Roadha Mihaaru

އުސެއިދާ ބައްދަލުވެއްޖެ، ހާލު ރަނގަޅު: އާއިލާ

މެލޭޝިޔާގައި ގެއްލިގެން ހޯދަމުން އައި ދިވެހި ޒުވާނާ އަހުމަދު އުސެއިދު، އޭނާގެ އާއިލާއާ އެ ގައުމުގެ ފުލުހުން މިއަދު ހަވާލުކޮށްފި އެވެ.

އުސެއިދާ ބައްދަލުވެއްޖެ، ހާލު ރަނގަޅު: އާއިލާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

05 މާޗް 2025

މެލޭޝިޔާގައި ގެއްލިގެން ހޯދަމުން އައި ދިވެހި ޒުވާނާ އަހުމަދު އުސެއިދު، އޭނާގެ އާއިލާއާ އެ ގައުމުގެ ފުލުހުން މިއަދު ހަވާލުކޮށްފި އެވެ.

މެލޭޝިއާގެ ސަންވޭ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 24 އަހަރުގެ އުސެއިދު މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަނިކޮށް ފެނުނީ ހޮޓަލަކަށް "އަރާމު ކޮށްލަން" ދިޔަ ތަނުން ހިނގި ހާދިސާއަކާ އެކު، އެ ހޮޓަލުގެ ފަރާތުން ފުލުހުންނާ ހަވާލުކުރި ހިސާބުންނެވެ.

މެލޭޝިއާގައި މިވަގުތު ހުންނެވި އުސެއިދުގެ ބައްޕަ އަދި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ބ. އަތޮޅު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް އަފީފު "މިހާރު" އަށް މިއަދު ވިދާޅުވީ، ބޮޑު ޗުއްޓީ އާއިލާއާ އެކު ހޭދަކުރުމަށް ފަހު، ފެށުނު ވަގުތު މެލޭޝިއާގައި އެކަނި ހުންނަން ޖެހުމުން އުސައިދު މާ ބޮޑަށް މާޔޫސްވެ، މަންމަ ގާތަށް ސްރީ ލަންކާ އަށް ދާން ބޭނުންވީ ކަމަށެވެ.

"އެކަމުގައި އެމްބަސީގެ އެހީތެރިކަން ލިބޭތޯ ދިޔައީ، އޭރު އޭނަ ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސް ކުރެވިގެން ކުރިމަތީގައި ހުރި ހޮޓަލުގައި ވަރުބަލިކަން ފިލަންދެން މަޑުކޮށްލަން ދިޔައީ. އޭގެ ފަހުން އެ ހޮޓަލުގެ ރިސެޕްޝަންގައި ތިބި މީހުންނާ އުސައިދާ ދެބަސްވުމެއް އުފެދި އެ ހޮޓަލުން ގުޅައިގެން އެ ތަނަށް ޕޮލިސް ގޮސް އުސެއިދު ގެންދިޔައީ،" އަފީފު ވިދާޅުވި އެވެ.

"އެހެންވެ، އުސެއިދު ފުލުހުންގެ ކަސްޓަޑީގައި ގެންދިޔައީ. އެ ހިސާބުން އަޅުގަނޑުމެންނަށް ފުލުހުން އަންގައިގެން ދިޔައީ. އުސެއިދާ ބައްދަލުވެއްޖެ. ހާލު ވެސް ރަނގަޅު."

ބައްޕަ ވިދާޅުވީ، މޮނާޝް ޔުނިވާސިޓީގައި ކިޔަވާ އުސެއިދު ބޮޑަށް އުޅުނީ "އެކަނިވެރިވެގެން" ކަމަށާއި އެ ވާހަކަ ސްރީ ލަންކާގައި ދިރިއުޅޭ މަންމަ އާއި އާއިލާގެ މީހުން ކައިރީ ވެސް ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑަށް ވެސް ގުޅާފައި ބުނި ބައްޕަ އަންނާށޭ. އެކަނިވެގެންނޭ މި އުޅެނީ. އަޅުގަނޑު ބުނިން އެބަދަމޭ، ދެ މީހުން އެކުގައޭ ރޯދަވީއްލާނީ ވެސް. އެހެން ކިޔާފައި ހުއްޓާ މި ކަމެއް ދިމާވީ،" އަފީފު ވިދާޅުވި އެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވެސް އުސެއިދު ދިޔައީ މާ ބޮޑަށް މާޔޫސް ވެގެން ކަމަށާއި އެކަމަކު އެތަން ބަންދުކޮށްފައި ހުރުމުން އެއްވެސް މީހަކާ ބައްދަލު ނުވީ ކަމަށް އަފީފު ވިދާޅުވި އެވެ. އެކަމަކު، އަރާމުކޮށްލަން އެމްބަސީ ހިންގާ އިމާރާތުގެ ބޭރު ބައިގައި ޖައްސާލައިގެން އޮތް މަންޒަރު ސީސީޓީ ފުޓޭޖުން ފެނުނު ކަމަށް އަފީފް ވިދާޅުވި އެވެ.

އުސެއިދު ހޯދުމަށް ކުރި މަސައްކަތުން ސީސީޓީވީ ފުޓޭޖުތަކުންނާއި ބައެއް މީހުން ދިން މައުލޫމާތުތަކުން އުސައިދު އާދިއްތަ ދުވަހުގެ ހަވީރު 4 ޖެހިއިރު އެމްބަސީ އަށް ދިޔަ ކަން އެނގުނު ކަމަށް ބައްޕަ ވިދާޅުވެފައި ވެ އެވެ.

"ސެމިސްޓާ ފެށުމާ އެކު، މާ ބޮޑަށް އެކަނިވެރިވެގެން އުޅުނީ. އެހެންވެ، ރެސްޓް ކޮށްލަން އެމްބަސީ އަށް ވަންނަން ދިޔައީ ކަމަށް އުސެއިދު ބުނަނީ. ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއް ނުވުމުން އެ ތަނުގައި ގަޑިއިރެއްހާއިރު މަޑުކޮށްފައި ނުކުމެގެން ދިޔައިރު އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފައި،" އޭނާގެ ބައްޕަ ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓްގައި ވެ އެވެ.

އުސައިދުގެ ވޮލެޓާއި ކާޑު އެމްބަސީން ފުލުހުން މެދުވެރިކޮށް އިއްޔެ ވަނީ އާއިލާއާ ހަވާލުކޮށްފައި ވިއަސް އުސައިދާ ބައްދަލު ނުވާ ކަމަށް އަފީފު އޭރު ވިދާޅުވި އެވެ.

އާއިލާއިން ބުނި ގޮތުގައި އުސެއިދުގެ ސިއްހީ އެއްވެސް މައްސަލައެއް ނޫޅެ އެވެ.