Roadha Mihaaru
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ

ޗެމްޕިއަންސް ލީގު ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ

17 މާޗް 2023

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޗެމްޕިއަން، ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިންގްލެންޑުގެ ޗެލްސީ އަދި ޖަރުމަނުގެ ބަޔާން މިއުނިކާއި އިންގްލެންޑުގެ މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެ އެވެ.4

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޗެމްޕިއަން، ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިންގްލެންޑުގެ ޗެލްސީ އަދި ޖަރުމަނުގެ ބަޔާން މިއުނިކާއި އިންގްލެންޑުގެ މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެ އެވެ.4

ކުއާޓާގެ އަނެއް ދެ މެޗުގައި ވާދަކުރާނީ އިޓަލީގެ ދެ ޓީމު ކަމަށްވާ ނަޕޯލީ އާއި އޭސީ މިލާން އަދި ޕޯޗުގަލްގެ ބެންފީކާ އާއި އިޓަލީގެ އިންޓަ މިލާނެވެ.

ސްވިޒަލެންޑުގެ ނިޔޯނުގައި ހުންނަ ޔުއެފާގެ ހެޑްކުއާޓަރުގައި އޮތް ރަސްމިއްޔާތެއްގައި ގުރުނަގައިދިނީ މުބާރާތުގެ އެމްބެސެޑަރު ތުރުކީގެ ކުރީގެ ކުޅުންތެރިޔާ ހަމިތު އަލްޓިންޓޮޕް އާއި ނެދަލެންޑްސްގެ ކުރީގެ ފޯވާޑް ޕެޓްރިކް ކްލައިވަޓެވެ.

ރެއާލް އާއި ޗެލްސީ މިިދިޔަ ދެ ޗެމްޕިއަންސް ލީގުގައި ވެސް ބައްދަލުކުރި އެވެ. ޗެލްސީން 2021 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރިއިރު، ސެމީ ފައިނަލުން ރެއާލް ކަޓުވާލި އެވެ. އަދި ރެއާލުން މިދިޔަ ސީޒަނުގެ މުބާރާތް ކާމިޔާބުކުރިއިރު ކުއާޓާ އިން ޗެލްސީ ކަޓުވާލި އެވެ. މި ދެ ޓީމުގެ މި ފަހަރު ކުރިމަތިލުމުގެ ފުރަތަމަ ލެގު އޮންނާނީ މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގަ އެވެ.

ސިޓީ އާއި ބަޔާން ވަނީ ޗެމްޕިއަންސް ލީގުގައި ހަ މެޗު ކުޅެފަ އެވެ. ކޮންމެ ޓީމެއް ވަނީ ތިން މެޗު ކާމިޔާބުކޮށްފަ އެވެ. މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މި ދެ ޓީމުގެ ކުރިމަތިލުމުގެ ފުރަތަމަ ލެގު އޮންނާނީ ސިޓީގެ ދަނޑުގަ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އަލަށް ވާދަކުރާ ނަޕޯލީން ބައްދަލުކުރާ މިލާނަކީ މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އެކަމަކު މިވަގުތަށް ބަލާއިރު ފޭވަރިޓުންނަކީ ނަޕޯލީ އެވެ. އެ ޓީމު އޮތީ އިޓާލިއަން ލީގުގައި 18 ޕޮއިންޓުގެ ލީޑެއްގަ އެވެ. އަދި ނަޕޯލީ ވަނީ ލީގުގައި މިލާން އަތުން 2-1 އިން މޮޅުވެފަ އެވެ.

މި މެޗުން މިލާން މޮޅުވެ އަދި، އިންޓަ އާއި ބެންފީކާ މެޗުން އިންޓަ މޮޅުވެއްޖެ ނަމަ ސެމީ ފައިނަލުގައި މިލާން ޑާބީއެއް ފެންނާނެ އެވެ. މީގެ މި މުބާރާތުގައި މިލާން ޑާބީ އެއް ދެ ފަހަރު ފެނުނެވެ. އެ ދެ ފަހަރު ވެސް، 2003 އާއި 2005 ގައި ކުރި ހޯދީ މިލާނެވެ.

ކުއާޓާގެ މެޗުތައް އޮންނާނީ އަންނަ އޭޕްރިލް 11، 12 އަދި 18، 19 ގަ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާގެ މެޗުތައް:

ރެއާލް މެޑްރިޑް (ސްޕެއިން) – ޗެލްސީ (އިންގްލެންޑް)

މެންޗެސްޓާ ސިޓީ (އިންގްލެންޑް) – ބަޔާން މިއުނިކް (ޖަރުމަން)

އިންޓަ މިލާން (އިޓަލީ) – ބެންފީކާ (ޕޯޗުގަލް)

އޭސީ މިލާން (އިޓަލީ) – ނަޕޯލީ (އިޓަލީ)