Roadha Mihaaru

ރެކޯޑް މޮޅަކާ އެކު އާސެނަލް ކުއާޓާއާ ގާތަށް

ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވެން އަތުން ރަށުން ބޭރުގައި ފަސޭހަކަމާ އެކު، 7-1 އިން މޮޅުވެ އާސެނަލުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުކޮށްފި އެވެ.

ރެކޯޑް މޮޅަކާ އެކު އާސެނަލް ކުއާޓާއާ ގާތަށް

ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވެން އަތުން ރަށުން ބޭރުގައި ފަސޭހަކަމާ އެކު، 7-1 އިން މޮޅުވެ އާސެނަލުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުކޮށްފި އެވެ.

މި މެޗާ އެކު އާސެނަލްވެފައި ވަނީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ރަށުން ބޭރުގައި އެންމެ ތަފާތު ބޮޑުކޮށް މޮޅުވި ޓީމަށެވެ.

ޕީއެސްވީ އަށް ފުރުސަތެއް އޮންނާނީ އަންނަ ހަފުތާގައި އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅޭ ދެ ވަނަ ލެގުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. އެކަމަކު، ދެ ޓީމުގެ ފެންވަރާއި، މިހާރުގެ ހާލަތަށް ބަލާއިރު އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

މިއީ ނެދަލެންޑްސްގެ ޗެމްޕިއަން ޕީއެސްވީ ޔޫރަޕުގެ މުބާރާތެއްގައި އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ.

"އަހަރެމެންނަށް ވާދަކުރެވޭ ވަރަށް ވުރެ މާ މަތީ ފެންވަރެއްގައި (އާސެނަލް) ކުޅުނީ،" ޕީއެސްވީގެ ފްރާންސް ޑިފެންޑަރު އޮލިވިއޭ ބޮސްކާލީ ބުންޏެވެ. "އެ ޓީމުން އަހަރެމެންގެ އޭރިއާ ތެރެއަށް ވަދެ ނުރައްކާކުރި ކޮންމެ ވަގުތެއްގައި ގޯލް ޖެހި."

އާސެނަލުން މި މެޗުގެ ފުރަތަމަ ހާފުގައި ތިން ގޯލް ޖެހި އެވެ. ގޯލްތައް ޖަހައިދިނީ ޑޭވިޑް ޓިމްބާ، އީތަން އެންވަނޭރީ، އަދި މިކޭލް މަރީނޯ އެވެ. ޕީއެސްވީގެ ހަމައެކަނި ގޯލަކީ ހާފުގެ ފަހުކޮޅު ޕެނަލްޓީއަކުން ނޮއާ ލޭންގް ޖެހި ގޯލެކެވެ.

ދެ ވަނަ ހާފުގައި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ދެ ގޯލް ޖެހިއިރު އަނެއް ދެ ގޯލް ޖެހީ ލެއަންދްރޯ ޓްރޮސާޑް އާއި، ރިކާޑޯ ކަލަފިއޯރީ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މި މޮޅާ އެކު ކުޅުންތެރިންނަށް އުފަލާއި، އިތުބާރު ލިބިއްޖެ ކަމަށެވެ. އެކަމަކު ޓީމުގެ ޓާގެޓް އަދި ހާސިލްނުވާ ކަމަށާއި، އުއްމީދަކީ މިއަށް ވުރެ ބޮޑެތި ކާމިޔާބީ ހޯދުން ކަމަށް އޭނާ ބުންޏެވެ.