Roadha Mihaaru

ބްލެކްޕިންކްގެ ޖެނީ، ޕްރިތަމްގެ ލަވައެއް ކޮޕީކުރިކަމުގެ ތުހުމަތު

ދެކުނު ކޮރެއާގެ މަޝްހޫރު މިއުޒިކް ގްރޫޕް ބްލެކްޕިންކްގެ ލަވަކިޔުންތެރިޔާ ޖެނީ، ބޮލީވުޑްގެ މިއުޒިކް ކޮމްޕޯސަރު ޕްރިތަމް ޗަކްރަބަތީގެ ލަވައެއް ކޮޕީކުރި ކަމަށް ތުހުމަތުކޮށްފި އެވެ.

ބްލެކްޕިންކްގެ ޖެނީ ލަވައެއް ކޮޕީކުރިކަމުގެ ތުހުމަތު

ދެކުނު ކޮރެއާގެ މަޝްހޫރު މިއުޒިކް ގްރޫޕް ބްލެކްޕިންކްގެ ލަވަކިޔުންތެރިޔާ ޖެނީ، ބޮލީވުޑްގެ މިއުޒިކް ކޮމްޕޯސަރު ޕްރިތަމް ޗަކްރަބަތީގެ ލަވައެއް ކޮޕީކުރި ކަމަށް ތުހުމަތުކޮށްފި އެވެ.

ޖެނީ މިފަހުން ވަނީ އޭނާގެ ސޯލޯ އާ ލަވަ "ލައިކް ޖެނީ" އިއުލާންކޮށްފަ އެވެ. އަންނަ ހުކުރު ދުވަހު ނެރޭ އެ ލަވައިގެ ކުރު ޓީޒާއެއް މީގެ ފަސް ދުވަސް ކުރިން ވަނީ ގެނެސްދީފަ އެވެ.

ނަމަވެސް، އެ ޓީޒާ އާންމުކުރުމާ އެކު އެއީ ކޮޕީ ލަވައެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އާންމުންގެ ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ.

ޖެނީގެ އާ ލަވައިގެ ރާގު ވައްތަރީ ޕްރިތަމް މިއުޒިކް ކޮމްޕޯސްކޮށްދިން ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގައި އާލިއާ ބަޓްގެ އެންޓްރީ އަށް ބޭނުންކުރި ލަވައާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެހެންވެ، ޖެނީގެ އާ ލަވައަކީ ކޮޕީއެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

"އަޑާއި ރާގާއި ކިޔުން ވެސް ހަމަ އެއްގޮތް،" މީހަކު ބުންޏެވެ.

ޖެނީ، ޕްރީތަމްގެ ލަވައެއްގެ ކޮޕީކުރި ކަމަށް ތުހުމަތުކުރާ އިރު، ޕްރީތަމްއަކީ ވެސް ކޮޕީކުރާ ކަމުގެ ތުހުމަތު އަބަދުމެ އަމާޒުވާ ފަންނާނެކެވެ.