Roadha Mihaaru

އިޝްތިހާރަކަށް ވާނީ "އެންމެ މޮޅު" ފަދަ އިބާރާތްތަކާ އެކު ޑިސްޕްލޭކުރުން: އެމްއެފްޑީއޭ

ކާބޯތަކެތި ލިބެން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރުން ނުވަތަ ފިހާރައެއްގެ ބިއްލޫރިގަނޑުގައި ތަތްކުރުމަކީ އިޝްތިހާރު ކުރުމަކަށް ނުވާނެ ކަމަށާއި އާ ގަވައިދުގައި އިޝްތިހާރު ކަމަށް ބަލަނީ "އެފަދަ ދެވަނައެއް ނެތް" ނުވަތަ "އެންމެ މޮޅު" ފަދަ އިބާރާތްތަކާ އެކު ޑިސްޕްލޭ ކުރުމުން ކަމަށް އެމްއެފްޑީއޭއިން ބުނެފި އެވެ.

އިޝްތިހާރަކަށް ވާނީ "އެންމެ މޮޅު" ފަދަ އިބާރާތާ އެކު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

07 މާޗް 2025

ކާބޯތަކެތި ލިބެން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރުން ނުވަތަ ފިހާރައެއްގެ ބިއްލޫރިގަނޑުގައި ތަތްކުރުމަކީ އިޝްތިހާރު ކުރުމަކަށް ނުވާނެ ކަމަށާއި އާ ގަވައިދުގައި އިޝްތިހާރު ކަމަށް ބަލަނީ "އެފަދަ ދެވަނައެއް ނެތް" ނުވަތަ "އެންމެ މޮޅު" ފަދަ އިބާރާތްތަކާ އެކު ޑިސްޕްލޭ ކުރުމުން ކަމަށް އެމްއެފްޑީއޭއިން ބުނެފި އެވެ.

ކާބޯތަކެތި ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން އެމްއެފްޑީއޭއިން މިދިޔަ މަހުގެ ތެރޭގައި އަމަލުކުރަން ފެށި ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވައިދާ މެދު ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް، ކުދި ވިޔަފާރިތަކާއި ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންގެ ޝަކުވާ މި މައްސަލައިގައި ބޮޑެވެ.

އެމްއެފްޑީއޭގެ އޮފިޝަލަކު ވިދާޅުވީ ކާބޯތަކެތި އިޝްތިހާރުކުރާ ގަވާއިދު މީގެ ކުރިން އޮތީ އާއްމު ގަވައިދުތަކާ ބެހޭ ގާނޫނުގެ ދަށުން ކަމަށް ވެފައި އެ ގަވައިދުގައި އިޝްތިހާރުކުރަން ފީއެއް ދައްކަންޖެހޭ ގޮތަށް އަދި ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އެހެންވެ ހަރުކަށި ފިޔަވަޅުތަކާ އެކު ގަވައިދު ހަދަން ޖެހުނީ އިޝްތިހާރުކުރުން ވަކި ހުދޫދެއްގެ ތެރެއަށް ފައްތަން ކަމަށް ވިދާޅުވި އެވެ.

ބައެއް ތަންތަނުން ކާބޯތަކެތި އިޝްތިހާރުކުރާއިރު އެއީ ބަލިތަކަށް އޮތް ފަރުވާއެއް ކަމަށް ބުނެ ވެސް އިޝްތިހާރުކުރާ ކަމަށާއި ވިއްކާ ކާ އެއްޗެހީގައި ނުހިމެނޭ ބައިތައް ވެސް ލިބޭ ކަމަށް ވެސް ބުނެފައި ހުންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކާބޯތަކެތި ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން އާ ގަވައިދެއް ހެދީ އެކަން ރަނގަޅަށް މޮނީޓާކުރުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެހެންވެ، ވަކި ހުދޫދެއްގެ ތެރެއިން އިޝްތިހާރުކުރެވޭނެ ގޮތް ހެދީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާބޯތަކެތި ލިބެން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރުން ނުވަތަ ފިހާރައެއްގެ ބިއްލޫރިގަނޑުގައި ތަތްކުރުމަކީ އިޝްތިހާރު ކުރުން ނޫން ކަމަށެވެ. ނަމަވެސް، ލިބެންހުރި ކާބޯތަކެއްޗަކީ "އެފަދަ ދެވަނައެއް ނެތް" ނުވަތަ "އެންމެ މޮޅު" ފަދަ އިބާރާތްތައް ބޭނުންކުރުމަކީ އިސްތިހާރު ކުރުމަށް ވާނެކަން ފާހަގަކުރެއްވި އެވެ.

"ޑިސްޕްލޭ ކުރުމަކުން ނުވޭ އިޝްތިހާރަކަށް. އެކަމަކު ޑިސްޕްލޭކޮށްފައި ހުންނަ އެތީގައި ޕްރޮމޯޝަނަލް އެކްޓިވިޓީއަކަށް އަންނަންޏާ އެއީ އިޝްތިހާރަކީ،" އޮފިޝަލް ވިދާޅުވި އެވެ.

އެފަދަ ގޮތަކަށް އިސްތިހާރުކުރާ ނަމަ ޖެހޭނީ އެމްއެފްޑީއޭއަށް ހުށަހަޅައިގެން ހުއްދައެއް ނަގާށެވެ. އޯޑިއޯ/ވީޑިއޯ އިޝްތިހާރެއް ނަމަ 1،500ރ. އަދި އެނޫން އިޝްތިހާރެއް ނަމަ ހުއްދަ ނަގަން ޖެހޭނީ 1،000ރ. ގެ ފީއެއް ދެއްކުމަށް ފަހުގަ އެވެ. ކާބޮނޭޓެޑް ޑްރިންކްސް/އެނާޖީ ޑްރިންކްސް އިޝްތިހާރު ކުރާ ނަމަ އެ ފީއަކީ 3،000ރ. އެވެ. އެ އުސޫލުތަކާ ހިލާފަށް އިޝްތިހާރު ކޮށްފި ނަމަ 10،000ރ. އިން، ދެ ވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ 100،000ރ. އިން އަދި ތިން ވަނަ ފަހަރު ނަމަ 300،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އެމްއެފްޑީއޭއިން ބުނީ ކާބޯތަކެތި އިޝްތިހާރު ފާސްނުކޮށް ބޭނުންކުރާތީ މީގެ ކުރިން ވެސް މީޑިއާތަކާއި މީޑިއާ ކައުންސިލަށް ވެސް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެކަމަކު، އޭރު ފިޔަވަޅު އެޅޭނެ ގޮތެއް ނޯވެ އެވެ. އާ ގަވައިދުގެ ދަށުން މީޑިއާގައި ކާބޯތަކެތި އިޝްތިހާރުކުރާނަމަ ހުއްދަ ނަގަން ޖެހޭނީ އެ އެއްޗެއް އިޝްތިހާރުކުރަން ބޭނުންވާ ކުންފުންޏަކުންނެވެ.