Roadha Mihaaru
މިއީ ރައީސް ޔާމީނާއި މައުމޫންގެ ކުރިމަތިލެއްވުމެއް!

މަސީހުގެ ވޯޓުގެ ހަގީގީ މަންޒަރު: ރައީސް ޔާމީނާއި މައުމޫންގެ ކުރިމަތިލެއްވުން!

15 މާޗް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާއެކު، ޝައުގުވެރި އެތައް ބަދަލެއް ސިޔާސީ މަސްރަހުން ފެނުން އެކަށީގެންވެ އެވެ. ފޯރީގައި ހިނގާ އެ މަސައްކަތުގެ ތެރެއިން، މަޖިލީހަށް އެ މައްސަލަ ހުށަހެޅިޔަސް، އާއްމުންނަށް މި ފެނުނީ އޭގެ ތެރެއިން ވަރަށް ކުޑަ މަންޒަރެކެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާއެކު، ޝައުގުވެރި އެތައް ބަދަލެއް ސިޔާސީ މަސްރަހުން ފެނުން އެކަށީގެންވެ އެވެ. ފޯރީގައި ހިނގާ އެ މަސައްކަތުގެ ތެރެއިން، މަޖިލީހަށް އެ މައްސަލަ ހުށަހެޅިޔަސް، އާއްމުންނަށް މި ފެނުނީ އޭގެ ތެރެއިން ވަރަށް ކުޑަ މަންޒަރެކެވެ.

މަޖިލީހުގެ ރައީސްގެ ގޮނޑީގައި މަސީހް އިންނެވިއަސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ކޮންޓްރޯލް އޮތީ ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުގަ އެވެ. އެއީ، ގައުމާއި ރައްޔިތުންނަށް ހުރި ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވައި މަސީހު މަގާމުން ދުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، މި ވޯޓަކީ ސީދާ ރައީސް ޔާމީނާއި ބޭބޭފުޅު މައުމޫނާ ދެމެދު ހިނގާ ސިޔާސީ ހަނގުރާމައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ވޯޓުގެ ތިން ދުވަސް ކުރިން މާލޭގައި ތިއްބެވުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން މެމްބަރުންނަށް ފޮނުއްވި އެސްއެމްއެސްގައި ވެސް ނުސީދާކޮށް ވަނީ އެހެން ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ، "މި ވޯޓަކީ ހަމައެކަނި މަސީހާ ދެކޮޅު ވޯޓެއް ނޫން" ކަމަށެވެ. މީގެއިން ދޭހަވަނީ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އިސްވެ ހުންނައި ސިޔާސީ މަަސައްކަތްތައް މި ކުރައްވަނީ ބައްޕާފުޅު، މައުމޫންގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކަން ރައީސް ޔާމީނަށް އެނގިވަޑައިގެން ހުންނެވި ކަމެވެ.

މި ވޯޓު ކާމިޔާބުވެއްޖެ ނަމަ، މަޖިލިހުގައި މިބާވަތުގެ އެހެނިހެން ވޯޓުތައް ފަސޭހައިން ނެގިދާނެކަން އިތުރަށް ކަށަވަރުވީ އެވެ. ވެރިކަން ކުރާ ޕީޕީއެމަށް މަޖިލިހުގައި އޮތް އަޣުލަބިއްޔަތު "ކުދިކުދި" ވީ އެވެ. ސަރުކާރުން ކޮންޓްރޯލް ކުރާ އެހެން މުއައްސަސާތަކުގެ ބައެއް ބޭފުޅުން މަގާމުން ވަކިކުރެވިދާނެ ކަމުގެ ސިގްނަލް ވެސް މަސީހްގެ ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވެއްޖެ ނަމަ ކަށަވަރުވީ އެވެ.

މި ވޯޓުގައި އިސްކޮށް އުޅުއްވަނީ ވެސް މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް އެވެ. މަސީހް ވަކިކުރުމުގެ ގަރާރު 26 މެމްބަރުންގެ ސޮޔާއެކު ހުށަހެޅުއްވިއިރު، އޭގެ ތެރޭގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައި ވަނީ ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނެވެ. އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ސޮއިކުރެއްވީ އޭގެ ފަހުންނެވެ.

ޕީޕީއެމް ޓިކެޓުގައި ރައީސް ކަމަށް ވަޑައިގެން، ތިން ބާރު މަސްނިކޮށްލައްވައިގެން ރައީސް ޔާމީން ވެރިކަން ކުރެއްވުމަކީ، މައުމޫން ވިދާޅުވެފައިވާ ގޮތުގައި ޕާޓީގެ މެނިފެސްޓޯއާ ހިލާފުވެވަޑައިގަތުމެވެ. ސިޔާސީ ގޮތުން ރައީސް ޔާމީނަށް އޮތް އެންމެ ބޮޑު ބާރަކީ، ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލިސް ކަމަށްވާއިރު، އިސްލާހީ މަސައްކަތްތަކަށް އެ ބާރު އެމަނިކުފާނު އަތުން އަތުލެއްވުން ކޮންމެހެން މުހިއްމު ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ.

ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ހައްލުނުވުމުން، ދެ ފެކްޝަނަކަށް މެމްބަރުން ބެހިވަޑައިގަތް ދަނޑިވަޅުގައި، މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު 21 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު އެމްޑީޕީން ކުރިން ހުށަހެޅި އެވެ. ނަމަވެސް މެމްބަރުންނަށް ސަރުކާރުން ކުރިމަތިކުރުވި ތަފާތު ބިރުދެއްކުންތަކާ އެކު އެކަން އެ ފަހަރު ނާކާމިޔާބުވީ އެވެ. މިފަހަރު 26 މެމްބަރުންގެ ސޮޔާއެކު، މަސީހް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ވެއްދީ އާ ފޯމިއުލާއަކުންނެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، މައުމޫން އިސްވެ ހުންނަވައި ދިގު 30 އަހަރުގެ ތަޖުރިބާއާ އެކުގަ އެވެ. މި ފަހަރު މި ވޯޓު މުހިންމުވެ، އަދި އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކޮށްފާނެ ކަމުގެ ބިރު ބޮޑުވެގެން އުޅެނީ ވެސް ހަގީގަތުގައި، މީގެ އަަޑީގައި މައުމޫން ހުންނެވުމުންނެވެ. ފާރިސް އެ ހިންގަވަނީ ބައްޕާފުޅުގެ ތަޖުރިބާ އާއި އިރުޝާދާ އެކުގަ އެވެ.

"އަޅުގަނޑުމެން މެމްބަރުންނަށް އެނގޭ ރައްޔިތުން އެދޭ ގޮތަކަށް ނޫން ކަން ކަންތައްތައް ކުރަމުން މިދަނީ. ވޯޓު ދެވެނީ ވެސް ރައްޔިތުން އެދޭ ކަންތައްތަކުގައި އެދޭ ގޮތަކަށް ނޫންކަން. ދައުރުގެ ދެބަައިކުޅަ އެއްބައި މިގޮތަށް ގޮސްފައިވާއިރު މެމްބަރުން އެބަޖެހޭ، ވާޖިބު އަދާކުރާކަން ރައްޔިތުންނަށް ދައްކަން،" ފާރިސް

މަސީހުގެ ވޯޓާ ގުޅޭ ގޮތުން ފާރިސް ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި، އޭނާ ފާހަގަކުރައްވަނީ، ވޯޓުގެ ކުރިން މެމްބަރުންނާ އެކު ކުރެއްވި މަޝްވަރާތަކުން، އެކަމަށް މެމްބަރުންގެ ތާއީދު ލިބިފައި ވުމެވެ. އިދިކޮޅު މެމްބަރުންނާ އެކު އޭގެ ތެރޭގައި ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާރިސް ގަބޫލުކުރައްވާ ގޮތުގައި، "މިއަދު ވޯޓު ނަގައިފި ނަމަވެސް މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވާނެ" އެވެ. އެހާ ކަށަވަރުކަން ބޮޑެވެ.

ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ އެކު ނިކުމެވަޑައިގަތީ އެއީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީ ކަމަށް ވިދާޅުވި.---ފޮޓޯ: މަޖިލިސް

ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ އެކު ނިކުމެވަޑައިގަތީ އެއީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީ ކަމަށް ވިދާޅުވި.---ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި މަސީހްގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާނެ ކަމަށް މަޖިލީހުގެ 42 އަށް ވުރެ ގިނަ މެމްބަރުން ވަނީ ޔަގީންކަން ދެއްވައިފަ އެވެ. ޖަލު ހުކުމެއް ތަންފީޒުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފާއި މަސީހުގެ އިތުރުން މަޖިލީހުގެ ރިޔާސަތަށް ވޯޓު ނުދެއްވޭނެ ކަމަށް ބަލައި، މަޖިލީހުގެ ވޯޓުގެ އަދަދަކީ 83 މެމްބަރުން ކަމަށް ފާރިސް ވިދާޅުވި އެވެ.

މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާ އެކު ބޮޑުބޭބޭފުޅު ރައީސް ޔާމީނާ ދެކޮޅަށް ނިކުމެވަޑައިގަތުމަށް، ފާރިސް ވިދާޅުވި ގޮތުގައި، އޭނާ އަށް މަޖުބޫރުވެވަޑައިގަތީ އެވެ. އެ މަސައްކަތުގައި، އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް އޭނާ އަކީ ވަރަށް ހަގު މެމްބަރެއްގެ ގޮތުގައި ފާހަގަކުރައްވައި އެ ވޯޓު ކުރިއަށް ގެންދަނީ ސިޔާސީ މަސްރަހުގައި އިސް ފަރާތްތަކެއްގެ ބައިވެރިވުމާ އެކު ކަމަށް ވިދާޅުވި އެވެ.

މިކަން ކުރަން ޖެހެނީ، ސަރުކާރުން ފޮރުވާފައި އޮތް އެޖެންޑާއެއްގެ ދަށުން ރާވައިގެން ކަންކަންކޮށް، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހުރިހާ ކަމެއްގައި އަމާޒު ހިފާފައި ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ ބޮޑުބޭބެވީމަ އަޅުގަނޑަށް ވަރަށް އުނދަގޫ މި މަސައްކަތް ކުރިއަށް ގެންދަން ވެސް. މިކަންކަމަކީ އެއްވެސް ހާލެއްގައި ރައީސް ޔާމީނާ ދެކޮޅަށް ޒާތީގޮތުން ކުރާ މަސައްކަތެއް ނޫން. މިއީ ސިޔާސީ މަސައްކަތެއް،" ފާރިސް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުގެ އަމިއްލަ ވިސްނުމެއް ނޫން. އަދި މިކަންކަން ކުރިއަށް ގެންދިއުމަކީ އަޅުގަނޑުގެ އަމިއްލަ ނިންމުމެއް ވެސް ނޫން. އެންމެ މީހަކު ތެދުވެގެން އެ ހުރިހާ ކަމެއް ނުވެސް ކުރެވޭނެ. ގިނަ ބައެއްގެ ތާއީދު އޮތް ކަން އެނގި، ގިނަ ބަޔަކު މިގޮތަށް ބޭނުންވާނެ ކަން އަޅުގަނޑަށް ގަބޫލުކުރެވިގެން މިހާ ހިސާބަށް މި އާދެވުނީ. މީގެ ތެރޭގައި ވަރަށް އިސް ދައުރެއް އަދާކުރައްވާ މަޖިލިސް މެމްބަރުން ވެސް. އެ ބޭފުޅުން މިކަމުގެ ތެރޭގައި އުޅުއްވާކަން އަދި ހާމަނުކުރައްވާ." ފާރިސް ވިދާޅުވި އެވެ.

މަސީހު ވަކިކުރަން ވޯޓަށް ތާއީދުކުރައްވާ ޕީޕީއެމްގެ މެމްބަރުންނަށް، ފާރިސް ވިދާޅުވި ގޮތުގައި، ފިއްތުންތަކެއް ކުރިމަތިކުރަމުން އެބަ ދެ އެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ، ވޯޓަށް ތާއީދުކުރައްވާ މެމްބަރުންނާ ގުޅުން އޮތް މީހުން ސަރުކާރުގެ އެކި މަގާމްތަކުން ވަކިކުރަމުންދާ ކަމަށެވެ. ހަމައެއާއެކު، ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް އެމްޑީއޭ އިން ވަކިކުރަން ނިންމީ ވެސް މި ވޯޓާ ގުޅިގެން ކަމަށް ފާރިސް ގަބޫލުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުން ކަންކަން ކުރަމުންދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން މައުމޫނާ އެއްކޮޅަށް އެރުއްވި މެމްބަރުންގެ ވިޔަފާރި އަށް ސަރުކާރުން ދަތިތަކެއް ކުރިމަތިކުރި އެވެ. އެކަމަކު، މި ވޯޓަކީ ވަކިކޮޅަކަށް އެރުން ނޫން ކަމަށާއި ވޯޓު ކާމިޔާބުކުރެވިއްޖެ ނަމަ މެމްބަރުންގެ ވިޔަފާރި އަށް ވެސް ދަތިނުކުރެވޭނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

"ސަލީމާއި ސުޖާއުއާ މެދު ހިންގީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ޑިމޮކްރަސީގެ އަސާސްތަކާ ހިލާފު ކަންތައްތަކެއް. އެ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން އަޅުން އަޅުގަނޑުމެންނާ އެކު ވޯޓަށް ތާއީދުކޮށްދެއްވަން،" ފާރިސް ވިދާޅުވި އެވެ.

"މިއީ ހައްލު ހޯދުމުގެ ފުރުސަތެއް"

ފާރިސް ދެކެވަޑައިގަންނަވާ ގޮތުގައި މަސީހު ވަކިކުރުމަކީ، ރާއްޖެ އަށް މިވަގުތު ކުރިމަތިވެފައި އޮތް ހުރިހާ މައްސަލަތަކަކަށް ވެސް ހައްލު ހޯދަން މެމްބަރުންނަށް ލިބޭ ފުރުސަތެކެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ކަންކަން ހިނގާ ގޮތް ބަދަލުނުކޮށްފި ނަމަ، މެމްބަރަކަށް ސުވާލުކުރާނެ ފުރުސަތެއް ވެސް ނެތެވެ. ސަރުކާރު ހިނގާ ގޮތް ނުވަތަ ސަރުކާރު ޖަވާބުދާރީއެއް ވެސް ނުކުރެވޭނެ އެވެ. މިސާލަކަށް، ފ. އަތޮޅުގައި ހިންގަން ގަސްތުކުރާ ކަމަށް އެ ވިދާޅުވާ މަޝްރޫއުގެ މައުލޫމާތު ވެސް މެމްބަރުންނަށް ސާފުނުވާ ކަމަށާއި މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، އެ ސުވާލުތަކުގެ ޖަވާބު ވެސް ހޯދޭނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަދި ރައީސް އަބްދުﷲ ޔާމީން މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވި ޖަލްސާގެ ކުރިން މަޖިލިހުގެ ރައީސް މަސީހް، ދަރުބާރުގޭގެ ބޭރުގައި މަޑުކޮށްލައްވައިގެން: އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މި މަހުގެ 27 އަށް ވަނީ އެޖެންޑާ ކޮށްފައި.---ފައިލް ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަދި ރައީސް އަބްދުﷲ ޔާމީން މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވި ޖަލްސާގެ ކުރިން މަޖިލިހުގެ ރައީސް މަސީހް، ދަރުބާރުގޭގެ ބޭރުގައި މަޑުކޮށްލައްވައިގެން: އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މި މަހުގެ 27 އަށް ވަނީ އެޖެންޑާ ކޮށްފައި.---ފައިލް ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ކަންކަން ދަނީ ގޯސް މިސްރާބަށް ކަން ރައްޔިތުން ގަބޫލުކުރާ ކަމަށާއި ރައްޔިތުންގެ ހިތްހަމަނުޖެހުން އެންމެ ބޮޑަށް އޮތް އެއް މައްސަލައަކީ ޖުޑިޝަރީކަން އޭނާ ފާހަގަކުރެއްވި އެވެ. ޖޭއެސްސީ އާއި ފަނޑިޔާރުންގެ މަސައްކަތްތައް މިހާރަށް ވުރެ ގާތުން ބަލައި އިސްލާހުކުރެވެން އޮތީ ވެސް މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބިގެން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މެމްބަރުންނަށް އެނގޭ ރައްޔިތުން އެދޭ ގޮތަކަށް ނޫން ކަން ކަންތައްތައް ކުރަމުން މިދަނީ. ވޯޓު ދެވެނީ ވެސް ރައްޔިތުން އެދޭ ކަންތައްތަކުގައި އެދޭ ގޮތަކަށް ނޫންކަން. ދައުރުގެ ދެބަައިކުޅަ އެއްބައި މިގޮތަށް ގޮސްފައިވާއިރު މެމްބަރުން އެބަޖެހޭ، ވާޖިބު އަދާކުރާކަން ރައްޔިތުންނަށް ދައްކަން،" ފާރިސް ވިދާޅުވި އެވެ.

ގައުމާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިކޮށްފައިވާ ދަތިހާލަތުގައި ވެސް، ފާރިސް ވިދާޅުވި ގޮތުގައި، ރައްޔިތުން އެދޭ ގޮތަށް ވޯޓު ދިނީ ކޮން މެމްބަރުންތަކެއްތޯ ބަލާނެ އެވެ. ދެން އަންނަ ދައުރަކަށް މެމްބަރުން ކުރިމަތިލައްވާއިރު ވެސް މެމްބަރުން ބޮޑެތި މައްސަލަތަކުގައި ވޯޓު ދެއްވި ގޮތް ރައްޔިތުންނަށް މުހިއްމުވާނެ ކަމަށް ވިދާޅުވި އެވެ.

މަޖިލިހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު، މިދިޔަ ހަފުތާގެ ބުދަދުވަހު ފާރިސް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މަޖިލިހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު، މިދިޔަ ހަފުތާގެ ބުދަދުވަހު ފާރިސް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރައްވަމުން ގެންދަވާ ގިނަ މެމްބަރުން ހޮވުނީ މައުމޫންގެ ތާއީދާ އެކު ކަމަށެވެ. މަޖިލީހުގެ ދެން އޮންނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ވެސް މައުމޫންގެ ތާއީދު އެ މެމްބަރުން ބޭނުންވާނެ ކަމަށާއި ކަންއެހެން އޮތްއިރު، މިހާ މުހިއްމު މަސައްކަތެއްގައި މައުމޫން އެދިވަޑައިގަތް ގޮތަށް މެމްބަރުން އަމަލުކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެ ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް މައުމޫން މިހާރު އެ އޮތީ ވިދާޅުވެފައި، ފެނިވަޑައިގަންނަވާ ކަމަށް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް މެމްބަރުން ތާއީދުކުރައްވަން. މިފަދަ ނާޒުކު ދަނޑިވަޅެއްގައި، މެމްބަރުން އެހާ ރިސްކުގައި މަސައްކަތް ކުރާ ދަނޑިވަޅެއްގައި ގައުމުގެ ހައްގުގައި އަދި މެމްބަރުންގެ ހައްގުގައި ޕާޓީގެ ހައްގުގައި މަސައްކަތް ކޮށްދެއްވާ މެމްބަރުންތަކަކަށް އަންނަ ދައުރެއްގައި ރައީސް މައުމޫން ތާއީދުކުރައްވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެއްވޭ. އެހެންވީމަ މިއީ އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގަންނަވަން ބޭނުންފުޅުވާ މެމްބަރުންނަށް ވަރަށް ޕޮޒިޓިވް ސިގްނަލްއަކަށް ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ފާރިސް ވިދާޅުވި އެވެ.

ކުރިން ފަހަރު ކޮންމެ ގޮތަކަށް ކަންކަން ވެފައި އޮތަސް ފާރިސް ގަބޫލުކުރައްވާ ގޮތުގައި މިފަހަރުގެ ވޯޓު ކާމިޔާބުވާނެ އެވެ. މި ވޯޓު ކާމިޔާބުވެ، މަސީހް މަގާމުން ވަކިވެއްޖެ ނަމަ އެއީ ސިޔާސީ ގޮތުން ރައީސް ޔާމީނަށް ލިބޭނެ ވަރަށް ބޮޑު ބަލިކަށި ކަމެކެވެ، އަނެއްކޮޅުން މި ވޯޓު އިދިކޮޅު ފަރާތްތަކަށް ނާކާމިޔާބުވެއްޖެ ނަމަ، ގައުމު ހަމަ މަގަށް އަޅުވަން މައުމޫނާއި އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އިންތިހާ އަށް ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.