ރަށްރަށުގެ ރީތި ތިލަ ފަޅުތަކުގައި އުނދޯލި އެލުވައި ރަށުގެ ނަން ޖަހައި ލޭންކްމާކް ހެދުން މީގެ އަހަރުތަކެއް ކުރިން ވަރަށް އާންމުވި އެވެ. ރަށްރަށުގެ އެންމެ ހިތްގައިމު ހިސާބުތަކުގައި މިހެން އެލުވާ އުނދޯލިތަކުން ރަށްތައް ޕްރޮމޯޓްކުރެ އެވެ.
12 މާޗް 2025
ރަށްރަށުގެ ރީތި ތިލަ ފަޅުތަކުގައި އުނދޯލި އެލުވައި ރަށުގެ ނަން ޖަހައި ލޭންކްމާކް ހެދުން މީގެ އަހަރުތަކެއް ކުރިން ވަރަށް އާންމުވި އެވެ. ރަށްރަށުގެ އެންމެ ހިތްގައިމު ހިސާބުތަކުގައި މިހެން އެލުވާ އުނދޯލިތަކުން ރަށްތައް ޕްރޮމޯޓްކުރެ އެވެ.
އެކަމަކު ނ. ވެލިދޫގައި މި ހުރީ ކޮންމެ ގެއެއްގައި އުނދޯލި އެލުވައިފަ އެވެ. ބައެއް ގޭގޭގައި އެންމެ އުނދޯއްޔެއް ވެސް ނޫނެވެ. ގޭގެ ކުރިމަތީގަ އާއި ފަހަތުގައި ވެސް އުނދޯއްޔެވެ.
އެ ރަށުގެ ދުވަސްވީ މީހުން ބުނާ ގޮތުގައި އެއީ އެ ރަށުގެ ރަމްޒެވެ. ގޭގޭގައި ސިޓިންގް ރޫމުގައި ވެސް ސޯފާގެ ބެހެއްޓިމުގެ ބަދަލުގައި ވެސް އުނދޯލި އެލުވާފައި ހުރެ އެވެ.
"ފައިބައިގެން އަންނަ ތަނުގައި [ބަނދަރުގައި] ކުރިން ހުންނަނީ އުނދޯލި ގެ އެއް އަޅާފައި. ބޮޑު، ވަރަށް ރީތި އުނދޯއްޔެއް ހުންނާނެ އެ ތަނުގައި...،" ވެލިދޫ މީހަކާ އިނދެގެން އެ ރަށުގައި އުޅޭ އެހެން ރަށެއްގެ މީހަކު ބުންޏެވެ.
ވެލިދޫ ގެ އެއްގެ ސިޓިން ރޫމުގައި އެލުވާފައި ހުރި އުނދޯޔެއްގައި މީހަކު އިށީންދެލައިގެން.-- ފޮޓޯ: މުހައްމަދު އައުސަފް \ މިހާރު
އެ ރަށުން ވާހަކަ ދެއްކި މީހުން ބުނީ ކުރިން ހުރިހާ ގެއެއްގައި އުނދޯލި ނުހުންނަ ކަމަށެވެ. ނަމަވެސް މިހާރު ގޭގެ ކޮންމެ ވެސް އެއް ފަޅިއެއްގައި އުނދޯއްޔެއް ނެތް ގެ އެއް އެ ރަށުގައި ނުހުންނާނެ ކަމަށް އެ މީހުން ބުންޏެވެ.
"އުނދޯލި ބަހައްޓަނީ ހިތްހަމަ ޖެހޭތީ، ހިތްގައިމުކަމުން. ... ވާހަކަ ދައްކާލަން ވެސް ކައިރީގައި ދެމަފިރިންނަށް ނޫނީ ރައްޓެހިންނަށް ވެސް އެބަ ތިބެވޭ. ވައި ޖެހޭ، ގޮނޑީގައި ވިއްޔާ އެއްވެސް ފިންޏެއް ނުލިބޭ، ހަމަޖެހިގެން ނީނދެވޭ،" އެ ރަށު މީހަކު ބުންޏެވެ.
އެ ރަށުގެ ގޭގޭގައި އުނދޯލި ބަހައްޓަން ފެށީ ކޮން ދުވަސްވަރެއްގައިކަން ބުނަން އެ ރަށު މީހުންނަށް ވެސް ނޭނގެ އެވެ. ނަމަވެސް މިހާރު 80ގެ އަހަރުތައް ގުނަމުން އަންނަ މީހުން ވެސް ބުނާ ގޮތުން އެ މީހުން ހަނދާން ހުންނަން ފެށީއްސުރެ ރަށުގެ އެކި ގޭގޭގަ އާއި އާންމުކޮށް މީހުން ގޮސް އުޅޭ ހިސާބުތަކުގައި އުނދޯލި އެލުވާފައި ހުރެ އެވެ.
ވެލިދޫ ގެ އެއްގެ ފެންޑާގައި އެލުވާފައި ހުރި އުނދޯޔެއްގައި ކުދިންތަކެއް އިށީންދެލައިގެން.-- ފޮޓޯ: މުހައްމަދު އައުސަފް \ މިހާރު
ރަށުގެ ތާރީހާ ގުޅޭ ގިނަ ކަންކަން އެނގޭ އިބްރާހިމް ހަސަން (ޖަންބު އިއްބެ) ބުނި ގޮތުގައި އެ ރަށުގައި އެންމެ ފުރަތަމަ އުނދޯލި ބަހައްޓަން ފެށީ ރަށަށް އަންނަ ބޮޑެތި މީހުންނަށް އިހުތިރާމެއްގެ ގޮތުން ކަމަށެވެ. ބޭނުމަކަށްވީ އެއީ ފަންކާ ނުހުންނަ ދުވަސްވަރަކަށް ވުމުން، އުނދޯލި ހެއްލައިގެން ފިނިވާނެތީ އެވެ.
"ސަރުކާރުގެ އިސް، މަތީ ފަންތީގެ ބޭފުޅުންނާއި އެކި އެކި ވެރިން އައިސްގެން އެ މީހުންނަށް އިއްޒަތް އެރުވުމުގެ ގޮތުން ވަކިން އުނދޯއްޔެއް ހަދާފައި ކޮންމެ ގެއެއްގައި ވެސް ހުންނާނެ. އޭރު އެ އުނދޯޔަށް އެ ގޭގެ އަންހެން ވެރިން އަރައެއް ނޫޅޭނޭ. ގޯތި ގެދޮރުގެ ތަނަވަސްކަން ވެސް އޭރު ހުންނާތީ އެގޮތަށް އުނދޯލި އެލުވާފައި ހުރޭ،" އޭނާ ކިޔައިދިނެވެ.
ކުޑަކުދިން ނިންދަވަން އަރާ އެއްޗެއްގެ ގޮތުގައި ވެސް އުނދޯލި ބޭނުންކުރެ އެވެ.
"އޭރު ތިބޭނެ ކޮންމެ މީހެއްގެ 8،9 ނުވަތަ އެއަށްވުރެ ގިނައިން ދަރިން. ކުޑަކުދިން ނިންދެވުމަށް ވެސް ކޮންމެ ގެއެއްގައި ވެސް ހުންނާނެ އުނދޯޔެއް އެލުވާފައި. އެގޮތަށް ގިނަވެގެން ގޮސް ފަހުގެ ޖީލާ ހަމައަށް މި އައީ،"
ވެލިދޫ ގެ އެއްގެ ފެންޑާގައި އެލުވާފައި ހުރި އުނދޯޔެއްގައިދެމަފިރިން އިށީންދެލައިގެން.-- ފޮޓޯ: މުހައްމަދު އައުސަފް \ މިހާރު
އެ ރަށު މީހުން ބުނާ ގޮތުން ކުރީގެ ގެތަކުގައި މަދުވެގެން ތިން އުނދޯލި ހުރެ އެވެ. މިހާރު ހުންނަނީ އެންމެ އުނދޯޔެއް ނަމަވެސް އަލަށް އަޅާ ގެ ތަކުގައި ވެސް އެއް އުނދޯލި ބަހައްޓާނެ ޖާގަ ބާއްވަ އެވެ.
ކުރިން އެ ރަށުގައި އުނދޯލި ހެދީ ބަނބުކެޔޮ ގަހުގެ ލަކުޑިންނެވެ. އެއީ ކަނބުރުވެރިން ވެސް އެ ރަށުގައި ތިބި ޒަމާނަކަަށް ވުމުން އުނދޯލިތަކުން ވެސް އެ މީހުންގެ ފަންނުވެރިކަން އޭރު ފެނުނެވެ.
"ލޮއެ ކަބީލާ އަމިއްލައަށް ވިރުވައިގެން އޭރު އުނދޯލި ހަދަނީ. އެ ކަބީލާ ބަނބުކެޔޮ ފިލާގައި ހަރުކޮށްފައި ހުންނާނީ. އެ އެލުވާ ބޮޅު [ވާ ނުވަތަ ޗޭނު ޖަހައި އެލުވުމަށް ބޭނުން ކުރާ ބައި] ވެސް ރަށުގެ ތަނަވަސް ބޮޑެތި މީހުންގެ ގޭގޭގައި ހުންނާނީ އެ ލޮއިން އެބައި ހަދާފައި،" އޭނާ ބުންޏެވެ.
ވެލިދޫ ޕިކްނިކް ބީޗެއްގައި އެލުވާފައި ހުރި އުނދޯޔެއްގައި މީހަކު އިށީންދެލައިގެން.-- ފޮޓޯ: މުހައްމަދު އައުސަފް \ މިހާރު
އޭރުގެ އުނދޯލިތައް ފުޅާވެފައި ޖާގަ ވެސް ބޮޑެވެ. އޭރު އުނދޯލި ހެދީ ދަރިން ވެސް ނިންދެވޭ ވަރަށް ޖާގައާ އެކު ފުޅާކޮށް ކަމަށާއި ނަމަވެސް މިހާރު އުނދޯލި ބޭނުން ކުރަނީ ހަމައެކަނި އިށީންނަށް ކަމަށް ވާތީ ސައިޒަށް ވަނީ ބަދަލު އައިސްފަ އެވެ.
އުނދޯލީގައި އޭރު ބޭނުންކުރި ކަންނެޔޮ ނުވަތަ އޮށޯވެލުމަށް ބޭނުން ކުރާ ބާލީސް ހެދުމަށް ބޭނުން ކަފައެއް ނޫނެވެ. ބޭނުން ކުރީ ގޮވާމުގެ އެކިއެކި ބައިތަކެވެ.
އޭރުގެ އިއްޒަތްތެރިންނަށް ހުންނަ އުނދޯލިތަކުގައި އޭގެ ބޮޑު ދެ ކަންނޭލާއި ކުޑަ އެއް ކަންނޭލުގެ އިތުރުން ކުދި ބާލީސް [ކުޝަން] އުނދޯލީގައި ބަހައްޓާފައި ހުންނަ ކަމަށްވެ އެވެ. އޭގެ އިތުރުން އެ ރަށުގައި މީހުން ވިޔާ ސާންތި، ނުވަތަ ކުނާ ފަދަ ތަކެތި ވެސް އުނދޯލީގައި އަޅަން ބޭނުން ކުރި އެވެ. މިހާރުގެ އުދޯލިތަކުގައި ބާލީސް އެއްވެސް ވަރަކަށް ބޭނުމެއް ނުކުރެ އެވެ.
ވެލިދޫ ގެ އެއްގެ ގޯތި ތެރޭގައި އެލުވާފައި ހުރި އުނދޯޔެއްގައި ދެމަފިރިން އިށީންދެލައިގެން ދުފަނީ.-- ފޮޓޯ: މުހައްމަދު އައުސަފް \ މިހާރު
އުނދޯލީގެ ވާ ނުވަތަ ޗޭނު ހަދަން އޭރު ބޭނުންކުރީ އެ ރަށު މީހުން އަމިއްލައަށް ކުރެދިން ހަދާފައި ހުންނަ، ޗޭނު ގޮތަށް ހުންނަ ބައެކެވެ.
ޒަމާނަށް އައި ބަދަލާ އެކު ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވީ އެވެ. ފިނިކުރަން ބޭރަށް ނުކުތުމުގެ ބަދަލުގައި މިހާރު ގޭގޭގައި ފަންކާ އާއި އޭސީތަކެވެ. ނަމަވެސް ވެލިދޫ މީހުން ދޫކޮށްލަން ބޭނުން ނުވި ހިތްގައިމު އާދައަކަށްވީ އެ މީހުންގެ ކާބަފައިން ދޫކޮށްފައި ދިޔަ އުނދޯލިތަކެވެ. އެ އުނދޯލިތައް އަދިވެސް އެ ހުރީ ހެއްލިލަ ހެއްލިލަ އެވެ.
ނިކަމެތި ހާލާ މެދު ދުއާ ކުރަނިކޮށް ލިބުނު ނިއުމަތް
ރިނބުދޫގެ ހަމަހިމޭންކަމާއި ހިތްގައިމު ދިރިއުޅުން
މި ރީތިކަމާއި ފުރިހަމަ ކަމުގެ ތެރެއަށް ގެއްލިފައި
ވާދޫގައި "އަނދިރިއަނދިރިންގެ މަންމަ"
ޑަބްލިއުޑީސީން ހޯދީ މިރަށު ހުރިހާ އަންހެނުންނަށް ވަޒީފާ
ކުނިގޮނޑަކުން އުފަންވި "ކަދުރު ޕާކް" ގެ ވާހަކަ
ރިނބުދޫ އިން އެހެން މަންޒަރެއް
ނަސީރު: ޖަރުމަނުން މިލިއަނަރަކަށް ނުވަނީސް ވައްޓާލީ!
ވާހެދިފައި ވިޔަސް މިއީ އަގުހުރި ތަރިކައެއް
ތޮއްޑޫން ފެހިކަމާއި ކުރިއެރުން: ނަމޫނާ ރަށެއް