް އަލުން އިސްލާހުކޮށް، މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގެންވާ ބަޔަކު ކަމުގައި ވޭތޯ ގަދައަޅައި މަސައްކަތް ކުރަމާ ހިންގަވާށެވެ.
ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން
ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން
މަރްޙަބާ ޔާ ރަމަޟާން
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުން
ރޯދަމަހާއެކު، ނަފުސު ކޮންޓްރޯލްކޮށް، މީހާ ތަރުތީބުވޭ
ރޯދަމަހުގައި ވެސް އުފެއްދުންތެރިކަން ދަށްވިޔަ ނުދިނުން
އެންމެ މާތް މައްސަރަށް އަޒުމްތަކާ އެކު ތައްޔާރުވޭ
ހަދީސެއްގެ އަލީގައި: ތަރުބަވީ މައިދާނުގައި މަޑުމައިތިރިކަން ގެންގުޅުން
ތަރުބަވީ ޒިންމާ އަދާކުރުމަށްޓަކައި ހޭދަކުރުން