ވަރަށް ހާލުގައި އުޅެނިކޮށް ބީއެމްއެލްގެ އެހީގައި އަމިއްލަ ބޯހިޔާވަހިކަމެއް ލިބިއްޖެ އެވެ. އެކަމަކު މި ރަށުގެ ފިހާރަތަކުގައި އަދިވެސް އޭނާގެ ދަރަނި އެބަހުއްޓެވެ. ކޮންމެ އަހަރެއްގެ ފިތުރު ޒަކާތުން ފަގީރުންނަށް ލިބޭ ބައިން ދައްކަމުން ގޮސް މިހާރު އެ އަދަދު 20,000 ރުފިޔާ އަށް ކުޑަވެއްޖެ އެވެ.
07 މާޗް 2025
ވަރަށް ހާލުގައި އުޅެނިކޮށް ބީއެމްއެލްގެ އެހީގައި އަމިއްލަ ބޯހިޔާވަހިކަމެއް ލިބިއްޖެ އެވެ. އެކަމަކު މި ރަށުގެ ފިހާރަތަކުގައި އަދިވެސް އޭނާގެ ދަރަނި އެބަހުއްޓެވެ. ކޮންމެ އަހަރެއްގެ ފިތުރު ޒަކާތުން ފަގީރުންނަށް ލިބޭ ބައިން ދައްކަމުން ގޮސް މިހާރު އެ އަދަދު 20,000 ރުފިޔާ އަށް ކުޑަވެއްޖެ އެވެ.
ހަތް ކުދިންގެ މަންމަ, މަރިޔަމް ޝަހީލާ 38, އަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ ދަރަނި އަދާކޮށް ނިމުނީމަ އެވެ.
އެ ދަރަންޏަކީ އޭނާ ދިރިއުޅުނު ނިކަމެތި ހާލަތެވެ. ދަރިން ގޮވައިގެން އުޅެން ލިބުނީ ވާރޭ ހިޔާ ނުވާ ތަންތަނުގަ އެވެ. އޭނާ ސިފަކުރި ގޮތުގައި އެއްގޭގެ އަސްކަނިދޮށުން އަނެއް ގޭގެ އަސްކަންޏަށް ބަދަލުވަމުން ދިޔައީ އެއްވެސް ގޮތެއް ނެތިގެންނެވެ. ބައެއް ފަހަރު ކުޑަ ކުއްޔަކަށެވެ. އެ އާއިލާގެ ހާލު ފެނިފައި ހިލޭ ވެސް ބައިތިއްބަ އެވެ.
ޝަހީލާގެ ދިރިއުޅުން ބަދަލުވި ގޮތް "މިހާރު"އަށް ކިޔައިދެނީ. -- ފޮޓޯ: މުހައްމަދު އައުސަފް | މިހާރު
ތިން އިރު ބަނޑުފުރައި ކުދިންނަށް ކާކަށް ނުދެވެ އެވެ. ކައިގެން ބޮއެގެން އުޅެވުނީ ފަހުން ފައިސާ ދައްކާ ގޮތަށް ފިހާރަތަކުން ބިސްކޯދާއި ކިރާއި ހަކުރާއި ހަނޑޫ ދޫކުރާތީ އެވެ.
"ކައިގެން ބޮއެގެން އުޅެވުނީ ދަރަނިވެރިވެގެން. [ފިހާރަތަކުން] ކާއެއްޗެހި އަޅުގަނޑަށް އެގޮތަށް ދޫކުރޭ," ޝަހީލާ ބުންޏެވެ.
"ފިހާރައަކުން އެއްފަހަރު ބުނަން ވެސް ބުނި މިހާރު ދަރަނި ބޮޑުވެއްޖެއޭ. ދެނެއް ދުލެއް ނުކުރެވޭނެއޭ. ދެން އަނެއްކާވެސް މަޑުޖެހިލައިގެން ގާތްގަނޑަކަށް ހުރިން ކުދިންނަށް ރޯފަނި, ހަކުރާއި ފެން އަޅާފައި ގިރާފައި ދީގެން ވެސް. އެގޮތަށް ވެސް ކާންދީގެން ހުރިން ކެތްކޮށްލައިގެން."
ފުރަތަމަ ކައިވެނި ރޫޅުނު ހިސާބުން ފެށިގެން ތިން ކުދިންގެ ކަންކަން ހަމަޖެއްސީ ވަރަށް ހާލުގަ އެވެ. އޭގެ ފަހުން ކައިވެންޏެއްކޮށް ލިބުނު ހަތަރު ކުދިންނާ އެކު ޖުމްލަ ހަތް ކުދިން މި ރަށުގައި ފުރަތަމަ ދިރިއުޅުނީ އޭނާގެ މަންމަގެ ގޭގަ އެވެ. ތިން އަންހެން ކުދިން ނިދީ ޝަހީލާއާ އެކު ކޮޓަރިއެއްގަ އެވެ. ފިރިހެން ކުދިން ނިދީ ބައްޕައާ އެކު ސިޓިންރޫމުގަ އެވެ. އެންމެން ބޭނުންކުރަން ހުރީ އެއް ފާހާނާ އެވެ. ސްކޫލަށް ދާ ގަޑީގައި ކުދިން ވެސް އުޅެން ޖެހެނީ ވަރަށް ދަތިކޮށެވެ.
އެހެންވެ އެ ގެއިން ފުރަތަމަ ބަދަލުވީ ކުޑަ ކުއްޔަކަށް މި ރަށު މީހެއްގެ ގެއަކަށެވެ. އެތަނަށް ކުލި ދެއްކޭނެ ގޮތެއް ނެތިގެން ދެން ބަދަލުވީ އެހެން ގެއަކަށެވެ. ވަރަށް ބޮޑަށް ވީރާނާވެފައި ހުރި އެ ގޭގައި ރަށުން ބޭރު ފިރިމީހާ އާއި ކުދިންނާ އެކު ޝަހީލާ އުޅުނީ ހިލެ އެވެ.
މަސައްކަތް ކޮށްގެން ފިރިމީހާ އަށް ލިބޭ އެއްޗަކުން ބިލްތައް ދައްކައި ކުދިންގެ ޒަރޫރީ ކަންކަން ކޮށްފައި އަތުގައި އެއްޗެއް ނޯވެ އެވެ.
ޝަހީލާ ބުނީ ހާލުގައި އުޅުނު އިރު ވެލިދޫގެ މީހުން އޭނާ އަށް ވަރަށް ހެޔޮ ކަމަށެވެ. އެ މީހަކަށް ވެދެވެން އޮތް މިންވަރަކަށް އެހީތެރިކަން ވެސް ދިނެވެ. ކުދިންގެ ޔުނިފޯމާއި ބޫޓާއި ސްކޫލަށް ބޭނުންވާ އެހެން ސާމާނު ވެސް ގެނެސްދެ އެވެ.
އޭނާ އަށް ކުރެވުނުހާ ވެސް ކަމަކީ ހާލަތު ބަދަލުކޮށްދިނުން އެދި ދުއާކުރުމެވެ. މަންމަމެންގެ ގެއިން ނުކުތް ހިސާބުން ވެސް އުއްމީދުކުރީ ދިރިއުޅެން ކަމުދާނެ ހިޔާވަހިކަމެއް ލިބޭނެ ދުވަހަކަށެވެ.
ޝަހީލާގެ ދެމަފިރިންނަށް ގެއެއް އިމާރާތް ނުކުރެވުނީ އެ ތަނަވަސްކަން ނެތިގެންނެވެ. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި އުޅޭތީ އަމިއްލަ އަށް ގެއެއް އިމާރާތް ކުރުމަކީ ނުވެސް ވިސްނޭ ކަމެކެވެ.
ބީއެމްއެލްގެ އެހީގައި ވެލިދޫގައި ޝަހީލާގެ އާއިލާއަށް އަޅައިދިން ގެ. -- ފޮޓޯ: މުހައްމަދު އައުސަފް | މިހާރު
އެހެން ތިއްބައި، ރާއްޖޭގެ އެކި ކަންކޮޅުގައި ތިބި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދަން ދަތި އާއިލާތަކަށް އެހީވުމަށް ގެ އިމާރާތްކޮށްދޭން ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ނިންމިކަން ޝަހީލާ އަށް ފެނުނީ ނޫހުންނެވެ. މި ރަށުގެ ފިއުޗަ ފައުންޑޭޝަން ޖަމިއްޔާއެއް ލައްވައި ފޯމު ހުށަހެޅީ ކޮންމެވެސް ހެޔޮ ގޮތެއް މެދުވެރިވެދާނެ ކަމަށް ދެކިގެންނެވެ.
"މީހުންގެ ގޭގައި އުޅުނު އިރު ކޮން ވަގުތަކު ބާވައޭ ނެރެލާނީ އެ ބިރުވެރިކަން އިނދޭ. އެކަމަކު މިއަދު އަޅުގަނޑު ލޯމަރާލިޔަސް ދަރިންނަށް ވަންނާނެ ތަނެއް އެބަހުރި. ޝުކުރުވެރިވަން," ޝަހީލާ ބުންޏެވެ.
ސީއެސްއާރުގެ ދަށުން ގިނަ ރަށްތަކަކަށް އަދި އަމިއްލަ ފަރުދުންނަށް ވެސް އެހީ ފޯރުކޮށްދެމުން އަންނަ ބީއެމްއެލް އިން 2022 ގައި އިއުލާންކުރީ ހައުސިން ގްރާންޓްގެ ދަށުން ގެ އަޅައި ފަރުނީޗަރު ވެސް ހޯދައިދޭށެވެ. ޝަހީލާ ހިމެނުނީ ގިނަ ބަޔަކު ކުރިމަތިލައިގެން ރާއްޖޭގެ އެކި ރަށްރަށުން ތިން ފަރާތެއް ހޮވިއިރު އޭގެ ތެރޭގަ އެވެ.
"ވަރަށް އުފާވި އެކަން އެނގުނީމަ. ހަގީގަތުގައި ދުއާ އިޖާބަކުރެއްވީ," އޭނާ ބުންޏެވެ.
"ކުދިން ބުނީ ދެން ނުޖެހޭނެ ދޯއޭ މަންމާއޭ މިގޮތަށް އެއްޗެހިކޮޅު ހިފައިގެން ދާކަށެއް. ކުދިންނަށް އުނދަގޫ ކަމަކަށް ވަނީ އިރުއިރުކޮޅާ ބަދަލުވާން."
ބީއެމްއެލް އިން އެ ގެ އަޅައި ދިނީ ބަޔަކާ ހަވާލުކޮށްގެން އެއް އަހަރާއި އަށް މަސް ތެރޭގަ އެވެ. ދެ ބުރިއަށް އިމާރާތްކޮށް ގެއަށް ބޭނުންވާ ފަރުނީޗަރު ވެސް ހޯދައިދިނެވެ. މި ގޭގެ އިތުރުން އެހެން ދެ ރަށެއްގައި ވެސް ހާލުގައި އުޅުނު މީހުންނަށް މި ޕްރޮޖެކްޓުގައި ބީއެމްއެލް އިން ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ.
އެ ގެ އިމާރާތްކުރަން ހަވާލުކުރި ކޮންޓްރެކްޓަރު ކަންކޮށްފައިވާ ގޮތާ މެދު ޝަހީލާ އެހާ ހިތްހަމަނުޖެހެ އެވެ. އެއީ، މިންވަރަށް އީމާން ނުވެ ޝަކުވާ ކުރަނީއޭ ބުނާތީ އޭނާ ދެރަވެ އެވެ.
އާރުޑީސީގައި އެންމެ ފަހުން މަސައްކަތް ކުރި ފިރިމީހާ މި ދުވަސްކޮޅު ވަޒީފާއަކަށް ނުދެ އެވެ. ބަލި ހާލަތު ހުރި ގޮތުން ބުރަ މަސައްކަތެއް ވެސް ނުކުރެވެ އެވެ. އެ އާއިލާގެ ހަރަދުތައް މިހާރު ހަމަޖައްސަނީ ޝަހީލާ ރޮށި ފިހެދީގެން މަހެއްގެ މައްޗަށް ލިބޭ 4,000 ރުފިޔާ އިންނެވެ.
ބިލްތައް ދައްކައި ބާކީ ކުރެވެނީ ކިރިޔާ 1,000 ރުފިޔާ އެވެ. ކުދިންގެ އެކި ކަންކަން ނިމޭއިރު މަހުގެ ބޮޑުބައި އަތުގައި ފައިސާއެއް ނޯވެ އެވެ. އެހެންވިޔަސް އޭނާ ހަމްދުކުރެ އެވެ.
ބޮޑު ފިރިހެން ދަރިފުޅަށް 18 އަހަރު ފުރިއްޖެ އެވެ. ވަޒީފާ އަށް ދާން ނިޔަމި ކޯހެއް ހަދަން އޭނާ ބޭނުންވެ އެވެ. ރަށުގައި ނުހެދޭތީ އެ ކޯސް ހަދަން ފޮނުވަން ޖެހެނީ މާލެއަށެވެ. އެ އާއިލާގައި އަދި ނެތީ އެކަން ކުރާނެ ތަނަވަސް ކަމެވެ.
ޝަހީލާ ގަބޫލުކުރާ ގޮތުގައި ހިޔާވަހިކަމެއް ލިބުނީ ދުއާ އިންނެވެ. ދަރިންނަށްޓަކައި އޭނާ ކުރި ދުއާ އިޖާބަކުރީ އެވެ.
"މީހުންގެ ގޭގައި އުޅުނު އިރު ކޮން ވަގުތަކު ބާވައޭ ނެރެލާނީ އެ ބިރުވެރިކަން އިނދޭ. އެކަމަކު މިއަދު އަޅުގަނޑު ލޯ މަރާލިޔަސް ދަރިންނަށް ވަންނާނެ ތަނެއް އެބަހުރި. ޝުކުރުވެރިވަން," ޝަހީލާ ބުންޏެވެ.
"އަޅުގަނޑު ދުއާކުރަން އަޅުގަނޑު ކަހަލަ ނިކަމެތި މީހުންނަށް ވެސް މި ކަހަލަ ތަނަވަސްކަމެއް ދެއްވުން އެދި."
ކިތަންމެ ދަތިކޮށް އަދި އުޅެން ޖެހުނަސް އެ ގެއަކީ ޝަހީލާ ގަބޫލުކުރާ ގޮތުގައި ދުނިޔެމަތިން ލިބުނު ނިއުމަތެކެވެ. އެންމެ ބޮޑު ތަކުލީފަށް އެ ގެއާ އެކު ނިމުން އަ އެެވެ.
ވާދޫގައި "އަނދިރިއަނދިރިންގެ މަންމަ"
ޑަބްލިއުޑީސީން ހޯދީ މިރަށު ހުރިހާ އަންހެނުންނަށް ވަޒީފާ
ކުނިގޮނޑަކުން އުފަންވި "ކަދުރު ޕާކް" ގެ ވާހަކަ
ރިނބުދޫ އިން އެހެން މަންޒަރެއް
ނަސީރު: ޖަރުމަނުން މިލިއަނަރަކަށް ނުވަނީސް ވައްޓާލީ!
ވާހެދިފައި ވިޔަސް މިއީ އަގުހުރި ތަރިކައެއް
ތޮއްޑޫން ފެހިކަމާއި ކުރިއެރުން: ނަމޫނާ ރަށެއް
ދާލުގެ ހިތުގައި މި ފަށަނީ ޓޫރިޒަމްގެ ވިންދު
މާފަރު ދަނޑުތައް ފައްކާވެފައި، ނެތީ ވިއްކޭނެ ގޮތެއް!
ސިމްޑީގެ ފުރަތަމަ ހަފްތާގެ އިނާމުތައް ދީފި