Roadha Mihaaru

ބެޔާން އަތުން ބަލިވީ ގޯސްތަކެއް ހެދިގެން: އޮލޮންސޯ

ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި ރޭ ވާދަވެރި ބެޔާން މިއުނިކް އަތުން 3-0 އިން ބަލިވީ ގިނަ ގޯސްތަކެއް ހެދިގެން ކަމަށް ބެޔާ ލެވަކޫސަންގެ ކޯޗު ކޯޗު ޒަބީ އޮލޮންސޯ ބުނެފި އެވެ.

ބެޔާން އަތުން ބަލިވީ ގޯސްތަކެއް ހެދިގެން: އޮލޮންސޯ

ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި ރޭ ވާދަވެރި ބެޔާން މިއުނިކް އަތުން 3-0 އިން ބަލިވީ ގިނަ ގޯސްތަކެއް ހެދިގެން ކަމަށް ބެޔާ ލެވަކޫސަންގެ ކޯޗު ކޯޗު ޒަބީ އޮލޮންސޯ ބުނެފި އެވެ.

މިދިޔަ ދެ ތިން އަހަރެއްގައި ޔޫރަޕުން ފެނުނު އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ލެވަކޫސަން އަށް، މި ނަތީޖާގެ ސަބަބުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ވަނީ ހަނިވެފަ އެވެ. އަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން ބޮޑު ތަފާތަކުން މޮޅުވެގެން ނޫނީ އެ ޓީމަށް ފުރުސަތެއް ނޯންނާނެ އެެވެ.

ރޭގެ މެޗުގައި މައިކަލް އޮލީސޭ ނަގައިދިން ހުރަހަކުން ހެރީ ކޭން ނުވަ ވަނަ މިނިޓުގައި ބެޔާނަށް ލީޑު ނަގައިދިން އިރު ދެވަނަ ހާފުގައި މަޓޭއި ކޮވާ އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި ބެޔާނުން ލީޑު ފުޅާ ކުރި ލަނޑު ޖަހައިދިނީ ޖަމާލް މުސިއަލާ އެވެ.

އެ އަށް ފަހު ލެވަކޫސަންގެ ޑިފެންޑަރު ނޯޑީ މުކިއެލޭ އަށް ރަތް ކާޑު ދައްކާފައި ވަނިކޮށް، ހެރީ ކޭން ބެޔާނުގެ ތިން ވަނަ ލަނޑު ޖަހައިދިނީ ޕެނަލްޓީއަކުންނެވެ.

"އަހަރެމެންނާ އިދިކޮޅަށް ވަރަށް ބައިވަރު ކަންކަން ދިޔަ މެޗެއް މިއީ. އެ ހުރިހާ ކަމެއް ދިމާވީ އަހަރެމެންނަށް ހެދުނު ގޯސްތަކުގެ ސަބަބުން. އެއްވެސް ކޮންޓްރޯލެއް ނެތި ގޯސްތައް ތަކުރާރު ވުމުގެ ސަބަބުން،" މާޔޫސްވެފައި ހުރެ އޮލޮންސޯ ބުންޏެވެ.

"މި މެޗުގައި ވީ ކަންކަން ބަލައިގަންނަން ވަގުތު ނަގާނެ. އެކަމަކު އަދި މިއީ ނިމުމެއް ނޫން. ފުޓުބޯޅައިގައި ގަބޫލު ކުރަން ދަތި އެތައް ކަމެއް ވާނެ. އަހަރެމެން މަސައްކަތް ކުރާނީ އަންނަ ހަފުތާގައި އަދިވެސް ކުރިއަށް ދާނެ އިތުރު ގޮތެއް ހޯދޭތޯ."

ގަދަ 16 ޓީމުގެ ބުރުގައި ރޭ އިންޓަ މިލާން ވަނީ ރަށުން ބޭރުގައި 2-0 އިން ނެދަލެންޑްސްގެ ފެޔަނޫޑް ބަލިކޮށްފަ އެވެ. އިންޓަގެ ވާދަވެރި އޭސީ މިލާން ކަޓުވާލުމަށް ފަހު މި ބުރުން ފުރުސަތު ހޯދި ފެޔަނޫޑް ކޮޅަށް އިންޓަގެ ލަނޑުތައް ޖަހައިދިނީ ދެ ފޯވާޑުން ކަމަށްވާ މާކަސް ތުރާމް އާއި، ލައުޓާރޯ މާޓިނޭޒް އެވެ.