Roadha Mihaaru
ނުތާހިރުކަމުން މާލޭގެ ތިން ތަނެއް ބަންދުކޮށްފި

ކާބޯތަކެތީގެ ހިދުމަތް ދޭ ތިން ތަނެއް ނުތާހިރުކަމުން ބަންދުކޮށްފި

27 އޯގަސްޓް 2024

މާލޭގައި ނުތާހިރުކޮށް ކާބޯތަކެތީގެ ހިދުމަތް ދެމުން ދިޔަ ތިން ތަނެއް ބަންދުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގައި ނުތާހިރުކޮށް ކާބޯތަކެތީގެ ހިދުމަތް ދެމުން ދިޔަ ތިން ތަނެއް ބަންދުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމާއި އާންމު ސިއްހަތާ ގުޅުން ހުރި ޝަކުވާތަކެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ލިބުމާ ގުޅިގެން މާލޭގެ ހަ ތަނެއް އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ތިން ތަނެއް ބަންދުކޮށްފައި ވަނީ އާއްމު ސާފުތާހިރުކަން ދަށްވަމުންނާއި ކާބޯތަކެތީގެ ރައްކާތެރިކަމެއް ނެތުންނެވެ.

އިންސްޕެކްޝަން ކުރިއަށް ގެންދިޔަ ތަންތަން:

- މ. ކަފަގަސްދޮށުގޭގައި ހިންގާ މެމްބަރު ހޮޓެލް

- 1979 ޝޮޕް

- މ. ހުއިވަނިގައި ހިންގާ ދޮންމަނިކް

- މ. ހަނީ ސަކުލްގައި ހިންގާ ކެފޭ ކޯނާ

- މ. ހަނީ ސަކުލްގައި ޓޭކްއަވޭގެ ހިދުމަތްދޭ ދަ ކެބިން

- މއ. ހަނީ ސަކަލް ގޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ ބަދިގެއެއް

އެ އިންސްޕެކްޝަނަށް ފަހު، އާންމު ސިއްހަތަށް ނުރައްކާތެރިވެދާނެ ހާލަތެއް ކުރިމަތިވެދާނެތީ މެމްބަރު ހޮޓެލް އާއި ދަ ކެބިން އާއި ރަޖިސްޓްރީ ނުކޮށް ހިންގަމުންދިޔަ ބަދިގެއަށް ނޯޓިސް ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ ނޯޓިސް ނައްޓައި ހިދުމަތް ކުރިއަށް ގެންދެވޭނީ އެ ތަންތަނުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ފަހު، އެކަން މިނިސްޓްރީއަށް އެންގުމުން، އެތަން ބަލައިފާސްކޮށް ރައްކާތެރިކަން ކަށަވަރުވުމުންނެވެ.

މިއީ ހެލްތު މިނިސްޓްރީ އާއި އެމްއެފްޑީއޭ އާއި އެޗްޕީއޭ އަދި މާލޭ ސިޓީ ކައުންސިލް ގުޅިގެން ހިންގި އިންސްޕެކްޝަނެކެވެ.

މިނިސްޓްރީން ބުނީ ހުޅުމާލޭގައި ނުތާހިރުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ 10 ތަނަކަށް މިދިޔަ ހަފްތާގައި ވެސް ނޯޓިސް ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން އަށް ތަނަކީ ހުޅުމާލޭ ފޭސް ދޭއްގައި ފެނާއި ކަރަންޓުގެ އެއްވެސް ހިދުމަތެއް ނެތި އާންމު ސާފުތާހިރުކަން ދަށްކޮށް މަސައްކަތްކުރާތީ ނޯޓިސް ދީފައިވާ ތަންތަނެވެ.

އިމިގްރޭޝަނާ ވެސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ގެސްޓްހައުސްގެ ގޮތުގައި މާލޭގައި ބިދޭސީން ދިރިއުޅޭ އަދި ކާބޯތަކެތީގެ ހިދުމަތް ދެމުންދިޔަ ދެ ތަނެއް ވެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ބަންދުކޮށްފަ އެވެ. ސާފުތާހިރުކަން ކުޑަކޮށް ހިދުމަތް ދިނީ މ. އެކިފަރު އަދި ހ. ބިއަންކާ ގޭގަ އެވެ.